English Edition
Dhivehi Edition

ޕީއެންސީގެ ވެރިކަމެއްގައި އައްޑޫ ސިޓީ ހިތަދޫގައި ޚިދުމަތް ލިބޭގޮތަށް ހޮސްޕިޓަލްގެ ފެންވަރު ރަނގަޅުކޮށްދެއްވާނެ ކަމަށް ޕީއެންސީ، ޕީޕީއެމް ކޯލިޝަންގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ އައްޑޫ ސިޓީ، ހިތަދޫ ދެކުނު ޖަގަހަ ޖަލްސާގައި ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުންނެވެ.

ރިޔާސީ އިންޔތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް އެ ސިޓީ އަށް ވަޑައިގެން އޭނާ ވަނީ ކެމްޕެއިންގެ އެންމެ ފަހު މަންޒިލަކަށް މިވީ އައްޑޫސިޓީ ކަމަށާއި ފުރަތަމަ ބުރުގައި ދެއްވި ތާއީދަށް ޝުކުރު ދަންނަވާ ކަމަށް ވިދާޅުވެފައެވެ. އަދި ހޮނިހިރު ދުވަހުގެ ވޯޓުގައި ވަރަށް ބޮޑު ތާއީދެއް ލިބޭނެކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

ރާއްޖޭގެ ވެރިކަން ލިބިވަޑައިގެންފިނަމަ، ރައްޔިތުންނަށް ތަރައްޤީ ގެނެސްދިނުމުގައި ރައްޔިތުން އެދޭ ގޮތަށް ތަރައްޤީ ގެނެސްދޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށާއި އިތުބާރުކޮށް ޒިންމާ ޙަވާލުކޮށްފިނަމަ، އެ ޒިންމާ ފުރިހަމައަށް އަދާކޮށްދޭނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން މާލެ ނުގޮސް އެރަށުގައި ތިބެގެން ޚިދުމަތް ލިބޭގޮތަށް ހޮސްޕިޓަލްގެ ފެންވަރު ރަނގަޅުކޮށް ކެތްލެބް ފަދަ ވަސީލަތްތައް ޤާއިމްކޮށް ތަރައްޤީ ކޮށްދެއްވާނެ ކަމަށާއި އައްސޭރި ޓޫރިޒަމްގެ މަޝްރޫޢުގެ ދަށުން 6000 އެނދު ޤާއިމްކޮށް 10000 މީހުންގެ ވަޒީފާ ހޯދައި ދިނުމަކީ އަމާޒު ކަމުގައި ވެސް ވިދާޅުވިއެވެ. އަދި ޓުއަރިޒަމްގެ ދާއިރާ، މަސްވެރިކަމުގެ ދާއިރާ އަދި އެކި އެކި އުފެއްދުންތެރިމުގެ ދާއިރާ އިން ވަޒީފާގެ ފުރުޞަތުތައް ހޯދައިދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

“ޒުވާނުންނާއި ކުޅިވަރަށް ލޯބި ކުރާ ފަރާތްތަކަށް ބޭނުން ކުޅިވަރުގެ ވަސީލަތްތައް ހޯދައިދޭނަން. ހިނގަ ހިނގާ ހުންނަ މަޝްރޫއުތައް އަޅުގަނޑު ހުއްޓާލާނެ ކަމަށް ތަކުރާރުކޮށް ކިޔާތީ އަދިވެސް ދަންނަވަން ހިނގަހިނގާ ހުރި، ފަށާފައި ހުރި، ހުއްޓިފައިވާ، ސޮއިކޮށް ނުފެށި ހުރި، އެ މަޝްރޫއެއް އަޅުގަނޑު އެއަށްވުރެ ބާރު ސްޕީޑުގައި އެކަންކަން ކޮށް ނިންމާނަން.” މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވަނީ ސިޔާސީ ވަޒީފާއެއް ފިޔަވައި އެއްވެސް ކުންފުންޏަކުން ދީފައިވާ އެއްވެސް ވަޒީފާއަކުން މީހަކު ވަކިނުކުރާނެ ކަމަށާއި ނަމަވެސް ސިޔާސީ ވަޒީފާތަކަކީ އެއީ ސަރުކާރު ބަދަލުވީމާ ބަދަލުވާ ވަޒީފާތަކެއް ކަމަށާއި އެ ސަރުކާރަކުން އެމީހަކު ބަހައްޓަން ބޭނުންވެއްޖެއްޔާ ބަހައްޓާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

ޢުމްރާނީ ތަރައްޤީގެ ހުރިހާ މަސައްކަތެއް ހިނގާނެކަމުގެ ޔަގީންކަން ދެއްވާ މުއިއްޒު ވަނީ މަގު ހެދުމުގެ މަޝްރޫޢު ކުރިއަށް ދަނީ ރައްޔިތުން އެންމެ އެދޭ ގޮތަކަށް ނޫން ކަމަށާއި އިތުރު މަގުތައް ހެދުމާއި އެކު ސިޓީއެއްގައި ހުންނަ ފެންވަރަށް އެ ސިޓީގެ މަގުތައް ހަދައިދެއްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ. އަދި ގެދޮރުވެރިކަން ޔަގީންކޮށްދިނުމާއި އަތްފޯރާ ފަށުގެ ލުއި ލޯނުދީގެން ގެދޮރު ބިނާ ކޮށްދިނުމަށް ފަހިކޮށްދިނުމަކީ މައިގަނޑު އެއް އަމާޒު ކަމަށް ވެސް ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ފަސް އަހަރު ނިމޭ އިރު އައްޑޫ ސިޓީގައި ގެދޮރުވެރިކަން ޔަގީންނުވާ އެއްވެސް މީހަކު ނުހުންނާނެ ކަމަށާއި އެ ސިޓީގެ ޕޯޓާއި ބަނދަރު ތަރައްގީކޮށް ޑިވެލޮޕް ކުރާ ވާހަކަ ކުރިން ދަންނަވާފައިވާނެ ކަމަށާއި އެކަން ކޮށްދެއްވާނެ ކަމަށެވެ. އަދި އިކުއިޓޯރިއަލް ހޮސްޕިޓަލުގެ ވަށައިގެން އޮތް ކުޅި އިތުރަށް ތަރައްޤީކުރެވި ހިތްފަސޭހަ ތަނަކަށް ހަދައިދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ސިއްޙީ ދާއިރާ، އިގްތިޞާދީ ދާއިރާ،އިޖްތިމާއީ ދާއިރާ، އިގްތިޞާދީ ދާއިރާ އަދި ޢުމްރާނީ ތަރައްޤީގެ ދާއިރާ އިން ސަރަހައްދީ ތަރައްގީ ގެނެސްދެއްވާނެ ކަމަށާއި އައްޑޫސިޓީގެ ރައްޔިތުން އިތުބާރުކޮށްފިނަމަ އެދޭ ނަތީޖާ ނެރެދެއްވާނެ ކަމަށް ވެސް މާލޭ ސިޓީގެ މޭޔަރުކަން ކުރައްވާ މުއިއްޒު ވިދާޅުވިއެވެ.