#LCE2020 #WDCE2020: Vote lumah re-register kurumuge khaassa event eh miadhu Malé gai - AO News
English Edition
Dhivehi Edition

Worldwide

  • 32,101,060confirmed
  • 23,682,042recovered
  • 7,436,998active
  • 982,020deaths

Maldives

  • 9,885confirmed
  • 8,530recovered
  • 1,315active
  • 34deaths

ކޮވިޑް 19 ކަވަރޭޖް

7 މަސް ކުރިން
މާލޭ ނޯތު ހާބަރުގެ މަތިން ނަގާފައިވާ މަންޒަރެއް - ފޮޓޯ: އަސަދްސް ފޮޓޯގްރަފީ އެންޑް ޕާސަނަލް ބްލޮގް

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީކުރުމުގެ ޚާއްސަ ޙަރަކާތެއް މިއަދު ހަވީރު މާލޭގައި ބާއްވަން ނިންމައިފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ އެ ޙަރަކާތް ކުރިއަށްދާނީ މިއަދު 16:00 އިން 20:00 އަށް މާލޭ ނޯތު ހާބަރު ސަރަޙައްދުގައި ކަމަށެވެ.

އީސީން ވަނީ 04 އޭޕްރީލް 2020ގައި ބާއްވާ އިންތިޚާބުތަކުގައި ވޯޓުލުމަށް ރީރަޖިސްޓްރީވުމުގެ ފުރުސަތު ފެބްރުއަރީ 27 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުޅުވާލާފައިފަ އެވެ.

އީސީން ބުނީ ރީރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019 ގައި ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ނުވަތަ ރަށަކަށް ވޯޓުލުމަށް ރަޖިސްޓަރީވާން އެދޭ ފަރާތްތައް އެކަނި ކަމަށާއި، ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ރިސޯޓެއްގައި ނުވަތަ ޞިނާޢީ މަސައްކަތްކުރާ ރަށެއްގައި ނުވަތަ ޖަލުގައި ވޯޓުލާން ރަޖިސްޓަރީކޮށްފައިވާ މީހުން މި އިންތިޚާބުގައި ވޯޓުދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީގައި އެމީހެއްގެ ވޯޓުލާތަންކަމަށް ރަޖިސްޓަރީވެފައިވާނީ އެމީހެއްގެ ދާއިމީ އެޑްރެހަށް ކަމަށެވެ. އަދި ދާއިމީ އެޑްރެސް ނޫން ތަނަކަށް ވޯޓުލާން ބޭނުންނަމަ، މި މުއްދަތުގެ ތެރޭގައި އެމީހަކު ވޯޓުލުމަށް ރަޖިސްޓަރީ ކުރަންވާނެ ކަމަށްވެސް އީސީން ބުނެއެވެ.

މިހާރު ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަނުގެ މަޢުލޫމާތު އީސީގެ ވެބްސައިޓް www.elections.gov.mv އިން ނުވަތަ (VR space ID.No Send to 1414) އެސްއެމްއެސް ކޮށްގެން ޗެކްކުރެވޭނެ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

ރީރަޖިސްޓްރީވުމަށް “ރަށްވެހިވެފައިވާ ތަންނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އެދޭ ފޯމު” ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ހުރިހާ ރަށެއްގެ ރަށު ކައުންސިލް އިދާރާތަކުންނާއި، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާއިންނާއި މާލޭ ސިޓީގައި ނަމަ އިންތިޚާބާ ބެހޭ މަރުކަޒު (ބައު ޖަމާލުއްދީން) އިން ކަމަށާއި، އެފޯމު އީސީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.

ރަޖިސްޓަރީ ކުރުން ކުރިއަށްދާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 03:00 އަށެވެ. އަދި ރަސްމީ ބަންދު ދުވަސްތަކުގައި ކޮންމެ ދުވަހަކު ހެނދުނު 09:00 އިން މެންދުރުފަހު 03:00 އަށެވެ. ހުކުރު ދުވަހު ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށެވެ.

މީގެ އިތުރުން އިންޑިއާގެ ޓްރިވެންޑްރަމް އާއި ދިއްލީ އަދި މެލޭޝިއާގެ ކުއަލަލަމްޕޫރްގައި ފޯމް ބަލައިގަންނާނީ ހޯމަ ދުވަހުން ހުކުރު ދުވަހުގެ ނިޔަލަށް 10:00 އިން 15:00 އަށެވެ. އަދި ސްރީ ލަންކާގެ ކޮލޮމްބޯއިން ހޯމަ ދުވަހުން ހުކުރު ދުވަހަށް، 09:30 އިން 15:30 އާއި ދެމެދު ފޯމް ބަލައިގަންނައިރު، އިނގިރޭސިވިލާތުގެ ލަންޑަން އަދި ސިންގަޕޫރުގައި ފޯމް ބަލައިގަންނާނީ ހޯމަ ދުވަހުން ހުކުރު ދުވަހާއި ދެމެދު 10:00 އިން 16:00 އަށެވެ.

އަދި ތައިލެންޑްގައި ފޯމް ބަލައިގަންނާނީ ހޯމަ ދުވަހުން ހުކުރު ދުވަހަށް 09:00 އިން 14:00 އަށް ކަމަށްވާއިރު، ބަންގްލަދޭޝްގައި ފޯމް ބަލައިގަންނާނީ އާދިއްތަ ދުވަހާއި ބުރާސްފަތި ދުވަހާއި ދެމެދު، 10:00 އިން 15:00 އަށެވެ.

އެ ޤައުމްތަކުގައި އުޅޭ ދިވެހިން ރީރަޖިސްޓްރީވުމަށް ހުށަހަޅާ ފޯމްތައް ބަލައިގަންނާނީ އެޤައުމްތަކުގައި ޤާއިމްކޮށްފައިވާ ކޮންސިއުލޭޓް އޮފީސް ނުވަތަ ރާއްޖޭގެ ހައިކޮމިޝަނުންނެވެ.