މައްސަލައެއްގެ އަޑުއެހުންތައް ނިންމުމަށްފަހު ހުކުމް ނުކޮށް ގާތްގަނޑަކަށް ދޮޅު އަހަރު މަޑުކުރި މެޖިސްޓްރޭޓެއް ސަސްޕެންޑްކޮށްފިއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ މި މައްސަލައިގައި ސަސްޕެންޑްކޮށްފައިވަނީ ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ރަފީޢުއްދީން އަޙްމަދުއެވެ.
އެ ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނީ އަވަސްނިޔާގެ އަޑުއެހުމުގައި މައްސަލައެއްގައި ބަޔާންތަކުގައި ސޮއިކުރެވިފައިނުވާތީ، އެހެން ދުވަހަކަށް ޙުކުމް ކުރުމަށް ތާވަލުކުރާނެކަމަށް ޝަރީއަތުން ބުނެ، ޙުކުމްކޮށްފައިނުވާ ކަމަށެވެ. އަދި މި މައްސަލައިގެ ޙުކުމް ކުރުމަށް ތާވަލުނުކޮށް 1 އަހަރާއި 5 މަހާއި 19 ދުވަސް ހޭދަކޮށްފައިވާއިރު ޙުކުމް ކުރުމަށް ތާވަލުކޮށް، ދަޢުވާލިބޭ ފަރާތް ރަށުގައި ނެތުމުގެ ސަބަބުން ޙުކުމް ކުރުމުގެ މަޖިލިސް ކެންސަލް ކުރުމަށްފަހު މައްސަލައިގެ ޙުކުމް ކޮށްފައި ނުވާކަމަށެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މައްސަލަ އަނބުރާ ފޮނުވައިދިނުމަށް އެދުމުން މައްސަލަ އަނބުރާ ފޮނުވައިދީފައިވާކަން ތަޙްޤީޤަށް ހޯދުނު ލިޔެކިޔުންތަކާއި ބަޔާންތަކުން އެނގެން އޮތްކަމަށްވެސް މި ބަޔާނުގައިވަނީ ބުނެފައެވެ. އެހެންކަމުން ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މިޤަޟިއްޔާގެ ޙުކުމް ކޮށްފައި ނުވަނީ މެޖިސްޓްރޭޓް ރަފީޢުއްދީން އަޙްމަދުގެ އިހުމާލެއް އޮވެގެން ކަމަށް ސާބިތުވާ ކަމަށް ޖޭއެސްސީ އިން ވަނީ ބުނެފައެވެ.
މި ޢަމަލަކީ، ޤާނޫނުއަސާސީގެ 142 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު)ގެ 32 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާއި، އެ ޤާނޫނުގެ 33 ވަނަ މާއްދާގެ (ހ) އާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 1.1 ވަނަ ނަންބަރާއި 6.2 ވަނަ ނަންބަރާއި 6.4 ވަނަ ނަންބަރާއި ޚިލާފަށް ކޮށްފައިވާ ޢަމަލެއް ކަމަށް ޖޭއެސްސީ އިން ވަނީ ނިންމާފައެވެ. އަދި މި މައްސަލައާއި ގުޅިގެން 2023 ޖުލައި 13އިން ފެށިގެން ވަޒީފާއަށް ނުނިކުމެ 07 ދުވަހަށް ސަސްޕެންޑް ކުރުމަށް 2023 ޖުލައި 12 ވަނަ ދުވަހު ބޭއްވުނު ކޮމިޝަންގެ 46 ވަނަ ޖަލްސާގައި ނިންމާފައިވާކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.