English Edition
Dhivehi Edition

އައްޑޫސިޓީ އަކީ ރާއްޖޭގެ ނިސްބަތުން ދެވަނައަށް އެންމެ އާބާދީ ބޮޑު ސަރަހައްދެވެ. ނަމަވެސް ތަފާތު ގިނަ ސަބަބުތަކަކާ ހެދި މި ސިޓީގެ ގިނަ ރައްޔިތުން ދިރިއުޅެމުން ދަނީ ވެރިރަށް މާލޭގައެވެ. ގިނަ ބައެއްގެ ޝަކުވާއަކީ އަމިއްލަ ސިޓީގައި ތިބެންޖެހޭ ސަބަބެއް ނެތް ކަމަށެވެ. ވަކިން ޚާއްޞަކޮށް ގުޅިފައިވާ ރަށްތަކާއި ވަކިން އޮންނަ ހުޅުދޫ އަދި މީދޫއަކީ ދިރިއުޅުމަށް ބޭނުންވާ އަސާސީ ބޭނުންތައް ވެސް ލިބެން ނެތް ތަނެއް ކަމަށް އެފަދަ ފަރާތްތަކުން ބުނެއެވެ. ހުޅުދޫ އަދި މީދޫގެ ރައްޔިތުން ރަށް ދޫކޮށް ހިޖުރަ ކުރަން ޖެހޭ ސަބަބަކީ މިއީ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވަވާ ސ. މީދޫ ކުދިމާވިލާ އައިޝަތު ޝޫޒާ އިންތިޚާބުގައި ވާދަކުރައްވަވަނީ މި މައްސަލަތަކަށް ހައްލު ހޯއްދަވައި ދެއްވަވައި މީދޫ އަދި ހުޅުދޫ ތަރައްގީކޮށް، ރަށްދޫކޮށް ހިޖުރަ ކޮށްފައިވާ ރަށުގެ ރައްޔިތުން އެނބުރި ރަށަށް ގެނައުމުގެ އުއްމީދާއެކުގައެވެ. މިހާ ހިސާބަށް ލިބިލެއްވެވި އިލްމާއި ތަޖުރިބާގެ އަލީގައި ޝޫޒާ ވިދާޅުވާ ގޮތުގައި މި ދެރަށުގެ ރައްޔިތުން ގުޅިގެން މަސައްކަތް ކޮށްފިނަމަ މިއީ ކުރެވޭނެ ކަމެއް ކަމަށާއި އެ މަސައްކަތް ކުރާނެ ގޮތުގެ ވިސްނުމާއި ޕްލޭންތައް މިހާރުވެސް ހައްދަވާފައި އެބަހުރި ކަމަށެވެ. މައި ސަރުކާރަށް ބަރޯސާ ނުވެ ރައްޔިތުން އަމިއްލަ އަށް ކައުންސިލާގުޅިގެން މަސައްކަތް ކޮށްފިނަމަ މިހުވަފެން ހަގީގަތަކަށް ހެދިދާނެކަމަށެވެ. މިއީ ހަމަ ގައިމުވެސް މީދޫ އަދި ހުޅުދޫގެ ރައްޔިތުން ނުހަނު އިންތިޒާރު ކުރާނެ ކަމަކަށް ވެގެންދާނެއެވެ.

 

