English Edition
Dhivehi Edition
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި، ޗައިނާގެ ސަފީރު ބައްދަލުކުރެއްވުން . ފޮޓޯ/ ރައްޔިތުންގެ މަޖިިލިސް

ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޒަންގް ލިއޮން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާ ބައްދަލުކުރައްވައިފައެވެ.

އެ ދެ ބޭފުޅުން ބައްދަލުކޮށްފައި ވަނީ މިއަދު މެންދުރު ރައްޔިތުންގެ މަޖިލީހުގައެވެ. އެ ބައްދަލުކުރެއްވުމުގައި މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފުވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މަޖިލީހުގެ އިދާރާގައި އޮތް މި ބައްދަލު ކުރެއްވުމަށް ފަހު، ޒަންގް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޗައިނާގައި ހަލުވި ކަމާ އެކު ފެތުރެމުންދާ ކޮވިޑް19 ވައިރަސްއާ ގުޅިގެން، އެ ގައުމުން އަޅަމުންދާ ފިޔަވަޅުތަކުގެ މައުލޫމާތު ނަޝީދަށް އެރުވި ކަމަށެވެ.

ސަފީރު ވިދާޅުވީ އެ ބައްދަލުވުމަކީ މައުލޫމާތު ހިއްސާކުރަން ބޭއްވި ބައްދަލުވުމެއް ކަމަށެވެ. ޗައިނާއަށް މި ދަނޑިވަޅުގައި ހަމްދަރުދީވެ، އެހީވުމުގެ މުހިންމުކަން ރައީސް ނަޝީދު ފާހަގަކުރެެއްވިކަމަށް ސަފީރު ވިދާޅުވިއެވެ. އަދި ވައިރަސް ވީހާވެސް އަވަހަށް ކޮންޓްރޯލުވުން އެދޭ ކަމަށް ނަޝީދު ވިދާޅުވި ކަމަށްވެސް ސަފީރުގެ ޓްވީޓުގައިވެއެވެ.

ނަޝީދާއި ޗައިނާ ސަފީރު އަކީ މީގެ ކުރިން ޗައިނާ އާއި ރާއްޖެއާ ގުޅޭ ކަންކަމުގައި ހިޔާލު ތަފާތުވެ ބަހުގެ ހަމަލާތައް ބަދަލުކޮށްފައިވާ ދެ ބޭފުޅުންނެވެ. ރާއްޖެ އިން ޗައިނާ އަށް ދައްކަންޖެހޭ ދަރަނި 3.4 ބިލިއަން ޑޮލަރަށް އަރާ ކަމަށް ނަޝީދު ވިދާޅުވުމުން އެކަން ދޮގު ކުރައްވައި، ޒަންގް ވަނީ ރާއްޖެ އިން ދައްކަން ޖެހެނީ 1.5 ބިލިއަން ޑޮލަރު ކަމަށް ވިދާޅުވެފަ އެވެ. މީގެ އިތުރުން ، ޗައިނާއިން ދިވެހިރާއްޖެ ދަރަނީގެ ދަަންތުރައެއްގައި ބައްދަން އުޅޭ ކަމަށް ނަޝީދު ދައްކަވާ ވާހަކަތަކަށް ސަފީރުވަނީ އާންމުކޮށް ރައްދު ދެއްވަވާފައެވެ.