ނުރައްކާތެރި ކޮވިޑް-19 ވައިރަހާއި ގުޅިގެން ދެކުނު ކޮރެއާގައި ސިއްހީ ކުއްލި ހާލަތު އިއުލާނުކޮށްފި އެވެ.
ދެކުނު ކޮރެއާގައި ސިއްހީ ކުއްލި ހާލަތު އިއުލާނުކޮށްފައި މިވަނީ އެ ޤައުމުގައި ވަރަށް ބޮޑަށް ވައިރަސް ފެތުރެމުންދާތީ އެވެ. އެގޮތުން މިއަދު އެކަނިވެސް ދެކުނު ކޮރެއާގައި ވަނީ 168 މީހަކު ވައިރަހަށް ޕޮޒިޓިވް ވެފައެވެ. ޗައިނާ ފިޔަވައި އެންމެ ބޮޑަށް ވައިރަސް ފެތުރިފައިވާ އެއް ޤައުމަކީ ދެކުނު ކޮރެއާ އެވެ.
ޗައިނާގެ ހުބޭއި ޕްރޮވިންސުން ފުރަތަމަ ފެނުނު މި ބަލި ދުނިޔޭގެ 26 ޤައުމެއްގައި ފެތުރިފައިވާއިރު ދެކުނު ކޮރެއާގައި އެކަނިވެސް މި ބަލި ޖެހިފައިވާ 600 އަށްވުރެ ގިނަ މީހުން އެބަތިއްބެވެ. މި ބަލި ޖެހިގެން އެ ޤައުމުން މިހާތަނަށް 5 މީހަކު ވަނީ މަރުވެފައި އެވެ.
ވައިރަހާއި ގުޅިގެން ދެކުނު ކޮރެއާގެ ސަރުކާރުން ވަނީ އެލާޓްލެވެލް މަތިކޮށްފައެވެ. އަދި ވައިރަސް ހުއްޓުވުމަށް ސަރުކާރުގެ އިސް ފަރާތްތަކުން ވަނީ މަސައްކަތްތައް ފަށާފައި އެވެ.
ކޮވިޑް-19 ޖެހިގެން މަރުވިމީހުންގެ އަދަދު ވަނީ 2،400 އަށްވުރެ މައްޗަށް އަރައިފައެވެ. އަދި 77،000 ހަށްވުރެ ގިނަ މީހުންނަށް ވަނީ ވައިރަސް ޖެހިފައެވެ.