އަންހެނުންނާއި، ކުޑަކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ މީހުންގެ ދާއިރާގައި ގިނަ ދުވަހު މަސައްކަތް ކުރެއްވެވި ޝޫޒާ އަކީ ގާބިލު، އިލްމީ ކަނބަލެކެވެ. އިންޑިއާގެ އިންޓަނޭޝަނަލް ހިއުމަން ރިސޯސް ސެންޓަރއިން ކޮމިޔުނިޓީ ބޭސްޑް ރީހެބިލިޓޭޝަން ފޯރ ޑިސްއޭބަލްޑްއިން ވަނީ، މަތީ ތަޢުލީމު ހާސިލް ކުރައްވާފައެވެ. މީގެ އިތުން ޝޫޒާ ވަނީ މެލޭޝިއާގެ ހެލްޕް ޔުނިވަރސިޓީއިން ސައިކޮލޮޖީ ދާއިރާއިން އޮނަރސް ޑިގްރީ ހާސިލްކުރައްވާފައެވެ. މިހާރު ސްރީލަންކާގެ ލަންޑަން ސްކޫލް އޮފް ކޮމާރސް އިން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ގްލޯބަލް (އެމް.ބީ.އޭ) ހައްދަވަމުން ގެންދާ ޝޫޒާގެ ތަޢުލީމުގެ ބިންގާ އަޅާފައިވަނީ އަމިއްލަ ރަށުންނެވެ. ސ.އަތޮޅު މަދުރަސާއަކީ ޝޫޒާގެ އިލްމީ ފުރަތަމަ ދޮރޯއްޓެވެ. ރަށް ދޫކޮށް ޝޫޒާ ދާން ޖެހުނީ މަތީތަޢުލީމު ހާޞިލް ކުރުމުގެ ފުރުޞަތު ރަށުގައި ފަހިވެފައި ނެތުމުންނެވެ. ހަމަ އެއާއެކު ކިޔަވައިގެން އައިސް ވަޒީފާ އަދާކުރެވޭނެ މަގު ތަނަވަސް ވެފައި ނެތުމުންނެވެ.

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ އެސިސްޓެންޓް ކައުންސިލަރު ކަމުގެ މަޤާމުން ފެށިގެން ހިއުމަން ރައިޓްސް ކޮމިޝަންގެ ހެޑް އޮފް ނޭޝަނަލް ޕްރިވެންޓިވް މެކަނިޒަމް ކަމުގެ މަޤާމާއި މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ ގެ ޑިސްއެބިލިޓީ ޑިވިޝަންގެ އެސިސްޓެންޓް ޑިރެކްޓަރު ކަމުގެ މަޤާމާއި އެމިނިސްޓްރީގެ އެޑްވޮކޭސީ ކޮންސަލްޓެންޓްގެ މަޤާމް ޝޫޒާ ވަނީ އަދާކުރައްވަވާފައެވެ. މީގެ އިތުރުން ޝޫޒާ އަކީ ޔޫއެންޑީޕީގެ ގްލޯބަލް އެންވަޔަރުމެންޓް ފެސިލިޓީ ސްމޯލް ގްރާންޓްސް ޕްރޮގްރާމުގެ ޤައުމީ ހިންގާކޮމެޓީގެ ބޯޑު މެމްބަރެކެވެ. ހަމަ މިއާއެކު މިނިސްޓްރީ އޮފް އެޑިޔުކޭޝަން ގެ އިންކްލޫސިވް އެޑިޔުކޭޝަން ކޮމެޓީގެ ބޯޑު މެމްބަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

