15 އަހަރުގެ އަންހެން ކުއްޖަކަށް ބިދޭސީއަކު ޖިންސީ ގޯނާ ކޮށްފިއެވެ.
މޯލްޑިވްސް ޕޮލިސް ސާރވިސް އިން ބުނީ ފުވަށްމުލަށް ސިޓީ އަދި އައްޑޫ ސިޓީ ހިމެނޭ ޑިވިޒަންގެ ރަށެއްގައި 15 އަހަރުގެ އަންހެން ކުއްޖަކަށް 40 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކު ޖިންސީ ގޯނާ ކުރި މައްސަލައެއް މިމަހުގެ އެގާރަ ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
ފުލުހުން ވިދާޅުވީ މި މައްސަލައާއި ގުޅިގެން މިމަހުގެ 11 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން 40 އަހަރުގެ ބަންގްލަދޭޝް މީހާ ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާއަށް 15 ދުވަހުގެ މުއްދަތު ޖަހާފައިވާ ކަމަށް ފުލުހުން ބުނެފައިވާއިރު ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
އިއްޔެވެސް ރާއްޖޭގެ ރަށެއްގައި ޖިންސީ އަނިޔާގެ މައްސަލައެއް ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެގޮތުން އިއްޔެ ފުލުހުން ބުނެފައި ވަނީ ފުލުހުންގެ ނޯތް ސެންޓްރަލް ޑިވިޝަން ގެ ރަށެއްގައި ހާއްސަ އެހީއަށް ބޭނުންވާ ދިވެހި އަންހެނަކަށް ބިދޭސީ ފިރިހެނަކު ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށާފައިވާ ކަމަށެވެ.
ޖިންސީއަނިޔާގެ މައްސަލަތައް މިފަހަކަށް އައިސް ވަރަށް ގިނައިން ފެންމަތިވަމުން އަންނައިރު ފަހުގެ ތާރީހެއްގައި ހިނގި މިފަދަ އެންމެ ބޮޑު އެއް މައްސަލަ އަކީ އުމުރުން 2 އަހަރު ނުވާ ތުއްތު ކުއްޖަކަށް އެ ކުއްޖާގެ އާއިލާގެ ތެރެއިން ޖިންސީ ގޯނާ ކުރާ މައްސަލައެވެ.
ޖިންސީ އަނިޔާގެ މައްސަލަތައް އިތުރުވެ ސިޔާސީ ކޯޅުމަކަށް އެ މައްސަލަ ގޮސްފައި ވަނިކޮށް ޖެންޑަރ މިނިސްޓަރ ކަމުގައި ހުންނެވި ޝިދާތާ ވަނީ ޖެންޑަރ މިނިސްޓަރު ކަމުން އަމިއްލަ އަށް އިސްތިއުފާ ދެއްވާފައެވެ.