English Edition
Dhivehi Edition
31 ސޯގަސްޓް 2020: ފުލުހުންގެ ޚިދުމަތާ އަލަށް ފުޅުނު ފުލުހުން ހުވާކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ޕޮލިސް

ކުޑަކުދިންގެ ހިޔާގެ 12 އަހަރުން މަތީގެ ކުދިންތަކަކަށް ފުލުހުން އަނިޔާކުރި ކަމަށް ތުހުމަތު ކުރާ މައްސަލައިގައި، 13 ފުލުހަކަށް ދައުވާ ކުރާތީ ފުލުހުން އެކަމާ ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ 12 އަހަރުން މަތީގެ ކުދިންނަށް އަމާޒުކޮށްގެން 2017 ވަނަ އަހަރު ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ގުޅިގެން ކ. ތުލުސްދޫގައި ހިންގި ކޭމްޕުގައި، ބައިވެރިން ކޮންޓްރޯލް ކުރުމަށް އެ ކުދިންގެ އަތުގައި ބިޑިއަޅުވާފައިވުމާއި، ބާރަށް ހަޅޭލަވާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ، ރަހުމުކުޑަ ލާއިންސާނީ އަމަލު ހިންގުމުގެ ކުށުގެ ދައުވާ 13 ފުލުހެއްގެ މައްޗަށް ކޮށްފައިވާ ކަމުގެ މައުލޫމާތު މިއަހަރުގެ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހު ޕީޖީ އޮފީހުން ހިއްސާކޮށްފައިވާ ކަމަށެވެ.

ފުލުހުންގެ ބަޔާނުގައި ބުނީ މީގެ ކުރިން ، މި ކޭމްޕްގައި ކުޑަކުދިންގެ ހައްގަށާއި ކަރާމާތަށް އުނިކަން އަތުވެދާނެފަދަ އެއްވެސް ކަމެއް ހިނގާފައިވާކަމުގެ ރިޕޯޓެއް، ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ފުލުހުންނަށް ހުށަހަޅައިފައިނުވާ ކަމަށެވެ. އަދި މި ކޭމްޕަކީ އެ ކުދިންނަށް ބޭނުންތެރި، ކޭމްޕްގެ ފައިދާ މިހާރު ވެސް އެކުދިންނަށް ކުރަމުންދާ ކޭމްޕެއްކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ،

ދަތުރުގެ ތެރެއިން ނުކިޔަމަންތެރިކަން ދެއްކި ބައެއް ކުދިންގެ އަތުގައި ބިޑި އަޅުވައިފައިވާ ކަން ފާހަގަކޮށް ފުލުހުން ބުނީ އެ ދަތުރުގައި ބައިވެރިވި ބައެއް ކުދިން ނުކިޔަމަންތެރިކަން ދެއްކުމުން އެކުދިން ކޮންޓްރޯލްކުރުމަށާއި އެ ކުދިންނާއި އެހެނިހެން ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފުލުހުން އަމަލުކޮށްފައިވަނީ ފުލުހުންގެ ގާނޫނާއި ގަވައިދުތަކުގެ ތެރެއިންކަމަށެވެ.

މި މައްސަލައިގައި 13 ފުލުހުންގެ މައްޗަށް އުފުލީ އެންޓި ޓޯޗާ ގާނޫނުގެ 21 ވަނަ މާއްދާއާއި 26 ވަނަ މާއްދާގެ (ހ) އާއި 15 ވަނަ މާއްދާއާ ހަވާލާދީ، އެ ގާނޫނުގެ 23 ވަނަ މާއްދާގެ (ކ)ގެ އެއްވަނަ ނަންބަރުގެ ދަށުންނެވެ.