2007 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސްއާއި ހިއުމަން ރައިޓްސް ކޮމިޝަން ގައި ވަޒީފާ އަދާކުރައްވާފައިވާ ޝޫޒާ ވަނީ އެ މިނިސްޓްރީގައި ހުންނަވައިގެން ، އަންހެނުންނާއި، ކުޑަކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ތަފާތު އެކިއެކި ޕްރޮގްރާމުތައް ހިންގަވާ އެފަދަ ފަރާތްތަކާ ގުޅޭ ސަރވޭ ރިޕޯޓްތައް ފަދަ މަސައްކަތްތައް ކުރައްވަވާފައެވެ. ހަމަ އެއާއެކު ކުޑަކުދިންގެ ހައްޤުތަކާ ބެހޭ ޤާނޫނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ބެހޭ ޤާނޫނުގެ އިތުރުން ޖިންސީ ހަމަހަމަކަމާއި ބެހޭ ޤާނޫނުތައް ހެދުމުގައި މިނިސްޓްރީގެ މުވައްޒަފެއްގެ ހައިސިއްޔަތުން ޝޫޒާ ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަވާފައެވެ. މީގެ އިތުރުން މަޖިލިހުގެ ބިލް ތަކުގެ ތެރޭގައި ހިމެނޭ އަންހެނުންގެ ހައްޤުތަކާ ގުޅުން ހުރި ބިލްތަކާއި ދޮށީ އުމުރުގެ މީހުންނާއި ކުޑަކުދިން އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ ބެހޭ ބިލްތަކުގެ ޕޮލިސީ ތައްޔާރުކުރުމުގައި ވެސް ޝޫޒާ ވަނީ މިނިސްޓްރީ މުވައްޒަފެއްގެ ގޮތުގައި ހުންނަވައިގެން ގިނަގުނަ މަސައްކަތްތައް ކުރައްވަވާފައެވެ. މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ އެޑްވޮކަސީ ކޮންސަލްޓެންޓެއްގެ ގޮތުގައި ހުންނަވައިގެން 2016 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް ޝޫޒާ ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ގުޅުން ހުރި ގިނަ މަސައްކަތްތަކެއް ކުރައްވަވާ މީހުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމުތަކެއް ހިންގަވާފައެވެ. މީގެ އިތުރުން މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރގެ އެސިސްޓެންޓް ޑިރެކްޓަރެއްގެ މަގާމުގައި ހުންނެވި ދުވަސްވަރު ޝޫޒާ ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ގުޅުން ހުރި ތަފާތު ފޯރަމްތަކުގައި ބައިވެރިވެ އެ މަސައްކަތްތަކާ ގުޅޭ ބިނާކުރަނިވި މަސައްކަތްތަކެއް ކުރައްވަވާފައެވެ. އެއާއެކު ޔުނިސެފާއި ޑަބްލިޔުއެޗްއޯ ޕްރޮޖެކްޓްތަކުގެ ޕްރޮޖެކްޓް މެނޭޖަރެއްގެ ގޮތުގައި ކާމިޔާބު މަސައްކަތްތަކެއް ޝޫޒާ ވަނީ ކުރައްވަވާފައެވެ.

2008 ވަނަ އަހަރުން ފެށިގެން 2009 ވަނަ އަހަރާ ހަމައަށް ހިއުމަން ރައިޓްސް ކޮމިޝަން ގައި މަސައްކަތް ކުރައްވަވާ ރާއްޖޭގެ ގިނަ ރަށްރަށަށް ޒިޔާރަތް ކޮށް ރާއްޖޭގެ ހުރިހާ ޖަލުތަކާއި، ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުން ގެންގުޅޭ ސެންޓަރުތައް މޮނިޓަރ ކޮށް ބެލެހެއްޓުމުގެ މަސައްކަތްވެސް ޝޫޒާވަނީ ކުރައްވަވާފައެވެ. މުޖުތަމައުގައި ކުށްކުރާ މީހުންނާއި ކުށުގެ ވެށްޓާއި ގުޅުން ހުރި ގިނަ ކަންކަމުގައި ރިޕޯޓު ތައްޔާރުކޮށް އެފަދަ ކަންކަމަށް ހައްލު ހޯދޭނެ ގޮތްތަކާ ބެހޭގޮތުން ދިރާސާތަކެއް ކޮށް އަމަލީ ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ.

މި ފަދަ މަސައްކަތް ތަކުގައި ޝޫޒާ ރަށްރަށަށް ކުރައްވަވާ ދަތުރު ތަކުގައި ވެސް އެކިފަރާތްތަކުގެ އެދުމުގެ މަތިން ދާއިރާއާއި ގުޅުން ހުރި ކަންތައްތަކާ ބެހޭ ސެޝަންތައް ނަންގަވާ ދެއްވަވާ ބޭނުންވާ މީހުންނަށް ކޮންސަލްޓެންސީ ދިނުމަކީ މުޅިން ހިލޭ ސާބަހަށް ޝޫޒާ ކުރެއްވެވި މަސައްކަތް ތަކެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރައްވަވަން ޝޫޒާ ނިކުންނެވީ އެހެން ކެންޑިޑޭޓުންނާ މުޅިން ތަފާތު، އާ ވިސްނުންތަކަކާއެކުގައެވެ. އެގޮތުން ސަރުކާރުގެ ބަޖެޓަކަށް ބަރޯސާނުވެ އިގްތިޞާދީ ގޮތުން އައްޑޫ ސިޓީ ތަރައްގީ ކުރުމަށް ސިޓީފެންވަރުގައި ކުރެވިދާނެ ވަރަށް ގިނަ ކަންކަން ފެންނަ ކަމަށް ޝޫޒާ ވިދާޅުވިއެވެ.

