ސަރަހައްދީ ފަތުރުވެރިކަމުގެ އެންމެ ޝަރަފުވެރި އެވޯޑު، ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް 2022 އަށް (ސަޓާ) އެވޯޑަށް 2 ކެޓަގަރީއަކުން އީކުއޭޓަރ ވިލެޖް ނޮމިނޭޓް ވެއްޖެއެވެ.
މި އެވޯޑަށް އީކުއޭޓަރ ވިލެޖް، ނޮމިނޭޓް ވެފައިވަނީ “ލީޑިން އެއާޕޯޓް ހޮޓެލް އަދި “ލީޑިން ހެރިޓޭޖް” މި 2 ކެޓަގަރީންނެވެ.
އައްޑޫސިޓީގެ ގަމުގައި ކައިމޫއިން ހިންގަމުން އަންނަ އީކުއޭޓަރ ވިލެޖުން ވަނީ ވޭތުވެ ދިޔަ 2 އަހަރުވެސް ސަޓާ އެވޯޑުގެ “ލީޑިން އެއާޕޯޓް” ގެ އެވޯޑު ހާސިލްކޮށްފައެވެ. މީގެ އިތުރުން އީކުއޭޓަރ ވިލެޖް ވަނީ ވިދިވިދިގެން 2 އަހަރު، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) ގެ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގައި “ލީޑިން އެއާޕޯޓް ހޮޓެލްގެ އެވޯޑު ” ހާސިލް ކޮށް 2017 ، 2018 އަދި 2019 ވަނަ އަހަރު “ލީޑިން އެއާޕޯޓް ހޮޓެލް ” އަދި “ލީޑިން ބުޓިކް ހޮޓެލް” މި ދެ ކެޓަގަރީން ސަޓާ އެވޯޑަށް ނޮމިނޭޓް ވެފައެވެ.
ސަޓާ އެވޯޑަށް އީކުއޭޓަރ ވިލެޖް ނޮމިނޭޓް ވެފައިވާއިރު ނޮމިނޭޓު ވެފައިވާ ކެޓަގަރީން ވޯޓު ދިނުމަކީ އައްޑޫއަށް މިފަދަ ޝަރަފުވެރި އެވޯޑެއް ހޯދައި ދިނުމަށް އައްޑޫގެ ރައްޔިތުންނަށް ކުރެވޭނެ މަސައްކަތަކަށް ވެގެންދާނެއެވެ. ކުރަން ޖެހެނީ ކުޑަކުޑަ މަސައްތެކެވެ.
ވޯޓު ދިނުމަށްޓަކައި Voting Page | South Asian Travel Awards މި ލިންކަށް ފިއްތާލާށެވެ. އަދި ލިންކު ހުޅުވާއިރު އީކުއޭޓަރ ވިލެޖް ގެ ނަން ފެންނާނެއެވެ. އެއަށްފަހު “ވޯޓް ނައު” ގައިވާ ލީޑިން ބުޓިކް ހޮޓެލް އަށް ކްލިކް ކޮއް ވޯޓު ދެއްވަވާށެވެ. ދެން އީމެއިލް އެޑްރެސް ޖެއްސެވުމަށް ފަހު “ވޯޓް” މި ތަނަށް ފިއްތަވާލާށެވެ.
ދެވަނަ ކެޓަގަރީން ވޯޓު ދެއްވުމަށްވެސް ކުރިން ހެއްދެވި ގޮތަށް “ވޯޓް ނައު” ގައިވާ “ލީޑިން ހެރިޓޭޖް”އަށް ކްލިކްކޮށްލައްވާ އީމެއިލް އެޑްރެސް ޖައްސަވާލެއްވުމަށްފަހު “ވޯޓް ނައު” އަށް ފިއްތަވާލައްވަވާށެވެ.
ވޯޓު ދެވުނުކަން އަންގައި ދިނުމަށް ވޯޓު ދެއްވީތީ ޝުކުރިއްޔާ” ގެ މެސެޖް އަންނާނެއެވެ.
ވޯޓު ދިނުމުގެ އެންމެ ފަހު ތާރީޚަކީ ޖުލައި މަހުގެ 15 ވަނަ ދުވަހެވެ.
ސަޓާ އެވޯޑަކީ މި ސަރަހައްދުގެ ޓްރެވަލް އަދި ހޮސްޕިޓަލިޓީ ދާއިރާ އިން ހިދުމަތް ދޭ ފަރާތްތަކުގެ އަގުވަޒަންކޮށް ދޭ އެވޯޑެކެވެ.
ސަޓާ އެވޯޑްސް އެންމެ ފުރަތަމަ ބާއްވާފައިވަނީ 2016 ވަނަ އަހަރު ސްރީލަންކާގެ ކޮލަމްބޯގައެވެ. އަދި ޖެހިގެން އައި 2017 އަހަރު ރާއްޖޭގެ އައްޑޫ ސިޓީގެ އީކުއޭޓާ ވިލޭޖުގައި އެވޯޑް ހަފްލާ ބޭއްވިއިރު 2018 ވަނަ އަހަރު ސަޓާ އެވޯޑްސް ހަފުލާ ބޭއްވީ އިންޑިއާގެ މުމްބާއީގައެވެ. އަދި އެންމެފަހު ފަހަރު އެވޯޑްސް ހަފްލާ ބާއްވާފައިވަނީ ސްރީލަންކާގެ އަމާރީ ގޯލްގައެވެ.