English Edition
Dhivehi Edition
ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ 4 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި ވަޅިން ހަމަލާދީ ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލީ، ކުލި ދައްކަން ފައިސާ ނެތިގެން ފޭރިގެން ފައިސާ ހޯދަން ނުކުމު އުޅުމުގެ ތެރޭގައި ކަމަށް ފުލުހުންގެ ތަހުޤީގަށް ދިން ބަޔާނުގައި ގާސިމްގެ ގާތިލް އަދުހަމް މުހައްމަަދު ބުނެފިއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ދިޔަ އިބްތިދާޢީ އަޑުއެހުމުގައި ދަޢުވާ އަށް ޖަވާބުދާރީ ވާން ޝަރީޢަތުން ދިން ފުރުޞަތުގައި އަދުހަމް ވަނީ ދައުވާގައި ސާފުނުވާއެއްވެސް ކަމެއް ނެތްކަމަށާއި ދައުވާގައިވަނީ ކަންހިނގާ ދިޔަ ގޮތްކަމަށް ބުނެފައެވެ. “އިއްޒަތްތެރި ޤާޟީ. ދަޢުވާ އަޅުގަނޑަށް ވަރަށް ސާފު. އަޅުގަނޑު ބޭނުން ވަނީ ތަޢުބާވާން. އަޅުގަނޑު ދުޢާވެސް ކުރިން. ތަޢުބާ ވުމަށް ނަމާދުވެސް ކުރިން. އަޅުގަނޑު ދެން އެންމެ ބޭނުންވަނީ ގާސިމްގެ އާއިލާގެ ފަރާތުން މަޢާފް ލިބުން.” ޝަރީއަތުގެ މަޖިލީހުގައި ވާހަކަދައްކަން ލިބުނު ފުރުސަތުގައި އަދުހަމް ބުންޏެވެ. ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އަދުހަމްގެ މައްޗަށް އުފުލާފާއިވާއިރު އެ ދައުވާއަށް އިއުތިރާފްވަމުން ފުލުހުންގެ ތަހުގީގަށް ދިން ބަޔާނަކީ އެއްވެސް މަޖުބޫރުކަމެއް ނެތި ދިން ސައްހަ މައުލޫމާތެއް ކަމަށް އަދުހަމްވަނީ ބުނެފައެވެ.

އަދުހަމް ފުލުހުންނަށް ދިން ބަޔާނުގައި ބުނެފައި ވަނީ އޭނާ މީގެ ކުރިން ތަންފީޒު ކުރަމުން ދިޔަ ޖަލު ހުކުމެއް ހަމަވުމަށް ފަހު އޭނާ މާލޭ ގައި ދިރިއުޅެމުން ދިޔައީ ގެއަކަށް ކުލި ދައްކައިގެން ކަމަށާއި އެ ގެއަށް ކުލި ދައްކަމުން ދިޔައީ ރައްޓެހިން ދޭ ފައިސާއިންނާއި، މަގުމަތިން މީސް މީހުންގެ ފޯނު ފަަދަ އެއްޗެހި ފޭރިގެން، އެ އެއްޗެހި ވިއްކައިގެން ލިބޭ ފައިސާއިން ކަމަށެވެ.

އޭނާ ބުނެފައިވާ ގޮތުން ގާސިމް މަރާލި ދުވަހު މީހެއްގެ އަތުން ފޭރިގަނެގެން ފައިސާ ހޯދަން ބޭނުންވަނީ، ގޭކުލިދައްކާނެ ފައިސާ ނެތުމުން ކަމާއި،އެ ދުވަހުގެ ނިޔަލަށް ކުލި ނުދައްކައިފިނަމަ ގެއިން ނެރޭނެ ކަމަށް ގޭގެ ވެރި ފަރާތުން އަންގާފައިވާތީ ކަމަށެވެ.އެހެންކަމުން އެ ދުވަހު ޕިކަޕެއްގައި އޭނާ ހުޅުމާލެއަށް ދިޔައީ ރައްޓެއްސެއްގެ އަތުން ފައިސާ ނުލިބިއްޖެ ނަމަ ފޭރިގެން ނަމަވެސް ކުއްޔަށް ފައިސާ ހޯދާށެވެ. ރަހުމަތްތެރިއެއްގެ އަތުން ފައިސާ ނުލިބުމުން އޭނާ މަސް ކަނޑަން ކަމަށް ބުނެ ކެފޭއަކުން އޮޅުވާލައިގެން ވަޅިއެއް ހޯދާފައިވާކަމަށާއި އެ ވަޅިން ބިރުދައްކައިގެން ފޭރެން ހުޅުމާލެއިން ފުރުސަތެއް ނުލިބިގެން އެއާޕޯޓަށް ގޮސް އެތަނުންވެސް ފޭރެން ފުރުސަތު ނުލިބުމުން، ގާސިިމް ޓެކްސީ ކިއުގައި އިންދާ އަދުހަމް އޭނާގެ ކާރަށް އެރީ ކަމަށް ތަހުގީގުގައި އޭނާވަނީ ބުނެފައެވެ.

