English Edition
Dhivehi Edition
ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

2019 ވަނަ އަހަރު ހުޅުމާލޭގައި މަރާލާފައި އޮއްވާ ފެނުނު ޓެކްސީ ޑްރައިވަރު ގާސިމް ހަސަން, 59, ގެ މަރާލި މައްސަލައިގައި ދައުވާކޮށްފައިވާ ޅ. ހިންނަވަރު، ބޮޑުހިޔާގެ، އަދުހަމް މުހައްމަދު މަރާލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މި މައްސަލާގައި ގާސިމްގެ ވާރިސުންގެ ގޮތުގައި ތިބި އޭނާގެ 5 ދަރިންވެސް ވަނީ މަރަށް މަރު ބޭނުންވާކަމަށް ޝަރީއަތުގައި ބުނެފައެވެ.

ތަހުގީގީ މަރުހަލާގައި އަދި ޝަރީއަތުގައި އަދުހަމް، ގާސިމަށް ހަމަލާދިން ގޮތް އެކި ފަހަރު އެކި ގޮތަށް ސިފަކޮށްދިން ނަމަވެސް އެ ހުރިހާ ފަހަރެއްގައި ވެސް ހަމަލާދިން ވަޅި އޮތީ އަދުހަމްގެ އަތުގައި ކަމަށާއި ގާސިމްގެ ކަރަށް ވަޅި ހެރީ އަދުހަމްގެ އަތުންކަން އިނގޭކަން ގާޒީ ފާހަގަކުރެއްވި އެވެ. އަދި އެކަން ހިނގި އިރު އަދުހަމް ހުރީ މަސްތުގެ ހާލަތުގައި ކަމަށް އޭނާ ބުނިނަމަވެސް އޭނާ އެދުވަހު މަސްތުވެގެން ހުރީ އަމިއްލަ އިހްތިޔާރުގައި ކަމާއި، މަސްތުވެގެންހުރީ އަމިއްލައަށް ކުރެވޭ އަމަލުގެ ނަތީޖާ ވިސްނައި ނުގަނެވޭ ހާލަތެއްގައި ނޫންކަން، އަދުހަމް ކުށް ކުރުމުގެ ކުރިން އަދި ފަހުން އަމަލުކުރި ގޮތުން އިނގޭ ކަމަށްވެސް ގާޒީ ފާހަގަކުރެއްވި އެވެ.

ގާޒީ އަލީ ނަދީމް ވިދާޅުވީ، މި ކުށަށް ކަނޑައެޅޭނެ އަދަބަކީ މަރުގެ އަދަބު ކަމަށެވެ. ނަމަވެސް އަދަބު ތަންފީޒު ކުރުމުގެ ކުރީގެ އެއްވެސް މަރުޙަލާއެއްގައި ގާސިމްގެ ވާރިސުން މާފު ދީފިނަމަ، މަރުގެ އަދަބު ތަންފީޒު ކުރެވިގެން ނުދާނެކަމަށް ގާޒީ ވިދާޅުވިއެވެ.

ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލާފައި އޮއްވާ ފެނުނީ ޑިސެމްބަރު 4، 2019 ވަނަ ދުވަހެވެ. މި މައްސަލައިގައި އަދުހަމް ހައްޔަރު ކޮށްފައި ވަނީ އޭގެ 15 ދުވަސް ފަހުން ޑިސެމްބަރު 15، 2019 ގައެވެ.