English Edition
Dhivehi Edition
ސިނަމާލެ ބްރިޖު - ފޮޓޯ: ނިޝަން އަލީ (މިހާރު)

ސިނަމާލެ ބްރިޖުގެ ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ ހުޅުމާލެއިން މާލެއަށް އަންނަ ހައިވޭގެ ޓްރެފިކް ލައިޓް ކައިރިން ޓެކްސީ އަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއްވި މައްސަލައެއް މިއަދު ހެނދުނު 09:10 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިނީ އުމުރުން 35 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށާއި، އެ މީހާއަށް އެކިވަރުގެ އަނިޔާ ލިބިގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި ސައިކަލަށްވެސް އެކި ވަރުގެ ގެއްލުން ލިބިފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.

މީގެ އިތުރުން ފުލުހުން ބުނީ ޓެކްސީ ދުއްވަން އިނީ އުމުރުން 33 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށާއި، އެ މީހާއަށް އެއްވެސް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ.

އަދި އެ އެކްސިޑެންޓްގައި ދެ އުޅަނދު ދުއްވަން ތިބި ދެ މީހުންގެ އަތުގައިވެސް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މިހާރު އެ މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުން އަންނަ ކަމަށެވެ.