English Edition
Dhivehi Edition
ގއ. ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް، ޙަސަން ދީދީ - ފޮޓޯ: ސޯޝަލް މީޑިއާ

ގއ. ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް، ޙަސަން ދީދީ ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިސްމެޖިސްޓްރޭޓް ޙަސަން ދީދީގެ އަށް މައްސަލައެއް ސާބިތުވެފައިވާ ކަމަށެވެ. އެއީ އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާ ކުރުމާއި، ބަރަހަނާ މަންޒަރު ހިމެނޭ ވީޑިއޯ ބެލުމާއި، މުވައްޒަފަކަށް ބަރަހަނާ މަންޒަރު ހިމެނޭ ވީޑިއޯ ދެއްކުމާއި، ޤާނޫނާއި ޚިލާފަށް ދަތުރުކުރުމާއި، ބިލްތައް ހެދުމާއި، ހަޑިހުތުރު ބަހުން އެއްޗެހި ގޮވުމާއި، ކޯޓުގެ މުދާ އަމިއްލަ ބޭނުމަށް ބޭނުންކުރުމާއި، ހެކިންގެ ބަޔާން ނެގުމަށް ހުރަސްއަޅާ މައްސަލަ އެވެ.

ޖޭއެސްސީން ބުނީ ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގައި ފަނޑިޔާރުންގެ ޤާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ކަނޑައެޅިގެން ޚިލާފުވެ، ފަނޑިޔާރެއްގެ ކިބައިގައި ހުރުން ލާޒިމުކުރާ ސުލޫކީ ސިފަތައް ނެތިގެންދާ ފަދަ ޢަމަލުތަކެއް އިސްމެޖިސްޓްރޭޓް ޙަސަން ދީދީ ކޮށްފި ކަމަށް އެ ކޮމިޝަނަށް ސާބިތުވެފައިވާ ކަމަށެވެ.

އެހެންކަމުން އިސްމެޖިސްޓްރޭޓް ޙަސަން ދީދީގެ މައްޗަށް ސާބިތުވެފައިވާ ކަމަކީ ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ފަދަ ފަނޑިޔާރުކަމުގެ މަޤާމާ އެކަށީގެން ނުވާ ޢަމަލެއް ކަމަށް ޖޭއެސްސީ އަށް ޤަބޫލުކުރެވޭ ކަމަށާއި، އިސްމެޖިސްޓްރޭޓް ޙަސަން ދީދީ ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް، ޙަސަން ދީދީ ފަނޑިޔާރުކަމުން ވަކިކުރުމަށް ޖޭއެސްސީން ނިންމާފައިވާއިރު، އެ ރަށުގައި އުމުރުން ދެ އަހަރުވެސް ނުވާ ކުޑަ އަންހެން ކުއްޖަކަށް، އެކުއްޖާގެ ބައްޕަ އާއި ކާފަ އަދި މުނިކާފަ ޖިންސީ ގޯނާކުރި މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ.