English Edition
Dhivehi Edition

ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުގައި ހުއްދަ ނެތި މަސްވެރިކަން ކުރަމުންދިޔަ ބޭރު ގައުމެއްގެ މަސް ބޯޓެއް ގައުމީ ދިފާއީ ބާރު (އެމްއެންޑީއެފް) އިން އަތުލައިގަނެފި އެވެ. މި އުޅަނދު ހިފަހައްޓާފައިވަނީ ކޯސްޓްގާޑުން ކަނޑުމަތީގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި މި ބޯޓު ފެނިފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު މޮނިޓަކޮށް ބެލެހެއްޓުމަށް ސިފައިން ކުރިއަށްގެންދިޔަ ޕެޓްރޯލް ދަތުރެއްގެ ތެރެއިންނެވެ. އެގޮތުން ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް މި އުޅަނދު ގެނެސްފައިވަނީ ކ. ދިއްފުށީގެ އިރުން 123 ނޯޓިކަލް މޭލު ބޭރުގައި ހަރަކާތްތެރިވަމުން ދަނިކޮށެވެ.

މި ބޯޓު އަތުލައިގަތްއިރު އޭގައި ހަ ފަޅުވެރިން ތިބި ކަމަށް މައުލޫމާތު ލިބެއެވެ. މި އުޅަނދާއި އޭގައި ތިބި މީހުނާމެދު އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް އެޅުމަށްޓަކައި، ކޯސްޓްގާޑުގެ ބެލުމުގެ ދަށުން އެ ބޯޓު މިހާރު މާލެ ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.