ދައުލަތުގެ ވަޒީރުންނަށް ރުހުން އޮތްތޯ ބަލަން ، ތަޅުމުގައި ވަކިވަކިން ވޯޓަށް އަހަން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން މިއަދު ފާސްކޮށްފިއެވެ. މިގޮތައް ނިންމީ ވަޒީރުންނަށް ރުހުން ދިނުމާމެދު ކޮމެޓީން ގޮތެއް ނިންމަން މިއަދު ބޭއްވީ އެ ކޮމެޓީގެ 9 ވަނަ ބައްދަލުވުމުގައެވެ.
މި ބައްދަލުވުމުގައި ކޮމެޓީގައި ވޯޓަށް އަހާފައި ވަނީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާޢު ހުށަހަޅުއްވައި، ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމު ތާއީދު ކުރެއްވި ހުށަހެޅުމަށެވެ.
ހުށަހެޅުން ހުށަހެޅުއްވުމަށް ޝިފާއު ދެއްކެވި ވާހަކާގައި ވިދާޅުވީ، ރިޔާސީ ނިޒާމުގައި ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށްފަހު، އެ ރައީސްގެ ކެބިނެޓަކީ ޤާނޫނުއަސާސީގައި ބުނާ ވަޒީރުންގެ ގައިގާ ހުރުން ލާޒިމް ޝަރުތުތައް ހަމަވާ ބައެއްނަމަ މަޖިލީހުން ރުހުން ދިނުމަކީ އެންމެ ރަނގަޅުކަމެއް ކަމަށެވެ. އެހެންވެ ހުރިހާ ވަޒީރުންނަށް ވެސް ރުހުން ދިނުމަށް މަޖިލީހުގެ ތަޅުމަށް ކޮމެޓީގެ ރިޕޯޓު ފޮނުވައި، ވަޒީރުންނަށް ރުހުން އޮތްތޯ ބަލަން މަޖިލީހުގެ ތަޅުމުގައި ވަކިވަކިން ވޯޓަށް އަހަން ޝިފާއު ހުށަހެޅުއްވިއެވެ.
އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވީ ގާނޫނުގައި ބަޔާންކުރާ ޝަރުތު ހުރިހާ ވަޒީރުންގެ ކިބާގައި ވެސް ހުރުމުން އެ ބޭފުޅުންގެ ނަންތައް މަޖިލީހުގެ ތަޅުމަށް ފޮނުވުމަށެވެ. އަދި ވަކިވަކިން ކޮންމެ ވަޒީރަކަށް ވެސް ވޯޓަށް އެހުމަށެވެ.
ޝިފާއުގެ އެ ހުށަހެޅުން ކޮމެޓީގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުން ފާސްވިއެވެ.
މިއަދު ބޭއްވި ކޮމެޓީގެ ބައްދަލުވުމުގައި ކޮމެޓީގެ މުގައްރިރު މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހް ވަނީ ބައެއް މިނިސްޓަރުންގެ އަތުގައި އެހެން ގައުމެއްގެ ރަށްވެހިކަން އޮތްތޯ ބަލާފައިވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން އެހެން ގައުމެއްގެ ރަށްވެހިކަން މީގެކުރިން އޮތް ދެ މިނިސްޓަރުން ކަމަށްވާ ޕަބްލިކް ވާކްސް މިނިސްޓަރަށް އައްޔަނުކުރެއްވި ޑރ. އަލީ ހައިދަރާއި ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާގެ އަތުގައި އޮތް އެހެން ގައުމެއްގެ ރަށްވެހިކަން ދޫކޮށްލާފައިވާކަން ފަލާހް ފާހަގަކުރެއްވިއެވެ. އަދި އެބޭފުޅުން އެ ރަށްވެހިކަން ދޫކުރެއްވީ ހުވާ ކުރެއްވުމުގެ ކުރިން ކަމަށް ވިދާޅުވިއެވެ.
މަޖިލީހުގެ ތިންވަނަ ދައުރުގެ ޖަލްސާތައް ނިންމާލުމަށް މިހާރު ކަނޑައަޅާފައިވާ ތާރީހަކީ މިމަހުގެ 18ވަނަ ދުވަހެވެ. އެހެންކަމުން މަޖިލިސް ޗުއްޓީ އަށް ދިއުމުގެ ކުރިން ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އެޖެންޑާ ކުރާނެ ކަމަށް ބެލެވެއެވެ.