“ސޯޕް ފޯރ ހޯޕް” ގެ ނަމުގައި އުފައްދާ ސައިބޯނި އުފެއްދުމުގެ މަސައްކަތް އައްޑޫސިޓީގައި ފަށައިފިއެވެ.
ސަދަން ކޮމިޔުނިޓީ އެމްޕަވަރމެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސްކީމް) އާއި މެޖޯއީ މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދާ “ބިޔޯންޑް ސަސްޓެއިނަބްލް ޕްރޮޖެކްޓް” ގެ ދަށުން މި މަސައްކަތް ފަށާފައިވަނީ ހުޅުމީދޫގައެވެ. ތަމްރީނު ޕްރޮގްރާމު ކުރިއަށް ގެންދަނީ މީދޫ ކާޑުގޭގައެވެ.
ހުޅުމީދޫގެ ޖަމިއްޔާއެއް ކަމަށްވާ “މީދޫ އެކުވެރިންގެ ޗޭނު” އާއި ގުޅިގެން ހުޅުދޫ އަދި މީދޫގެ އަންހެނުންނަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދާ މި ޕްރޮޖެކްޓްގެ ނަމަކީ “އުފާ” އެވެ. ހުޅުދޫ އަދި މީދޫގެ ކޮންމެ އަވަށަކުން 5 ބައިވެރިން ހިމެނޭ 10 އަންހެނުންގެ ގުރޫޕަކަށް ވަނީ ސައިބޯނި އުފައްދާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ފަށާފައެވެ. މި ޕްރޮގްރާމުގައި ފެސިލިޓޭޓަރ އެއްގެ ގޮތުގައި މަސައްކަތް ކުރައްވަނީ މެޖޯއީ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރ ނާދިޔާއެވެ.
ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކުން ވަނީ ފުރަތަމަ ސެޝަނުގައި ވެސް ކާމިޔާބު ކަމާއެކު އެމީހުންގެ ފުރަތަމަ ސައިބޯނި ސާމްޕަލް ތައްޔާރުކޮށް ނިންމާފައެވެ.
“މިއީ ހުޅުމީދޫގައި ފުރަތަމަ އުފެއްދި ސައިބޯނި. މިއީ އާދައިގެ ސައިބޯންޏެއް ނޫން، މިއީ ސޯޕް ފޯރ ހޯޕް. މާނައަކީ މިއީ އުއްމީދުން ފުރިގެންވާ ސައިބޯންޏެކޭ. މި ސައިބޯނި ތައްޔާރުކޮށް ވިއްކުމުން އެ ގަންނަ މީހާއަށް އެހީފޯރުކޮށް އެދެވެނީ އަންހެނުން ބާރުވެރި ކުރުވުމަށް. ބައެއްގެ އުއްމީދު ފުރިހަމަކޮށް ދިނުމަށް. ބޭނުމަކީ ވަޒީފާއަށް ދިއުމުގެ ފުރުސަތު ލިބިފައި ނެތް އަންހެނުން ތަކަކަށް އާމްދަނީ ހޯދައިގެން އިގްތިޞާދީ ގޮތުން މިނިވަން ބަޔަކަށް ހެދުން. ” ޕްރޮގްރާމާ ބެހޭ ގޮތުން ސްކީމްގެ ރައީސާ ޝިމްލާ އަޙްމަދު ވިދާޅުވިއެވެ.
ރަށުން ލިބެން ހުންނަ މާމެލާ މެއްޔާއި ފަތްޕިލާވެލި ބޭނުންކޮށްގެން ތައްޔާރުކުރާ މި ސައިބޯނި ދައްކާލުމުގެ ގޮތުން މާޗްމަހުގެ 7 ވަނަ ދުވަހު “ވިމެންސް މާކެޓް” ގެ ނަމުގައި ފޭދޫ ބަދަރު ސަރަހައްދުގައި ސައިބޯނި ވިއްކުމާއި އަދި ޕްރޮގްރާމުގައި ބައިވެރިވާ ބައިވެރިން ތައްޔާރުކުރާ ތަފާތު އިތުރު ޕްރޮޑަކްޓްސްތައް ވިއްކުމުގެ ގޮތުން މާރުކޭޓެއް ހުޅުވުމަށް ދަނީ ތައްޔާރުވަމުންނެވެ.
“އަހަރެމެން ހީއެއް ނުކުރަން ދުވަހަކުވެސް އަމިއްލަ އަށް ސައިބޯންޏެއް ހަދާލެވޭނެ ކަމަކަށް. އެކަމަކު މި މަސައްކަތް ފެށުމުން އެނގުނީ މިއީ ވަރަށް މަޖާ އަދި ކުރަން ބޭނުންވާ ކަމެއްކަން. ވަރަށް އުފާވެއްޖެ އަމިއްލަ އަށް ސައިބޯންޏެއް ހަދާލެވުމުން” ޕްރޮގްރާމުގެ ބައިވެރިއަކު ކިޔައިދިނެވެ.
އުފާ ޕްރޮގްރާމުގެ ބައިވެރިން ގެ ތަމްރީނު ނިމުމުން އެ ބައިވެރިން އުފައްދާ ތަކެތި މާކެޓްކޮށް އެމީހުންނަށް ވިޔަފާރީގެ ރޮނގުން ކުރިއަށް ދެވޭނެ ގޮތް ސްކީމް އަދި މަޖޯއީ މޯލްޑިވްސް ގުޅިގެން ހޯޯދައިދޭނެއެވެ.