” އެއީ ކުރެވޭވަރުގެ ކަންކަން. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ތަނެއް އިގްތިޞާދީ ގޮތުން ކުރިއެރުމަކީ އެތަނެއް ތަރައްގީ ކުރުމަށް ކުރެވޭނެ އެންމެ މުހިއްމު މަސައްކަތް . މީދޫ އަދި ހުޅުދޫ އަކީ ދަނޑުވެރިކަމުގެ ރަށެއް. އައްޑޫގެ ގާތްގަނޑަކަށް 80 އިންސައްތަ ދަނޑުވެރިކަމުގެ މަސައްކަތް ކުރެވެމުން މިދަނީ މިތަނުގައި. މިތަނުގެ ދަނޑުވެރިން ނޫޅޭ ދަނޑުވެރިކަމުގެ މަސައްކަތް ކުރަން ނޭނގިގެނެއް. ގާބިލް ދަނޑުވެރިން އެބަތިބި. ބޭނުންވަނީ ދެމެހެއްޓެނިވި ގޮތެއްގައި،އެތަކެތި ވިއްކޭނެ ގޮތެއް ހޯދައިދިނުން. ރަނގަޅު ގޮތުގައި މާކެޓް ކުރެވޭނެ ގޮތް ހޯދައިދޭން ޖެހެނީ” ޝޫޒާގެ އެއް އަމާޒަކީ ދަނޑުވެރިންނަށް މިއަށްވުރެ ރަނގަޅު ގޮތެއް ހޯދައިދީގެން އެ މަސައްކަތުން މީދޫ އަދި ހުޅުދޫގެ އިގްތިޞާދު ރަނގަޅުވެގެންދާތަން ފެނިގެން ދިއުމެވެ.

މީގެ އިތުރުން ވޮކޭޝަނަލް މަސައްކަތް ދަސްކޮށްދޭނެ މަރުކަޒެއް ހުޅުމީދޫގައި އުފެދިގެން ދިއުމަކީވެސް ޝޫޒާގެ އުއްމީދެކެވެ.

” މިފަދަ މަރުކަޒެއް ގާއިމު ކުރެވިއްޖެނަމަ ސްކޫލް ނިންމާލާފައި ކުރިއަށް ދާނެ ރޮނގެއް ނޭނގި ތިބި ގިނަ ޒުވާނުންނަށް މަސައްކަތެއް ދަސްވެ އަމިއްލައަށް ކުރިއަށް ދާނެ މަގު ފެނިގެން ދާނެ . މިހާރު ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ ޒުވާނުން ކުރާނެ ކަމެއްނެތި މަގުމަތީގައި ގިނަވެ، މަސްތުވާތަކެތީގެ ޝިކާރައަށް ވަމުންދާކަން . މިފަދަ ކަމެއް ފެށިއްޖެނަމަ މުޖުތަމައުގައި ކުށްކުރާ ޒުވާނުން މަދުކުރެވިގެން ދާނެ. އަދި ވޮކޭޝަނަލް ޓްރެއިނިން ސެންޓަރުތައް ގާއިމު ކުރުމަކީ މި ސަރުކާރުގެ ވައުދެއްވެސް މެ. މިކަން ތަންފީޒުކުރުމަށް އަޅުގަނޑު ވަރަށްބޮޑު އަހަމިއްޔަތު ކަމެއް ދޭނަން” ޝޫޒާ ވިދާޅުވިއެވެ.

