English Edition
Dhivehi Edition
މައިކެއާ ޕޯޓަލް ލޯންޗުކުރުން

ތައުލީމު ހާސިލުކުރާ ދާއިރާއިން ވަޒީފާ ނުލިބޭ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން “މައި ކެރިއަ ޕޯޓަލް” ގެ ނަމުގައި އާ ޕޯޓަލްއެއް ތައާރަފުކޮށްފިއެވެ. މިއީ ރާއްޖޭގެ ވަޒީފާގެ ބާޒާރާއި، މުވައްޒަފުން ހޯދުމުގެ ނިޒާމުގެ އިތުރުން ކެރިއަ ޑިވެލޮޕްމަންޓުގެ ހިދުމަތްތައް އެއްތަނަކުން ފޯރުކޮށްދިނުމަށް ފަރުމާކޮށްފައިވާ ޕްލެޓްފޯމެކެވެ.

މި ޕޯޓަލް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، ރާއްޖޭގައި ވަޒީފާ ހޯދާ ގިނަ ބަޔަކު ތިބިއިރު މުވައްޒަފުން ބޭނުންވާ އެތައް ބަޔަކުވެސް އެބަތިބި ކަމަށެވެ. މި ދެ ފަރާތުގެ ދެމެދުގައި ހުރި ހުރަސްތައް ކުޑަކުރުމަކީ ސަރުކާރުން އަބަދުވެސް އިސްކަންދޭ ކަމެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިވަގުތު ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ވަޒީފާ ނެތް ދާއިރާތަކުން ކިޔަވައިގެން ނުކުތުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އޭގެ ސަބަބުން ވަޒީފާ ހޯދަން އުނދަގޫވެ، އެންމެ ފަހުން ކިޔެވި ދާއިރާއާ ނުގުޅޭ ވަޒީފާތަކަށް މަޖުބޫރީ ހާލަތުގައި ދާންޖެހޭ ކަމަށް ވިދާޅުވިއެވެ.

“މިކަމުގެ ނަތީޖާއަކީ އެމީހާ ހިތްނޭދޭ ކޮންމެވެސް ވަޒީފާއެއް ފައިސާ ހޯދުމުގެ ނިޔަތުގައި އަދާކުރުމާއި އަދި އެ ދާއިރާއަކުން ވަޒީފާތަކަށް ޑިމާންޑް އޮތް ދާއިރާތަކުން މީހުން ނުލިބުން. މިއީ ރާއްޖޭގެ ލޭބަ މާކެޓުގައި ކުރިއަށް އޮތްތަނުގައި އަޅުގަނޑުމެން ހައްލުކުރަންޖެހޭ އެންމެ ބޮޑު އެއް މައްސަލަހެން ހީވަނީ،” މިނިސްޓަރު ވިދާޅުވިއެވެ.

އެ މީހަކާ އެންމެ ގުޅޭ ވަޒީފާއަކީ ކޮބައިކަން ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ފަސޭހައިން އަންގައިދޭނެ ނިޒާމެއް މީގެ ކުރިން ރާއްޖޭގައި ނެތްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ނޭޝަނަލް ކެރިއަ ސާވިސްއިން ތައާރަފުކުރި މި ޕޯޓަލްގެ ސަބަބުން އެކަމަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ. މި ޕޯޓަލްގެ މައިގަނޑު އަމާޒަކީ ވަޒީފާ ހޯދާ މީހުންނާއި ވަޒީފާދޭ މީހުންގެ އިތުރުން ކެރިއަ އެޑްވައިޒަރުން އެއް ވިއުގައަކުން ގުޅުވާލުމެވެ.

މި ޕޯޓަލް މެދުވެރިކޮށް ތަމްރީނު ލިބިފައިވާ ކައުންސިލަރުންނާ ސީދާ ގުޅައިލެވޭނެއެވެ. އަދި އަމާޒުތައް ކަނޑައަޅައި، ފަރުދީ ގޮތުން ބޭނުންވާ އިރުޝާދު ހޯދުމުގެ އިތުރުން، މަސައްކަތުގެ މާހައުލުގައި ކުރިއެރުން ހޯދަން އެކުލަވާލާ އެކްޝަން ޕްލޭންތައް މޮނިޓަ ކުރެވޭނެ އިންތިޒާމުވެސް ހަމަޖެހިފައިވެއެވެ.