ސ.މީދޫ މިސްރާބުގެ އިބްރާހިމް ޝަފީޢު އަކީ މީދޫ ރައްޔިތުންނަށް އާ ނަމަކަށް ނުވާނެއެވެ. ރަށުގެ ތަރައްގީއަށް ހިންގޭ ކަންކަމުން ފެށިގެން ސިޔާސީ ހަރަކާތްތަކުން ފެންނަ ޝަފީޢު އަކީ ރަށަށް ކުރިއެރުމާއި ތަރައްގީ ހޯދައިދިނުމަށް ކުރެވޭ ކޮންމެ މަސައްކަތެއްގައި އިސް ސަފުގައި ނިކުމެ ހުންނަވާ ރަށްވަންތަ ޒުވާނެކެވެ. ތަފާތު އެކި އިންތިޚާބުތަކަށް އެކިފަހަރު އެކި ކެންޑިޑޭޓުންނާއެކު ކެމްޕޭނު މަސައްކަތް ކޮށް އެންމެ ރަނގަޅު ކެންޑިޑޭޓަކު އެ ދާއިރާއަކަށް ނެރެވޭތޯ ޝަފީއު އެޕާޓީއަކަށް ނިސްބަތްވާ އެމްޑީޕީގެ ތެރެއިން ގިނަ މަސައްކަތް ވަނީ ކޮށްފައެވެ. ރާއްޖެއަށް ޕާޓީ ސިސްޓަމް ތަޢާރަފްވީއްސުރެ ޕާޓީގެ ތެރެއިން ގިނަ މަސައްކަތް ކުރެވުނު ނަމަވެސް ބޭނުންވާ ތަރައްގީއާއި ކުރިއެރުން އަދިވެސް ރަށަށް އައިސްފައި ނުވާކަން ޝަފީއު ގަބޫލުކުރައްވަވައެވެ. އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި މިނިވަން ކަމާއެކު ކުރިއަށް އޮތް ރައްޔިތުންގެ 20 ވަނަ މަޖިލިސް އިންތިޚާބުގައި ވާދަކުރެއްވެވުމަށް ޝަފީޢު ނުކުންނަވަން ބޭނުންވެލެއްވެވީ މި ސަބަބުތަކަށްޓަކައެވެ. އަމިއްލަ ރަށުގެ ކުރިއެރުމާއި މެދު ކުރެވޭ އުއްމީދުތައް ފުރިހަމަ ކުރެއްވުމަށް ފުރުސަތު ހޯއްދެވުމުގެ ނިޔަތުގައެވެ!
ރަށުގެ މަދަރުސާއިން ތައުލީމީ ހަޔާތް ފެށި ނަމަވެސް އެކަށީގެންވާ ފުރިހަމަ ތައުލީމީ ނިޒާމެއް އޭރުވެސް ރަށުގައި ނެތުމުގެ ސަބަބުން މަތީ ސާނަވީ އަށް ކިޔަވަން ޝަފީއު ދިޔައީ އަމިއްލަ އާއިލާއާއި ވަކިވެ، ޖެހިގެން އޮތް އަތޮޅު ކަމަށްވާ ފުވައްމުލަކަށެވެ. މަތީ ސާނަވީއަށް ފަހު، ފަތުރުވެރިކަމުގެ ދާއިރާއާއި ގުޅި ބަރޮސް ރިސޯޓުގެ ފްރޮންޓް އޮފީހުން މަސައްކަތް ފެއްޓެވި ނަމަވެސް ޝަފީއުއަށް ބޮޑަށް ޝައުގުވެރިވެލެއްވުނީ ރިކްރިއޭޝަން ފީލްޑަށެވެ. އެހެންކަމުން ރިސޯޓުގެ ރިކްރިއޭޝަން ގުޅި ހީވާގިކަމާއެކު މަސައްކަތް ފެއްޓެވިއެވެ. އޭގެ ފަހުން ދުނިޔޭގެ ލަގްޒަރީ ބްރޭންޑްސް ތަކުގެ ތެރޭގައ ހިމެނޭ ރިސޯޓް ތައް ކަމަށްވާ ފޯސީޒަން އެޓް ކުޑަހުރާ އަދި ވަން އެންޑް އޮންލީ ރީތި ރިސޯޓް ފަދަ ތަންތަނުގައި މެނޭޖްމަންޓް ލެވެލްގަައި ޝަފީޢު ވަނީ މަސައްކަތް ކުރައްވަވާފައެވެ. ތަފާތު އެކި ގައުމުތަކުގެ މީހުންނާއެކު ގިނަ ޗެލެންޖެންސް ތަކާ ކުރިމަތިލައި ޓީމް ލީޑަރެއްގެ ގޮތުގައ ކާމިޔާބު ކަމާއެކު މަސައްކަތް ކުރައްވަވާފައެވެ. ފަތުރުވެރިކަމުގެ ދާއިރާގައި ހީވާގިކަމާއެކު ކުރެއްވުނު މަސައްކަތް ތަކާއި ދާއިރާއިން ލިބިލެއްވި އިލްމާއި ތަޖްރިބާގެ އެހީގައި މިއަދު ޝަފީއު އަކީ އޯޝަންގްރޫޕްގެ މެނޭޖްމަންޓްގައި ލީޑް ކުރައްވަވާ އިސް މުވައްޒަފެކެވެ. ކާމިޔާބު ލީޑަރެއްގެ ގޮތުގައި ޓީމް ގޮވައިގެން މަސައްކަތް ކުރެއްވެވޭ ގާބިލް ބޭފުޅެކެވެ.
ސިޔާސީ ދާއިރާއަށް ޝަފީޢުގެ ޝައުގުވެރިކަން އުފެދުނީ ރާއްޖެއަށް ސިޔާސީ ނިޒާމު ތަޢާރަފްވެ އޭރު އޮތް 30 އަހަރުގެ ވެރިކަން ނިމުމަކަށް ގެނައުމަށް ރައްޔިތުން ޙަރަކާތްތެރިވާން ފެށި ހިސާބުންނެވެ. އޭރު އުފެދުނު މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގައި ހަރަކާތްތެރި މެމްބަރެއްގެ ގޮތުގައި، ލިބޭ ހުސްވަގުތު އެކަމަށް ހޭދަކުރައްވަވާ މަސައްކަތް ކުރެއްވެވީ އޭރު އޮތް ޙާލަތުން އެއަށް ވުރެ ރަނގަޅު ޙާލަތަކަށް ރާއްޖެ ގެނެވޭތޯއެވެ. ހުރިހާ ކުރިއެރުމަކާއި ތަރައްގީއެއް ވެރިރަށް މާލެއަށް އެކަނި ލިބުމުގެ ބަދަލުގައި ހަމަހަމަ ކަމާއެކު އެ ތަރައްގީ އަތޮޅު ތެރެއަށް ގެނެވޭތޯއެވެ. އައްޑޫސިޓީފަދަ ބޮޑު އާބާދީ އެއް އޮތް ތަނެއް އަޅާނުލެވި އޮތަތީއެވެ. އިނގިރޭސިން އައްޑޫން ފޭބި ފަހުން އިތުރު ތަރައްގީއެއް އަންނަތަން ނުފެންނާތީއެވެ.
އެގޮތުން ކުރެވުނު މަސައްކަތް ތަކުގައި އެމްޑީޕީ ދިރުވައި ޕާޓީ ކުރިއެރުވުމަށް ޕާޓީގެ ހީވާގި މެމްބަރެއްގެ ގޮތުގައި، ފާހަގަކޮށްލެވޭ މަސައްކަތް ތަކެއް ޝަފީއު ވަނީ ކުރައްވަވާފައެވެ. މީގެ އިތުރުން ރާއްޖޭގައި ބޭއްވޭ ކޮންމެ އިންތިޚާބެއްގައި ޝަފީއު އެދާއިރާއަކަށް ނިސްބަތްވާ ދާއިރާއިން އެމްޑީޕީ އަށް ގޮނޑި ހޯދައި ދިނުމަށް ކުރެވުނު ހުރިހާ ކެމްޕެއިން ހަރަކާތެއްގައި ޝަފީއު ވަނީ އިސްރޯލެއް އަދާކުރައްވަވާފައެވެ. ހަމަ އެއާއެކު ރަށުގެ ތަރައްގީއަށްޓަކައި ޖަމިއްޔާ ޖަމާޢަތް ތަކުން ކުރާ މަސައްކަތް ތަކުގައި އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން ގިނަގުނަ އެހީތެރިކަން ޝަފީއުވަނީ ފޯރުކޮށްދެއްވަވާފައެވެ.
