English Edition
Dhivehi Edition

ހަލުވިކަމާއި އެކީ ފެތުރެމުން އަންނަ ނުރައްކާތެރި ކޮރޯނާވައިރަސް ޖެހިގެން ޓައިވާނުން މީހަކު މަރުވެއްޖެއެވެ.

ޗައިނާއިން ބޭރުގައި ވައިރަސް ޖެހިގެން މަރުވި ފަސްވަނަ މީހާއަށް ޓައިވާންގެ މީހާ ވީއިރު އެޤައުމުގެ ހެލްތު މިނިސްޓަރު ވިދާޅުވީ އެޤައުމުގައި ވައިރަސް ޖެހިގެން މަރުވެފައި ވަނީ 61 އަހަރުގެ އުމުރުން ދުވަސްވީ މީހެއް ކަމަށެވެ. އެޤައުމުގައި ވައިރަހަށް ޕޮޒިޓިވްވި ފުރަތަމަ މީހާއަކީވެސް އޭނާ ކަމަށް މިނިސްޓަރ ވިދާޅުވެފައިވާއިރު އޭނާ އަކީ ޑައިބެޓިކްސް އާއި ހެޕެޓައިޓެސް ބީ އަށްވެސް ޕޮޒިޓިވް މީހެކެވެ.

ޗައިނާއިން ބޭރުގައި ވައިރަސް ޖެހިގެން މީހުން މަރުވެފައި ވަނީ ޖަޕާން، ޓައިވާން، ހޮންގްކޮންގ އަދި ފިލިޕީންސް އިންނެވެ. ޗައިނާގެ ވުހާން ހިމެނޭ ހުބޭއި ޕްރޮވިންސުން 10،000 އަށްވުރެ ގިނަ މީހުން ވައިރަހަށް ވަނީ ޕޮޒިޓިވް ވެފައެވެ.

ޗައިނާއިން ބޭރުގައި ވައިރަހަށް ޕޮޒިޓިވް އެންމެ ގިނަ މީހުން ފެނިފައި ވަނީ ޖަޕާނުންނެވެ. އެގޮތުން ޖަޕާނުގައި އޮތް ޑަޔަމަންޑް ޕްރިންސެސް ކްރޫޒް ޝިޕުން މިހާތަނަށް ވައިރަހަށް ޕޮޒިޓިވް 330 މީހުން ފެނިފައިވާކަމަށް އެޤައުމުގެ އޮފިޝަލުން މައުލޫމާތު ދެއެވެ. މި ކްރޫޒް ޝިޕް ކަރަންޓީން ކޮށްފައި އޮންނަތާ މިހާރު ހަފްތާއެއްހާ ދުވަސް ވަނީ ވެފައެވެ.

  • ކޮރޯނާ ވައިރަސް ޖެހިގެން މިހާތަނަށް ރިޕޯޓުކޮށްފައިވާ މީހުންގެ ޢަދަދު ވަނީ 63،500 އަށް އަރައިފައެވެ. ވައިރަސް ޖެހިގެން މަރުވި މީހުން އަދަދު ވަނީ 1،662 އަށް އަރާފައެވެ.