މާލޭގައި ވަޒީފާ އަދާކުރައްވަވަމުން ގެންދެވި ނަމަވެސް ލިބޭ ޗުއްޓީތަކުގައި ޝޫޒާ ފެންނަނީ އަމިއްލަ ރަށުންނެވެ. އަދި އެފަދަ ޗުއްޓީތަކުގައި ވެސް ރަށަށް ފައިދާހުރި ކޮންމެވެސް ކަމެއް ކޮށްދެވޭތޯ ޝޫޒާ ދިޔައީ މަސައްކަތް ކުރައްވަވަމުންނެވެ. އެގޮތުން 2015 ވަނަ އަހަރުގެ ފެބްރުއަރީ މަހު، އާއިލާއާއި ރަހުމަތްތެރި މަދު ކުދިންކޮޅަކާއިއެކު މީދޫގެ ހޭޅިފަށް ސާފުކުރުމަށް ފެށި މަސައްކަތުގެ ތެރެއިން މުޅި މީދޫ ވަނީ ރާއްޖޭގެ ނަމޫނާ ރަށަކަށް ބަދަލުވެފައެވެ. މީދުގެ ހޭޅިފަށް ސާފުކުރުމަށް ފެށުނު މަސައްކަތުގެ ތެރެއިން ހުރިހާ ފަރުދުންގެ ބައިވެރިވުންލިބި، ނަތީޖާއެއްގެ ގޮތުން އާ ޖަމިއްޔާތަކާއި ފިނި މައިޒާންތަށް ވަނީ ވުޖޫދައްއައިސްފައެވެ.

“މިއީ ވަރަށް ކުޑަކުޑަ ކަމަކުން އައި ބަދަލެއް. އޭރު ޗުއްޓީތަކުގައި ރަށަށް އަންނައިރު ފެންނަނީ މުޅި ރަށުގެ ވަށައިގެން ހެދިފައިވާ ކުނިގޮނޑުތަކާއި ޕްލާސްޓިކް ކުނިތައް. ފިނިކޮށްލާ ހިތްހަމަ ޖައްސާލަން ދާނެ ހިތްގައިމު ތަނެއް ނޯވޭ. ހުޅުމީދޫ އަކީ ބަޔަކު ޒިޔާރަތް ކުރަން ބޭނުންވާ ތަނަކަށް ނުވޭ. އެހެންވީމަ އާއިލާއާއި ކުދިން ކޮޅަކާއެކު ދެންވެސް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ބަޔަކު ގޮވައިގެން ނިކުމެ ރަށުގެ ހޭޅިފަށް ސާފުކުރުމުގެ މަސައްކަތް ފެށީ. ބޭނުންވީ މީހުން ހޭލުންތެރިކޮށް ރަށުގެ ހޭޅިފަށާއި ގޮނޑުދޮށުގައިވާ ޕްލާސްޓިކް ކުނިތައް ނައްތާލުމަށް ހިތްވަރުދިނުމަށް. އެހިސާބުން ރަށުގެ ގިނަ ބަޔަކު މިކަމުގައި އެހީތެރިވެދޭން ފެށި. އޭގެ ފަހުން އެ މަސައްކަތަށް ޚާއްޞަވެގެން މީދޫގައި ބައެއް ޖަމިއްޔާތަކާއި، ޖަމާއަތްތައް އުފެދިގެންދިޔަ. ރަށުގެ ގިނަ ގުނަ ރައްޔިތުންގެ ޝައުގުވެރިކަން އުފެދި، މަސައްކަތް ކުރުމުގެ ނަތީޖާއެއްގެ ގޮތުން މީދޫގެ އެކި ދިމަދިމާއިން މިހާރު ފެންނަނީ ހިތްފަސޭހަ މައިޒާންތައް. މިހާރު މިތަނަކީ އައްޑޫގެ ކޮންމެ މީހަކު ޗުއްޓީ ހޭދަކޮށްލުމަށް އަންނަން ބޭނުންވާ ތަނަކަށް ވެއްޖެ. މިއީ ކުޑަ ކުޑަ އިސްނެގުމަކުން މުޅި ރަށަށް އައި ހެޔޮ ބަދަލެއް. މިގޮތަށް މަސައްކަތް ކުރެވިއްޖެނަމަ ކޮންމެ ކަމަކީ ވެސް ކުރެވިދާނެ ކަމެއް” ޝޫޒާ ދެކިލައްވަވާ ގޮތުގައި ރަށް ކުރިއަރުވައި ތަރައްގީ ކުރެވޭނީ މިގޮތަށް ރައްޔިތުން ގުޅިގެން މަސައްކަތް ކޮށްގެންނެވެ.

” ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތި މިލަނީ ލާމަރުކަޒީ ނިޒާމަކީ ކޮން އެއްޗެއްކަމާއި ލާމަރުކަޒީ ނިޒާމުގެ ޤާނޫނާއި ޤަވާއިދުތައް ރަނގަޅަށް އެނގިގެން. ކައުންސިލަށް ލިބިފައިވާ ބާރުތަކާއި ކައުންސިލުން ކުރެވޭނެ ކަންކަން ވެސް އެނގިގެން. ލާމަރުކަޒީ ނިޒާމުން ރައްޔިތުންނަށް ލިބިދިން އެންމެ ބޮޑު ބާރަކީ އަސާސީކަންކަން ކުރުމަށް މައިސަރުކާރުގެ ފައިބުޑަށް ވެއްޓި ސަލާންޖަހަން ނުޖެހޭފަދަ މާލީ ބާރުވެރިކަމެއް ކައުންސިލައް ލިބިދީފައި ވުމާއި، އިޤްތިޞާދީ ނުވަތަ އިޖުތިމާއީ ބޭނުމަށް އިންވެސްޓްކުރުމާއި އަދި މިއިންވެސްޓްތައް ކައުންސިލްގެ ނަމުގައި މިލްކުރުން. މިސާލަކަށް ނަމަ ފެނަކައަށް ބަރޯސާ ނުވެ އައްޑޫސިޓީއަށް ބޭނުންވާ ކަރަންޓްގެ ޚިދުމަތް ކައުންސިލުން ފޯރުކޮށްދެވިދާނެ. އެއީ ނުކުރެވޭނެ ކަމެއް ނޫން. މިކަންކަން ކުރާނެ ގޮތާއި ކުރެވޭނެ ގޮތުގެ ވިސްނުން އަޅުގަނޑުގެ އެބަހުރި.

އެޖެންޑާ 19 ގައި އައްޑޫގައި ކުރިއަށް ގެންދިޔަ ވޯކްޝޮޕްގައި ޝޫޒާ ހުށަހެޅުއްވި އައްޑޫސިޓީގެ ކަރަންޓް ޕްރޮޖެކްޓަކީ ވޯކްޝޮޕްގައި ބައިވެރިވި ގިނަ ބަޔަކަށް ވަރަށް ކަމުދިޔަ އަދި ގިނަ ބައެއްގެ ތައުރީފު ޝޫޒާއަށް ލިބިގެން ދިޔަ ޕްރޮޖެކްޓަކަށް ވެގެން ދިޔައެވެ. އެދުވަހުވެސް ގިނަ ބަޔަކު ބުނަމުން ދިޔައީ އައްޑޫ ތަރައްގީ ކުރުމަށް ބޭނުންވަނީ މިފަދަ ވިސްނުންތެރި އިލްމީ ގާބިލް މީހުން ކަމަށެވެ. ޚުދް، ސަރުކާރުން ވެސް ވަނީ މި ޕްރޮޖެކްޓާ މެދު ޝައުގުވެރިކަން ފާޅުކޮށް އެއީ ރާއްޖޭގައި ކުރެވިދާނެ ކަމެއް ކަމުގައި ވިދާޅުވެފައެވެ.

ކަނޑުން ކަރަންޓު އުފައްދާނެ ގޮތުގެ ރިސާޗާއެކު ޝޫޒާ ހުށަހެޅުއްވި މި ޕްރޮޖެކްޓަކީ 4 ޓާރބައިން ބޭނުންކޮށްގެން މުޅި އައްޑޫސިޓީއަށް ކަރަންޓު އުފެއްދޭނެ ޕްރޮޖެކްޓެކެވެ. 5 އަހަރުގެ ތެރޭގައި ކޮސްޓް ކަވަރ ކުރެވޭ ގޮތަށް ފަރުމާ ކޮށްފައިވާ މި ޕްރޮޖެޓަކީ ބޮޑު އާމްދަނީއެއް ހޯދޭނެ ޕްރޮޖެކްޓެއްކަމަށް ޝޫޒާ ވިދާޅުވިއެވެ.