ގަސީމްގެ ޓެކްސީ އަށް އެރުމަށްފަހު ކަންތައް ހިނގާ ދިޔަ ގޮތުގެ ބަޔާނުގައި ބުނެފައިވަނީ އެ ޓެކްސީގެ ފަހަތުގައި އިނދެގެން ތަންކޮޅެއް އަދިރި ހިސާބަކަށް ދެވުމުން ގާސިމްއަށް ހަ އިންޗީގެ ވަޅިން ބިރު ދައްކަން އުޅުމުން ގާސިމް ހަޅޭއްލަވަން ފެށިކަމަށާއި އޭނާ ހަޅޭއްލެވުން ނުހުއްޓުވިގެން ކަރަށް ވަޅި ޖެހީ ކަމަށެވެ.އަދި އޭނާ ކާރުން ނުކުމެ ދުއްވައިގެން އިރު ގާސިމްވެސް ކަރުގައި ހިފައިގެން ކާރުން ނުކުމެ އެހީއަށް އެދެމުން ދިޔަ ކަމަށް އޭނާ ބުނެފައިވެ އެވެ. އޭގެ ފަހުން އެ ވަޅި އެ ސަރަހައްދާއި ތަންކޮޅެއް ދުރު ހިސާބެއްގައި ފޮރުވި ކަމާއި އަދި އޭނާ އެވަގުތު ލައިގެން ހުރި ގަމީސްވެސް ބޭލުމަށްފަހު، ގޯންޏެއް ތެރެއަށް ލީ ކަމަށް އަދުހަމްވަނީ ބުނެފައެވެ. އަދި ހުޅުމާލޭގައި އުޅޭ އޭނާގެ ރައްޓެއްސެއް އަތުން އޮރެންޖު ކުލައިގެން ޓީޝާޓެއް ހޯދި ކަމަށާއި އެމީހަކު، އަދުހަމް ތިއައީ ކީއްކޮށްގެންހޭ އެހުމުން މިއައީ، ބަންގާޅީއެއް ގައިގައި ތަޅައިގެންފައި ކަމަށް އަދުހަމް ބުނެފައިވާކަމަށް، ތަހުޤީގު ބަޔާނުގައިވަނީ ބުނެފައެވެ. އޭނާ އިތުރަށް ބުނީ ގާސިމް މަރާލި އިރު އޭނާ ހުރީ އަމިއްލަ އިހްތިޔާރުގައި މަސްތުވާތަކެތި ބޭނުންކޮށްގެން މަސްތުގެ ހާލުގައި ކަމަށެވެ.

ގާސިމް ހަސަން މަރާލި ކަމަށް، އަދުހަމް އިޢުތިރާފުވެފައިވީ ނަމަވެސް، އެ އިޢުތިރާފަށް ބާރުލިބޭ ގިނަ ހެކިތަކެއް، މިއަދުގެ އަޑުއެހުމުގައި ދަޢުލަތުން ވަނީ ހުށަހަޅާފައެވެ.ދައުލަތުން އެދުނީ އަދުހަމް ހެކިތަކާ މެދު ސުވާލު ނުއުފައްދާ ނަމަ ޝަފަވީ ހެކީންގެ ހެކިބަސް ނުނަގައި މައްސަލަ ކުރިއަށްގެންދާށެވެ.

އަދުހަމް ދައުވާއަށްވެސް އިއުތިރާފުވެފައިވާތީ އޭނާގެ މައްސަލައިގައި އަވަސް ނިޔާގެ ގޮތުގައި ނިންމަން ވަނީ ތާވަލުކޮށްފަ އެވެ. އެގޮތުން މި މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު 11:30ގައި އެ މައްސަލައިގައި ހުކުމް އިއްވަން މިއަދު ގާޒީ ވަނީ ތާވަލް ކުރައްވައިފަ އެވެ. އަދުހަމްގެ ކިބައިން ގިސާސް ހިފަން ގާސިމްގެ ވާރިސުން ބޭނުން ނަމަ އޭނާއަށް އަންނާނީ މަރުގެ ހުކުމެކެވެ. އެކަމަކު، ގިސާސް ހިފަން ބޭނުން ނޫން ނަމަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި އަދުހަމްއާ ދެމެދު ހެދިފައިވާ އިއުތިރާފު އެއްބަސްވުމެއްގެ ދަށުން އޭނާއަށް އަންނާނީ 17 އަހަރާއި 06 މަސް ދުވަހުގެ ޖަލު ހުކުމެކެވެ. އެ އިއުތިރާފު އެއްބަސްވުން މިއަދު ޝަރީއަތުން ވަނީ ބަލައިގެންފަ އެވެ.