ދިވެހިރާއްޖޭގެ ދުސްތޫރީ ހިންގުމުގެ ނިޒާމުގެ ތިން ބާރުގެ ތެރެއިން އެއްބާރުކަމުގައިވާ ޤާނޫނު ހެދުމުގެ ބާރު ލިބިފައިވާ “ރައްޔިތުންގެ މަޖިލިސް” އަށް ޝަފީއު ވާދަކުރައްވަން ނިންމެވީ އަމިއްލަ ރަށް ކަމަށްވާ މީދޫ ދާއިރާ ތަމްސީލު ކުރެއްވުމަށެވެ. އަމިއްލަ ފޮނި އުއްމީދުތަކަކާ ގުޅިލާމެހިފައިވާ، އުފަން ރަށަށް ކުރިއެރުމާއި ތަރައްގީ ހޯދައި ދެވޭތޯއެވެ. ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު ރަށުގެ ރައްޔިތުންނަށް ލިބެންޖެހޭ ޙައްޤުތައް ލިބިގަތުމަށް ވަކާލާތުކޮށް މަސައްކަތް ކުރުމުގެ ހެޔޮ ނިޔަތުގައެވެ. ރައްޔިތުންގެ ޙައްގުތައް ޙިމާޔަތްކޮށް ދެމެހެއްޓެނިވި ޒަމާނީ ކުރިއެރުމާއި ތަރައްޤީ ޙާޞިލް ކުރުމުގެ ވިސްނުމާއ ފިކުރުގައެވެ. ރައްޔިތުންގެ އުފެއްދުންތެރިކަން އިތުރުކޮށް ފުދުންތެރިކަން ހޯދައި ދެވޭތޯއެވެ. އިޖްތިމާއީ ރައްކާތެރިކަމާއި އިގްތިޞާދީ ފުދުންތެރިކަން ކަށަވަރުކޮށް އެކަމަށް އަމަލީ ސިފަ ގެނުވޭތޯއެވެ.
” އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކޮންމެ ސަރުކާރެއް އަޔަސް މަސައްކަތް މި ކުރަނީ ހަމަ އެކަނި މާލެ ތަރައްގީ ކުރެވޭތޯ. ހުރިހާ ބާރަކާއި ކަމެއް ޖަމާވަމުން އަންނަނީ މާލެއަށް އެކަނި. މެއިން ފޯކަސް އަކީ މާލެ އޭރިއާ. ރާއްޖެތެރެ އޮންނަނީ އަޅާނުލެވި. އައްޑޫއަކީ އާބާދީ ބޮޑު ތަނަކަށް ވާއިރު ލިބެން ޖެހޭވަރުގެ ކުރިއެރުމެއް ނުލިބޭ. ތައުލީމީ ނިޒާމަށް ބެލިކަމުގައ ވިޔަސް އަދި ސިއްހީ ދާއިރާއަށް ބެލިކަމުގައި ވިޔަސް އިވެނީ ރައްޔިތުންގެ ޝަކުވާ. ވަޒީފާގެ ފުރުސަތުތައް އިތުރެއް ނުވޭ. ވަކިން ޚާއްޞަކޮށް މީދޫ ގައި މި މައްސަލަތައް އެހާމެ ގިނަ. މީހުން ބިނާ ކުރާކަށް އެއްވެސް ސިޔާސީ ޕާޓީއަކުން ވެސް އަދި ސަރުކާރަކުން ވިޔަސް މާބޮޑު ކަމެއް ކުރާ ތަނެއް ނުފެނޭ. ރައްޔިތުންނަށް ލިބެން ޖެހޭ ހައްގުތަކަށް ވަކާލާތު ކުރުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މުހިއްމު ކަމެއް” ޝަފީއު ކިޔައިދެއްވިއެވެ.