” މިފައިސާ އަކީ ސިޓީ ތަރައްގީ ކުރުމަށް ބޭނުންކުރެވިދާނެ ފައިސާ. މިއީ ނަމޫނާ ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި މުޅިރާއްޖޭގައި ހިންގިދާނެ ޕްރޮޖެކްޓެއް. ކޮންމެ ޕްރޮޖެކްޓެއް ހަދާފައިވާނީ ސަރުކާރުން ފައިނޭންސް ހޯދުމުގެ ބަދަލުގައި އެއަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތްގޮތައް ވިސްނުމަށްފަހު ބިޒްނަސް ޕްލޭން އާއެކު.” ޕްރޮޖެކްޓްތަކާއި ބެހޭ ގޮތުން ޝޫޒާ ވިދާޅުވިއެވެ.

“އަޅުގަނޑުގެ އެންމެ ބޮޑު ތަސައްވަރަކީ އިގްތިޞާދު. އިގްތިޞާދު ރަނގަޅު ކުރުމަށް ވަރަށް ގިނަ ޕްލޭންތަކެއް އަޅުގަނޑުގެ އެބަހުރި. ހަމަ އެއާއެކު ލޯކަލް ޓުއަރިޒަމް ކުރިއެރުވުމާއި ޒުވާނުންނަކީ މުޖުތަމައަށް ބޭނުންތެރި ބަޔަކަށް ހެދުމަށް މަސައްކަތް ކުރުން އެއީ އަޅުގަނޑުގެ އެންމެ ބޮޑު ފޯކަސް އަކީ. މީގެ އިތުރުން ހުޅުދޫ އަދި މީދޫގެ ރައްޔިތުންނަށް ބޭނުންވާ މުނިސިޕަލް ޚިދުމަތް ރަށުގައި ލިބެވޭނެ ގޮތް ހެދުން އެއީ މުހިއްމު ކަމެއް. މުނިސިޕަލް ޚިދުމަތް ހޯދުމަށް ވެރިކަން ކުރާ ރަށަށް ދާން ނުޖެހޭ ގޮތްހަދަން އެބަޖެހޭ. އަޅުގަނޑު މި މަގާމަށް ހޮވައިފިނަމަ އިރާދަކުރެއްވިއްޔާ މިކަން ކުރާނަން” ޝޫޒާގެ ތަސައްވަރާ ބެހޭ ގޮތުން މަޢުލޫމާތު ދެއްވަވަމުން ވިދާޅުވިއެވެ.

“އަޅުގަނޑު މިތަނަށް ނުގެންނަށް ނުކުރެވޭ ވަރުގެ ޕްލޭނެއް. ޕްރޮޖެކްޓްތަކުގެ ގޮތުގައި ނަގާފައިވާ ދަނޑުވެރިކަމުގެ ޕްރޮޖެކްޓާއި ވޮކޭޝަނަލް ޓްރެއިނިންސެންޓަރ ގާއިމު ކުރުމުގެ ޕްރޮޖެކްޓްގެ އިތުރުން އައްޑޫސިޓީގެ ކަރަންޓް ޕްރޮޖެކްޓް ތަކަކީ ކުރެވޭނެ މަސައްކަތް. މި ޕްރޮޖެކްޓްތައް ޑިޒައިން ކޮށްފައިވާނީ ކުރެވޭ ގޮތްތަކާއި މަސައްކަތް ކުރާނެ ގޮތުގެ ވިސްނުމާއެކު. ދައުލަތުން މާ ބޮޑު ބަޖެޓެއް ނުލިބުނަސް ވެވޭނެ ގޮތަށް އެ ޕްރޮޖެކްޓްތައް ޑިޒައިންކޮށްފައިވާނީ. މިއީ މިތަނުގެ ތަރައްގީއަށްޓަކައި ހަދާދީފައި ރައްޔިތުންނަށް ހަދިޔާ ކުރާ ޕްރޮޖެކްޓްތަކެއް.”

