English Edition
Dhivehi Edition
ށ. ފުނަދޫގައި ހިނގި އަލިފާނުގެ ހާދިސާ: ފޮޓޯ ޕޮލިސް

ށ. ފުނަދޫ ޕެޓްރޯލް ޝެޑުގައި މިއަދު ހެނދުނު ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި ކައިރީގައި ހުރި ގެތަކަށް ގެއްލުންވެ، ހާލުގައި ޖެހުނު 33 މީހަކު ވަގުތީ ބޯހިޔާވަހިކަމަށް ބަދަލުކޮށް އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ. މި ހާދިސާ ހިނގުމާ ގުޅިގެން ރަށު ކައުންސިލާއި ކަމާބެހޭ އިދާރާތައް ގުޅިގެން ވަނީ އަވަސް ފިޔަވަޅުތަކެއް އަޅައިފައެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ، އަލިފާނުގެ ސަބަބުން އެ ސަރަހައްދުގައި ހުރި ފަސް ގެއަކަށް އެކި ވަރުގެ އަސަރުކޮށްފައިވާ ކަމަށެވެ. މީގެ ތެރެއިން އެއް ގެ ބޭނުންނުކުރެވޭ ވަރަށް އަނދައި އަޅިއަށް ވެފައިވާތީ، އެ ގޭގައި ދިރިއުޅޭ 33 މީހުންނަށް ރައްކާތެރި ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމުތައް ހަމަޖައްސައިދީފައިވާ ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.

މި ހާދިސާގައި ދުމުގެ އަސަރުކޮށްގެންނާއި އެކިވަރުގެ އަނިޔާތައް ލިބިގެން 20 މީހަކު ށ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔައެވެ. ނަމަވެސް އެއްވެސް މީހެއްގެ ހާލު ސީރިއަސް ނުވާތީ، އެކަށީގެންވާ ފަރުވާއަށް ފަހު ހުރިހާ އެންމެން ވެސް މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލައިފައެވެ.

އެމްއެންޑީއެފް، ފުނަދޫ އެއާޕޯޓްގެ ފަޔާ ޓީމު، ފުލުހުން އަދި ރަށުގެ އާންމުން ގުޅިގެން ކުރި ބުރަ މަސައްކަތުން އަލިފާންގަނޑު މެންދުރު 12:00 ހާއިރު ވަނީ އެއްކޮށް ކޮންޓްރޯލްކޮށްފައެވެ. އަލިފާން ނިއްވުމަށްފަހު، އަލުން އަލިފާން ރޯވިޔަ ނުދިނުމަށްޓަކައި އެ ސަރަހައްދު ފިނިކުރުމުގެ މަސައްކަތް ވެސް ވަގުތުން ވަނީ ކޮށްފައެވެ.

ރަށުގައި ހިންގާ ހަމައެކަނި ތެޔޮ ޝެޑު ކަމަށްވާ “ފައުމިނީ” ޝެޑު ބޭނުންނުކުރެވޭ ވަރަށް އަނދައި ހުލިވުމާ ގުޅިގެން، ރަށުގެ އެއްގަމު ދަތުރުފަތުރަށާއި މަސްވެރި އަދި ފަޅު އުޅަނދުފަހަރަށް ތެޔޮ ލިބުމުގައި ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ. މި މައްސަލަ ހައްލުކުރުމަށް ކައުންސިލުން މިހާރު ދަނީ އަވަސް ފިޔަވަޅުތަކެއް އަޅަމުންނެވެ.