ދާއިރާގައި ހުރި ގިނަގުނަ މައްސަލަތައް އަމިއްލައަށް ތަޖުރިބާ ކުރެވި އެ މައްސަލަތަކަށް ހައްލު ހޯދުމަށް މިހާތަނަށް ގިނަ ގުނަ މަސައްކަތް ތަކެއް ކުރެވިފައިވާއިރު ޝަފީއު ބޭނުންވެލައްވަނީ ގާނޫނީ ގޮތުން ބާރު ލިބި އެ މައްސަލަތަކަށް މަޖިލިހުގެ ތަޅުމުގައި އަޑުއުފުލައި ވަކާލާތު ކުރުމަށެވެ.
ރަށުގައި ދިރިއުޅޭ ރައްޔިތުންނާއި ގާތްގުޅުމެއް ބާއްވާ އަމިއްލަ ރަށުގެ ތަރައްގީއާއި ކުރިއެރުމަށް މަސައްކަތް ކުރައްވަވާ ޝަފީއުއަކީ މީދޫ ގައ ދިރިއުޅޭ ކޮންމެ ރައްޔިތެއްގެ މިފަދަ އިޙްސާސް ތައް ގާތުން އެނގޭ މީހެއްކަން ރަށުގެ ރައްޔިތުންނަށް އެނގޭނެ ކަމަށް ޝަފީއު ގަބޫލުކުރައްވައެވެ. ދާއިރާއަށް ލިބެން ޖެހޭ ބައިވަރު ހައްގުތަކުން މަހްރޫމް ވެފައިވާތީ އެހައްގުތައް ހޯދައި ދިނުމަށް ބޭނުންވާ އިޚްލާޞްތެރި ރަށްދެކެ ލޯބިވާ ދަރިއެއްކަން ވެސް ރަށުގެ ރައްޔިތުން ތެދު ހިތަކާއެކު ގަބޫލު ކުރާނެ ކަމަށް ޝަފީއު ދެކިލައްވައެވެ.
“ދާއިރާގެ ކުރިއެރުމާއި ތަރައްޤީ ހޯދައި ލިބިގަތުމަށް ކުރެވޭ ސިޔާސީ، އިގްތިޞޯދީ، ތައުލީމީ، ސިއްޙީ، އިޖްތިމާއީ އަދި ސަގާފީ އެންމެހައި ކަންކަމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުވާން ޖެހޭ. މިގޮތުން ދާއިރާއާއި ގުޅުންހުރި ކަންކަމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް ރައްޔިތުންގެ ލަފަޔާއި މަޝްވަރާއި އިރުޝާދު އަދި ފަންނީ މާހިރުންގެ އެހީތެރިކަން ހޯދައި ރޭވުންތެރިކަމާއެކު މަސައްކަތްތައް ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން އަޅުގަނޑު ދެން. ދެމެހެއްޓެނިވި ތަރައްގީގެ ބިންގަލަކީ އަދުގެ ޒުވާނުންކަމަށް ދެކި، ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް، ތަފާތު އެކި ދާއިރާތަކަށް ޒުވާނުން ތަމްރީނުކުރެވި ޒިންމާދާރުކަމާއެކު އަހުލުވެރިކުރުވާނެ ކަމުގެ ޔަގީންކަން ދެން. އަޅުގަނޑަށް ލިބިފައިވާ ހިންގުންތެރިކަމުގެ ހުނަރާއި ތަޖުރިބާއަށް ބިނާކޮށް، ދާއިރާ ތަމްސީލް ކޮށް ހިދުމަތް ކުރުމުގައި އަބަދުވެސް އިސްކުރާނީ ތެދުވެރިކަމާއި އިޚްލާޞްތެރިކަން”
ދާއިރާގެ ރައްޔިތުންނަށް ޝަފީއު ދެއްވަން ބޭނުންވާ މެސެޖަކީ މިއީ އެވެ. ޝަފީއުގެ އުއްމީދަކީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގައި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ނިކުމެ ރައްޔިތުންގެ އިތުބާރާއެކު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވުމެވެ.!