ރަށުގެ އެންމެންނާ ވެސް ގުޅޭ ހިތް ހެޔޮ މިޒާޖެއްގެ ވެރި ޝޫޒާ އަކީ ގިނަ ބަޔަކު ބުނަމުންދާ ގޮތުގައި ކައުންސިލް އިންތިޚާބުގައި މީދޫއިން ހޮވާލެވޭނެ އެންމެ ރަނގަޅު ކެންޑިޑޭޓެވެ. އިލްމީ ޤާބިލް ކަމާއި މަސައްކަތުގެ ތަޖުރިބާއާއެކު މިހާތަނަށް ޝޫޒާ ކުރައްވަވާފައިވާ ކާމިޔާބު މަސައްކަތްތަކަކީ އައްޑޫސިޓީ ކައުންސިލްގައި މީދޫ ތަމްސީލުކޮށް މީދޫ ތަރައްގީކުރުމަށް ޝޫޒާއަށް މަސައްކަތްކުރެވޭނެ ކަމުގެ އަލިގަދަ ހެއްކެއް ކަމުގައި ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

“މީދޫ ތަރައްގީ ކުރެވޭނީ ހުޅުދޫވެސް ތަރައްގީ ކޮށްގެން. މީދޫ އަދި ހުޅުދޫ ތަރައްގީ ކުރެވޭނީ އައްޑޫ ތަރައްގީކޮށްގެން. އެހެންކަމުން އަޅުގަނޑުގެ ވިސްނުން ހުރީ މުޅި އައްޑޫ ސިޓީ ތަރައްގީކުރުމަށް. އަޅުގަނޑަށް އެކަން ކުރެވޭނެ ކަމުގެ ޔަގީން ކަމާއެކު އިންތިޚާބަށް ނިކުތީ ރަށުގެ ގިނަ ބައެއްގެ އެދުމުގެ ވެސް މަތިން. އަޅުގަނޑު މި މަޤާމަށް ހޮވިއްޖެނަމަ ރަށުގެ ރައްޔިތުންނާ ގުޅުން ހުރި ކަންކަމުގައި ރައްޔިތުންގެ ވިސްނުމާއި ޚިޔާލާއި ފިކުރު ހޯދާނަން. އަޅުގަނޑު ދިރިއުޅޭނީ އަމިއްލަ ރަށުގައި. ރަށުގެ ރައްޔިތުންގެ އަޑު އަހައި މިތަން ތަރައްގީ ކުރުމަށް އަޅުގަނޑަށް ލިބިފައިވާ އިލްމަކާއި ހުނަރެއް ބޭނުންކުރާނަން. ” ޝޫޒާގެ އަޒުމު ވަރުގަދައެވެ. އުއްމީދުތައް ގިނައެވެ.

އައްޑޫސިޓީ ތަރައްގީކުރުމަށް ބޭނުންވަނީ މިފަދަ އިލްމީ ޒުވާނުންތަކެކެވެ. ފަސްޖެހުމެއްނެތި ހަރުދަނާ ކަމާއެކު މަސައްކަތް ކުރެވޭނެ ގާބިލް ސިކުނޑިތަކެކެވެ.

ޝޫޒާއަށް ފުރިހަމަ ކާމިޔާބީއަކަށް އެދެމެވެ!

 

 

 

2 ކޮމެންޓް
Late
މާޗް 3, 2020
Raahjeyge hurihaa enmen ves beynunvanee Amihla kotaritherey thibegen hurihaakameh Fuhdhan Addu Ekani beynun vaagothehnoon Veeiru Maley Ga Verikan Midhivehi Raahjeyga 200 Rashuga Onnaanee 200 Verikan Ajaibu Beynunhai Kameh Vaanama Midhuniyeyga Ulhumuge Ehves Beynumeh Neth Avahah Suvarugeyah Dhaanvee
ނާއްޕެ
ފެބުރުއަރީ 26, 2020
ހޮޅި ނިހޮއްލަ. ރައީސް އަކާއް ނިވީ ކަމައް ވަކި ކައުންސިލް އަކައް ނިވޭހެ. އެހެން ނުނަސް ތެކަހަލެއި ފުރެއި ހުވަފެން ބަލަފެއި މިތިބީ މި އައްޑޫ ރައްޔިތުން