English Edition
Dhivehi Edition
އަލިފާނުގެ ހާދިސާ ހިނގި ގޭގެ އެތެރެ - ފޮޓޯ: އަވަސް

ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު މީހުންނަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

އެންޑީއެމްއޭ އިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އެ އަލިފާނުގެ ޙާދިސާ އާއި ގުޅިގެން ޙާލުގައި ޖެހުނު އާއިލާއަށް ބޭނުންވާ އެހީތެރިކަން ވަނީ އެވަގުތުން ފެށިގެން ފޯރުކޮށް ދެވިފައި ކަމަށެވެ.

ރޭ ގ. ޕްރީސައިޑްގެ ފުރަތަމަ ފަންގިފިލާގައި އަލިފާން ރޯވީ ކޮޓަރިއެއްގައި ހުރި ކަރަންޓު ޑީބޯޑެއްގަ އެވެ. އެ ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އަށް ލިބިފައިވަނީ ރޭ 21:12 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

އެ ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފްގެ ފަޔާފައިޓަރުން ވަނީ އެ ސަރަޙައްދަށް ގޮސް، ރޯވި އަލިފާންގަނޑު ނިއްވާލައިފަ އެވެ.

އެމްއެންޑީއެފް އިން މަޢުލޫމާތު ދޭ ގޮތުގައި އެ ހާދިސާގައި އަލިފާނުގެ އަސަރު ދޮންނަ މެޝިނަކަށް ކޮށްފައިވާ ކަމަށާއި، ބައެއް އަންނައުނުތައްވެސް ވަނީ އަނދާފައި ކަމަށެވެ.

ނަމަވެސް އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ވެފައި ނުވެއެވެ.