English Edition
Dhivehi Edition
16 ޖުލައި 2019ގައި ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެކްސްކޯ މެންބަރުންނާއި ރައީސް ޞާލިޙް ބައްދަލުކުރައްވަނީ - ފޮޓޯ: ރައީސް އޮފީސް

ބާ ކައުންސިލުގެ ދާއިމީ ސަބް ކޮމިޓީތަކުގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.

ދިވެހިރާއްޖޭގެ ބާ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ ކައުންސިލުގެ ދާއިމީ ސަބް ކޮމިޓީތައް އެކުލަވާލުމަށްޓަކައި، އެ ކޮމިޓީތަކުގެ މެންބަރުކަމަށް އެދި ހުށަހެޅުމަށް އެކަމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކަށް ފުރުޞަޠު ހުޅުވާލާފައިވާ ކަމަށެވެ.

ޤާނޫނީ ފަންނުގެ ޤާނޫނުގައި ބަޔާންކުރާ ދާއިމީ ސަބް ކޮމިޓީތަކަށް، މެންބަރުން ނެގުމަށް ހަމަޖެހިފައިވަނީ އެތިކްސް ކޮމިޓީ، ޤާނޫނީ ތަޢުލީމު ކޮމިޓީ އަދި ލޯ ރިފޯރމް އެންޑް ރިސަރޗް ކޮމިޓީ އަށެވެ. މީގެ ތެރެއިން އެތިކްސް ކޮމިޓީ އާއި ލޯ ރިފޯމް އެންޑް ރިސަރޗް ކޮމިޓީއަށް ތިން މެންބަރުން ނެގުމަށް ހަމަޖެހިފައިވާއިރު، ޤާނޫނީ ތަޢުލީމު ކޮމިޓީއަށް ނަގާނީ ދެ މެންބަރުންނެވެ.

މި މަގާމަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި ޤާނޫނީ ވަކީލުކަމުގެ ހުއްދަ އޮތް މީހަކުކަމުގައިވުމާއެކު ޤާނޫނީ ދާއިރާގައި މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ. މީގެ އިތުރުން ޤާނޫނީ ދާއިރާގައި ކޮށްފައިވާ މަސައްކަތުގެ ތެރޭގައި އެމީހެއްގެ ނަޒާޙާތްތެރިކަމާމެދު ސުވާލު އުފެދޭ ފަދަ މައްސަލައެއް ޝަރުޢީ ކޯޓަކަށް ނުވަތަ ބާ ކައުންސިލަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުންވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

މި ކޮމިޓީތަކުގެ މަސްއޫލިއްޔަތުތަކަކީ ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގައި ބަޔާންކުރާ މަސްއޫލިއްޔަތުތަކުގެ ތެރެއިން އެ ކޮމިޓީއަކާ ގުޅޭ ދާއިރާއަކުން ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް ލަފާދިނުމާއި، އެގްޒެކެޓިވް ކޮމިޓީން ކަނޑައަޅާ ޒިންމާތައް އަދާކުރުމެވެ.

އެ މާޤާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 6 ޑިސެންބަރު 2020 ވާ އާދީއްތަ ދުވަހުގެ 14:00 އެވެ.

ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނުގެ 3 ވަނަ މާއްދާގެ (ހ) ގެ ދަށުން “ދިވެހިރާއްޖޭގެ ބާ ކައުންސިލު”، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙް އުފައްދަވާފައިވަނީ މިދިޔަ އަހަރު ޖުލައި މަހުގެ 27 ވަނަ ދުވަހުއެވެ. ގާނޫނީ ވަކީލުންގެ ކަންކަން މޮނީޓާ ކުރުމާއި ގާނޫނީ ފަންނު އިތުރަށް ތަރައްގީކޮށް ކުރިއެރުވުމުގެ ހުރިހާ ޒިންމާއެއް މަތިކޮށްފައިވަނީ ބާ ކައުންސިލަށެވެ.