މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ 4 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި ވަޅިން ހަމަލާދީ މަރާލާފައިވާ ޓެކްސީ ޑްރައިވަރު ގާސިމް ހަސަންގެ މަރަކީ ދެނަހުރި ކަމެއްވެސް ނޫންކަމަށާއި އަދި ގާސިމް މަރާލުމަކީ އޭނާ އަށް އެނގިގެން ހިނގި ކަމެއް ނޫން ކަމަށް ގާސިމްގެ ގާތިލް އަދުހަމް މުހައްމަދު ބުނެފިއެވެ.
މިއަދު ކްރިމިނަލް ކޯޓުގައި އޮތް ޝަރީޢަތުގެ މަޖިލީހުގައި އަދުހަމް ބުނީ އޭނާ އެ ދުވަހު ހައްޔަރު ކުރުމަށް އެންމެ ފުރަތަމަ ވެސް ގެންދިޔައީ، އޭނާ ފޮރުވި މަސްތުވާ ތަކެތި ހޯދަންކަމަށާއި އެތަކެތި ނެގުމަށްފަހު އޭނާ އެ ބޭނުން ކުރަން ފުލުހުން މަޖުބޫރު ކުރި ކަމަށެވެ. އަދި 24 ގަޑިއިރު ފުލުހުން އޭނާ ބައިންދަނީ މަސްތުގެ ހަލާތުގައި ކަމަށާއި މަސްތުވާތެކެތި ފުލުހުންގެ ހަރަދުގައި ގަނެދީފައިވާކަމަށް އަދުހަމް ވަނީ ބުނެފައެވެ.
މީގެ އިތުރުން އަދުހަމް ބުނީ ކުރީ ދުވަހު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އޭނާ ދެއްކި ވާހަކައަކީ މަސްތުގެ ހާލަތުގައި ހުރެގެން ދެއްކި ވާހަަކަތަކެއް ކަމަށެވެ. އަދި އެ ދުވަހުގެ ޝަރީއަތަށްފަހު އޭނާއަށް ހޭވެރިކަން ވީ ހަތަރު ދުވަސްފަހުން، ކަރެކްޝަންގެ ބެލުމުގެ ދަށަށް ގެންދިއުމުން ކަމަށް އަދުހަމުވަނީ ބުނެފައެވެ. “އަޅުގަނޑު ނޯންނާނެ ޤަސްތުގައި މީހަކު މަރާފައެއް. ޤާސިމްގެ މަރަކީ އަޅުގަނޑަށް އެނގިގެން ވީ ކަމެއް ނޫން. އެއީ އަޅުގަނޑު ދެނަހުރި ކަމެއްވެސް ނޫން.” ދައުވާއަށް އިންކާރުކުރަމުން އަދުހަމްވަނީ ބުނެފައެވެ.
އަދުހަމް މިއަދުގެ ޝަރީއަތުގައި މިހެން ބުނެފައިވާއިރު ކުރީ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ އިބްތިދާޢީ އަޑުއެހުމުގައި ދަޢުވާ އަށް ޖަވާބުދާރީ ވާން ޝަރީޢަތުން ދިން ފުރުޞަތުގައި އަދުހަމް ވަނީ ދައުވާގައި ސާފުނުވާއެއްވެސް ކަމެއް ނެތްކަމަށާއި ދައުވާގައި ވަނީ ކަންހިނގާ ދިޔަ ގޮތްކަމަށް ބުނެފައެވެ. “އިއްޒަތްތެރި ޤާޟީ. ދަޢުވާ އަޅުގަނޑަށް ވަރަށް ސާފު. އަޅުގަނޑު ބޭނުން ވަނީ ތަޢުބާވާން. އަޅުގަނޑު ދުޢާވެސް ކުރިން. ތަޢުބާ ވުމަށް ނަމާދުވެސް ކުރިން. އަޅުގަނޑު ދެން އެންމެ ބޭނުންވަނީ ގާސިމްގެ އާއިލާގެ ފަރާތުން މަޢާފް ލިބުން.” ޝަރީއަތުގެ މަޖިލީހުގައި ވާހަކަދައްކަން ލިބުނު ފުރުސަތުގައި އަދުހަމް ބުނެފައިވެއެވެ.
ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އަދުހަމްގެ މައްޗަށް އުފުލާފާއިވާއިރު އެ ދައުވާއަށް އިއުތިރާފްވަމުން ފުލުހުންގެ ތަހުގީގަށް ދިން ބަޔާނަކީ އެއްވެސް މަޖުބޫރުކަމެއް ނެތި ދިން ސައްހަ މައުލޫމާތެއް ކަމަށް އަދުހަމްވަނީ ބުނެފައެވެ.