English Edition
Dhivehi Edition
އަންހެނަކު ދަލެއް ބަންނަނީ

އަންހެން ވިޔަފާރިވެރިންނަށް ހުރި ގޮންޖެހުންތައް ދެނެގަނެ، އެކަނބަލުން އިގްތިސާދީ ގޮތުން ބާރުވެރިކުރުވުމަށް ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުން ފެށިގެން 24 ވަނަ ދުވަހުގެ ނިޔަލަށް ށ. އަތޮޅުގައި ހާއްސަ ބައްދަލުވުންތަކެއް ބާއްވަން އިކޮނޮމިކް މިނިސްޓްރީން ތައްޔާރުވެއްޖެއެވެ.

ށ. އަތޮޅުގެ 10 ރަށެއްގައި މި މަޝްވަރާތައް ކުރިއަށް ގެންދާނެއެވެ. އެގޮތުން ސެޕްޓެމްބަރު 19 ގައި ފޯކައިދޫގައި މި ޕްރޮގްރާމް ފަށާއިރު، ޖެހިގެން އަންނަ ދުވަސްތަކުގައި ގޮއިދޫ، ކަނޑިތީމު، ފީވައް، މިލަންދޫ، ށ. ފޭދޫ، ފުނަދޫ، މާއުނގޫދޫ އަދި ކޮމަންޑޫގައި ބައްދަލުވުންތައް ބާއްވާނެއެވެ. އަދި މި ޕްރޮގްރާމް އެއްކޮށް ނިންމާލުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު 24 ވަނަ ދުވަހު ޅައިމަގުގައެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ، މި ބައްދަލުވުންތަކުގެ މައިގަނޑު ބޭނުމަކީ ރަށްރަށުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިކުރާ އަންހެނުންނާއި އަލަށް ވިޔަފާރިއަށް ނުކުންނަން ބޭނުންވާ މީހުންނަށް ހުރި ފުރުސަތުތަކާއި ގޮންޖެހުންތައް ދެނެގަތުން ކަމަށެވެ. އަދި ވިޔަފާރިތަކަށް ބޭނުންވާ ތަމްރީނުތަކާއި ލިބެން ހުރި ވަސީލަތްތައް ދެނެގަނެ، އަންހެނުންގެ އިގްތިސާދީ ބައިވެރިވުން އިތުރުކުރުމަށް އެކުލަވާލާފައިވާ ސިޔާސަތުތައް ތަންފީޒުކުރުން ހަރުދަނާކުރާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

މި ޕްރޮގްރާމުގެ ތެރެއިން ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާ ސީދާ ބައްދަލުކޮށް، ރަށުގެ އިގްތިސާދުގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް ކުރެވިދާނެ އަމަލީ ކަންކަން އޮޅުންފިލުވާނެއެވެ. މިއީ އަންހެނުންގެ ތަޖުރިބާތަކާއި ހިޔާލުތައް ސީދާ ސަރުކާރާ ހިއްސާކުރުމަށް ލިބިގެންދާނެ ވަރަށް މުހިންމު ފުރުސަތެއް ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ފާހަގަކުރިއެވެ.

މިއީ މި މަޝްރޫއުގެ ދަށުން މި ބައްދަލުވުންތައް ބާއްވާ ފަސްވަނަ އަތޮޅެވެ. މީގެ ކުރިން ލ. އަތޮޅާއި، ފުވައްމުލަކު ސިޓީއާއި، އައްޑޫ ސިޓީގެ އިތުރުން އދ. އަތޮޅުގައި ވެސް މި ޕްރޮގްރާމް ވަނީ ހިންގާފައެވެ. މި ބައްދަލުވުންތަކުން ލިބޭ މައުލޫމާތުގެ އަލީގައި، ރަށްރަށުގެ އަންހެން ވިޔަފާރިވެރިންގެ ހާލަތާ ގުޅޭ ހެކިތަކުގެ މައްޗަށް ބިނާކޮށް އާ ސިޔާސަތުތަކާއި ޕްރޮގްރާމްތައް އެކުލަވާލާނެ ކަމަށް ސަރުކާރުން ބުނެއެވެ.