English Edition
Dhivehi Edition
"އުފާ" ޕްރޮޖެކްޓްގެ ބައިވެރިން މިއަދު މީދޫ ކާޑުގޭ ޕާކުގައި- ފޮޓޯ ލުބްނާ / އޭއޯ ނިއުސް

ސަދަން ކޮމިޔުނިޓީ އެމްޕަވަރމެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސްކީމް) އާއި މަޖޯއީ މޯލްޑިވްސް ގުޅިގެން އައްޑޫގެ އަންހެނުންނަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދާ “ވިޔަފާރީގެ ރޮނގުން އަންހެނުން ބާރުވެރިކުރުވުމުގެ” ޕްރޮގްރާމް އައްޑޫސިޓީގައި ފަށައިފިއެވެ.

“ބިޔޯންޑް ސަސްޓެއިނަބްލް” ގެ ނަމުގައި ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ ވަޒީފާއަށް ދިއުމުގެ ފުރުސަތު ލިބިފައިނެތް، ގޭގައި އާއިލާ ގޮވައިގެން ދިރިއުޅެމުންދާ އަންހެނުންނަށް ޚާއްޞަކޮށްގެން އެފަދަ އަންހެނުންނަށް އާމްދަނީ ލިބޭނެ މަގެއް ފަހިކޮށްދިނުމުގެ މަގްޞަދުގައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

އައްޑޫގެ 4 ސަރަހައްދެއްގައި ވަކިވަކިން ހިންގުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމު އެންމެ ފުރަތަމަ ފަށާފައިވަނީ މީދޫގައެވެ. މީދޫގައި މި ޕްރޮގްރާމު ކުރިއަށް ގެންދަނީ މީދޫ އެކުވެރިންގެ ޗޭނު އާއި ގުޅިގެންނެވެ. އެގޮތުން ހުޅުދޫން 5 އަންހެނުންނާއި މީދޫން 5 އަންހެނުން ހިމެނޭ ޓީމަކަށް މަސައްކަތެއް ދަސްކޮށްދީ އަދި އެ މަސައްކަތުން އާމްދަނީ ހޯދޭނެ ގޮތް މި ޕްރޮގްރާމުގެ ތެރެއިން ފަހިކޮށްދޭނެއެވެ.

މި ޕްރޮގްރާމުގައި ފެސިލިޓޭޓަރެއްގެ ގޮތުގައި މަސައްކަތް ކުރާނީ މަޖޯއީ މޯލްޑިވްސްގެ ވެރިޔާ ނާދިޔާއެވެ. ނާދިޔާއަކީ މިފަދަ ކާމިޔާބު ގިނަ ޕްރޮގްރާމު ތަކެއް މީގެ ކުރިންވެސް ހިންގާފައިވާ، މޮރޮކޯގެ އަންހެނެކެވެ. 2 އަހަރުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ބައިވެރިވާ އަންހެނުންނަށް ސައިބޯންޏާއި އަދި ސްޕާ އުއްބައްތި ހަދާނެ ގޮތް ދަސްކޮށްދީ ފެންވަރު ރަނގަޅު ޕެކިން އެއްގައި އެތަކެތި ތައްޔާރުކޮށް މަޖޯއީ މޯލްޑިވްސް އިން އެތަކެތި މާކެޓް ކޮށްދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މި މަސައްކަތް ފެށުމުގެ ގޮތުން މީދޫ ކާޑުގޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ނާދިޔާ ވިދާޅުވީ އެންމެ ފުރަތަމަ އައްޑޫއަށް އައުމުން އެނގިގެން ދިޔައީ އައްޑޫގެ އަންހެނުންނަކީ 1970 ގެ އަހަރުތަކުގައި އަމިއްލައަށް މަސައްކަތް ކޮށް އިގްތިޞާދީ ގޮތުން މިނިވަން އަމިއްލަ ބައެއް ކަމަށާއި އޭރު ގަމުގައި ހިންގި ފެކްޓަރީ ތަކުން މަޝްހޫރު ބްރޭންޑް ތައް އުފެއްދުމުގެ މަސައްކަތް ކުރީ އަންހެނުން ކަމަށެވެ. އަދި އެފަދަ މަސައްކަތެއް މިހާރު ނެތުމަކީ އަންހެނުންނަށް ހުރި ފުރުސަތުތައް ގެއްލުން ކަމަށާއި އެންމެން ގުޅިގެން މަސައްކަތް ކޮށް އަންހެނުންގެ ފެކްޓްރީތައް އަލުން ހުޅުވަން ވެއްޖެ ކަމަށް ނާދިޔާ ވިދާޅުވިއެވެ.

“ރާއްޖެއަށް ޓުއަރިޒަމް ތައާރަފްވީ ހިސާބުން ފެށިގެން އަންހެނުން ގެ ރޯލު ކުޑަވެގެން ދިޔަ. ގިނަ ފިރިން ތިބެނީ ރިސޯޓުތަކުގައި. އަންހެނުން ތިބެނީ މަސްނިމިގެން ފިރިމީހާ ފޮނުވާ ފައިސާ ލިބޭނެ ދުވަހެއްގެ އިންތިޒާރުގައި އާއިލާ ބަލަހައްޓަން ގޭގައި. އަންހެން މީހާއަށް އާއިލާގައި މާ ބޮޑު ބާރެއް ނެތް. ކޮންމެ ކަމެއްގައި ފިރިމީހާ އަށް ބަރޯސާ ވެގެން އިންނަން ޖެހެނީ. އޭގެ ބަދަލުގައި އަމިއްލައަށް ގޭގައި ތިބެގެން ކުރެވޭނެ މަސައްކަތެއް ދަސްކޮށް އިގްތިސާދީގޮތުން މިނިވަން ބަޔަކަށް ވާން އަންހެނުން މިހާރު ވެއްޖެ” ނާދިޔާ ވިދާޅުވިއެވެ.

ޕްރޮގްރާމުގައި ބައިވެރިވި ގިނަ އަންހެނުން ބުނީ މިފަދަ ގިނަ ކޯސްތަކެއްގައި ބައިވެރިވަނީ ވަރަށް ބޮޑު އުއްމީދެއްގައި ކަމަށާއި ނަމަވެސް ކޯސް ނިމިގެން ދަސްވި އެއްޗެއްގެ ބޭނުން ކޮށްގެން ކުރިއަށް ދާނެ ދިމާއެއް ނޭނގި ތިބެން ޖެހޭ ކަމަށެވެ. ނަމަވެސް މި ޕްރޮގްރާމުގައި ދަސްކުރާއެއްޗެތި ފަހުން ތައްޔާރުކޮށް މާކެޓް ކުރެވޭނެ ގޮތް އޮތުމަކީ ލިބިގެން ދިޔަ ހިތްހަމަޖެހުމެއް ކަމަށެވެ.