English Edition
Dhivehi Edition
ހޯމް މިނިސްޓަރ އިމްރާން، އިންޑިއާގެ ހޯމް މިނިސްޓަރ އަމިތް ޝާހުއާ ބައްދަލުކުރައްވަނީ - ފޮޓޯ: ހޯމް މިނިސްޓްރީ

މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ، އިންޑިއާގެ ހޯމް މިނިސްޓަރ އަމިތް ޝާހުއާ އިއްޔެ ބައްދަލުކުރައްވައިފިއެވެ.

އެ ބައްދަލުކުރެއްވުން އޮތީ އިއްޔެ މެންދުރުފަހު އިންޑިއާގެ ނިއުދިއްލީގައި ހުންނަ އެޤައުމުގެ ދާޚިލީ ވުޒާރާގައެވެ. އިންޑިޔާގެ ހޯމް މިނިސްޓަރުގެ ރަސްމީ ދައުވަތަކަށް އިންޑިޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޭއްވެވި އެބައްދަލުކުރެއްވުމުގައި ފުލުހުންގެ ޚިދުމަތް ތަރައްޤީކުރުމުގައި އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުންނާއި، ދެ ގައުމުގެ ދެމެދުގައި އެއްބާރުލުން ގާއިމުކުރެވޭނެ އިތުރު ދާއިރާތަކާއި ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ. ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްއެފެއޒް އަލީ ނަޛީރުވެސް ބައިވެރިވެވަޑައިގެންނެވި މަޝްވަރާތަކުގައި ދެޤައުމުގެ ދާޚިލީ ވުޒާރާ ގުޅިގެން ކުރެވޭ މަސައްކަތްތަކާއި، އެހީތެރިން ބަދަލުކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ.

އެގޮތުން ދެ ޤައުމުގެ ދާޚިލީ ސަލާމަތާއި ހަމަ ޖެހުމަށްޓަކައި އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެފައި އޮތުމުގެ މުހިންމުކަން ފާހަގަކޮށް އެކަމަށްޓަކަައި ގުޅިގެން މަސައްކަތްކުރެވޭނެ ގޮތްތަކާގުޅޭ ގޮތުން މަޝްވަރާކުރެއްވި އެވެ. އަދި ވަކިން ޚާއްސަކޮށް ޓެރެރިޒަމާއި ހަރުކަށިފިކުރުގެ ސަބަބުން ކުރިމަތިވަމުން އަންނަ ނުރައްކާތަކާއި އެކަމާ މެދު ދެގައުމުން އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭގޮތުންވެސް ފުޅާދާއިރާއެއްގައި މަޝްވަރާކުރެއްވި އެވެ.

މިނިސްޓަރ އިމްރާން އިންޑިއާ އަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ ނެޝަނަލް ޕޮލިސް އެކަޑަމީގެ ޑިރެކްޓަރ އަތުލް ކަރްވާލްއާއި ބައްދަލުކުރައްވާ އެހީތެރިކަން ދެވޭނެ ދާއިރާތަކާ ގުޅޭގޮތުންނާއި، ގުޅިގެން މަސައްކަތްކުރެވޭނެ ދާއިރާތަކުންވެސް މަޝްވަރާކުރައްވާފައިވެއެވެ. އަދި އިންޑިއާގެ ގުޖުރާތު ފޮރެންސިކް ސައިންސް ޔުނިވަރސިޓީއަށް ޒިޔާރަތްކުރައްވާ އެތަނުގެ ޑިރެކްޓަރ ޖެނެރަލް ޑރ.ޖޭ.އެމް ވިޔަސްއާ ބައްދަލުކުރައްވާ އެހީތެރިކަން ހޯދޭނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

މިނިސްޓަރ އިމްރާން ވަނީ އިއްޔެ އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯގެ އިސް އޮފިޝަލުންނާއެކުވެސް މަޝްވަރާތައް ކުރިއަށްގެންދަވާފައެވެ. އެބައްދަލުވުމުގައި ގުޅިގެން މަސައްކަތްކޮށް ނަތީޖާ ނެރެވޭނެ ވިސްނުންތަކާއެކު މަޝްވަރާތައް ކުރިއަށްގެންދެވިއެވެ.

މީގެ އިތުރުން ނިއުދިއްލީގައި ހުންނަ އިންޑިއާގެ ނެޝަނަލް އިންވެސްޓިގޭޝަން އެޖެންސީގެ ޑިރެކްޓަރ ޖެނެރަލް ޝުރީ ވައި.ސީ މޯޑީއާވެސް މިނިސްޓަރ އިމްރާން ވަނީ ބައްދަލުކުރައްވާފައެވެ. އެބައްދަލުވުމުގައި އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމުގައި ގުޅިގެން މަސައްކަތްކުރުމާއި، އިންވެސްޓިގޭޝަންތަކުގައި އެއްބާރުލުން ދިނުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

މިނިސްޓަރ އިމްރާންގެ އެދަތުރުފުޅުގައި ކޮމިޝަނރ އޮފް ޕޮލިސް މުޙައްމަދު ހަމީދާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްއެފެއާޒް އަލީ ނަޛީރާއި، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަބުދުއްރަހުމާން ބައިވެރިވެވަޑައިގަންނަވައެވެ. މިނިސްޓަރ އިމްރާންގެ ވަފުދު ދަތުރުފުޅު ނިންމާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހުއެވެ.