English Edition
Dhivehi Edition

ފުލުސް އޮފީހަށް ހާޒިރު ކުރުމާއި ކައުންސިލު އިންތިހާބުގައި މާލޭ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލުމަށް ފޯމު ހުށަހެޅުމާ ގުޅުމެއް އޮތް ކަމަށް ގަބޫލުފުޅު ކުރައްވާކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ފުލުސް އޮފީހުން ނުކުމެވަޑައިގެން މީޑިއާއަށް މައުލޫމާތު ދެއްވަމުން ޑރ. މުއިއްޒު ވިދާޅުވީ ގިނަ ތުހުމަތުތަކެއްކޮށް، ގަޑިއެއްހާއިރު ފުލުހުން އޭނާ އާއި ސުވާލު ކޮށްފައިވާ ކަމަށެވެ، މިގޮތުން މުއިއްޒު އާއި ސުވާލުކޮށްފައިވަނީ ނޫމަޑި މައްސަލައިގައި އަދުލު އިންސާފަށް ހުރަސް އެޅުމާއި ދައުލަތުގެ އެކިއެކި މަސައްކަތްތައް ހުއްޓުވުމަށް މަސައްކަތް ކުރުމުގެ ތުހުމަތުކަމަށް މުއިއްޒުވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މުއިއްޒު ވިދާޅުވީ ނޫމަޑި މައްސަލައިގައި މީގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެ އެ މައްސަލައިގައި ދެ ގަޑިއިރަށްވުރެ ގިނައިރުވަންދެން ސުވާލުތަކަށް ޖަވާބު ދެއްވާފައިވާކަމަށެވެ. އަދި މިހާރު އަނެއްކާ އެ މައްސަލައިގައި ފުލުހަށް ހާޒިރު ކޮށްފައިވަނީ ސިޔާސީ ކަމެއްގައި ކަމަށް މުއިއްޒުވަނީ ތުހުމަތުކުރައްވާފައެވެ.މުއިއްޒު ވިދާޅުވީލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ މޭޔަރު ކަމަށް ކުރިމަތިލާން ނިންމާ، ފޯމުލީތާ ދެ ދުވަސްވީ ތަނާ ފުލުހަށް ހާޒިރުވާން އެންގުމުން ސިފަވަނީ މޭޔަރު ކަމަށް ކުރިމަތިލުމުން ނުފޫޒު ފޯރުވުމުގެ ބޭނުމުގައިކުރި ކަމެއްކަމަށެވެ.

ފުލުސް އޮފީހަށް ހާޒިރުކޮށް ތަހުގީގު ހިންގިޔަސް މާލެ ސިޓީގެ މޭޔަރުކަމަށް އިންތިހާބުވެވަޑައިގަތުމުގެ އަޒުމާއިގެން ކުރިއަށްވަޑައިގަންނަވާނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.