އައްޑޫ ސިޓީ މީދޫ މުލިމަތި ޖަމްމިއްޔާއާއި ޔޫއެންޑީޕީ އަދި ޖާނީ ގުޅިގެން ހިންގި ‘ރައިޒް – އެޗްއައިވީ އެންޑް ޑްރަގް ޕްރިވެންޝަން ޕްރޮގްރާމް’ ނިންމާލުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން 11 ވަނަ ދުވަހަށް ކުރިއަށް ގެންދިޔަ މި ވޯކްޝޮޕްގައި ޖުމްލަ 31 ފަރާތަކުންވަނީ ބައިވެރިވެފައެވެ. ދެ ބަޔަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ބެލެނެވެރިންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ސެޝަންތަކުގައި ޖުމްލަ 11 ބެލެނެވެރިޔަކުވަނީ ބައިވެރިވެ ޓްރެއިނިން ފުރިހަމަކޮށްފައެވެ. މި ސެޝަންތަކުގައި ކުދިން ތަރުބިއްޔަތުކުރުމާއި މަސްތުވާތަކެއްޗަށް ކުދިން ދިއުމުގެ ކުރިން، އަޅަން ޖެހޭ ފިޔަވަޅުތަކާއި ބެހޭ ގޮތުން ބެލެނެވެރިންނަށް ވަނީ މައުލޫމާތު ހިއްސާކޮށްފައެވެ. މީގެ އިތުރުން ޒުވާނުންނަށް ހާއްސަކޮށްގެން ބޭއްވި ސެޝަންގައި ޖުމްލަ 20 ޒުވާނުން ބައިވެރިވެފައިވާއިރު މި ޓްރެއިނިންގެ ބައިވެރިންނަށް ހާއްސަކޮށް ކޭމްޕެއްވެސް ވަނީ ބާއްވާފައެވެ.މީގެ އިތުރުން ޖާނީގެ ފަރާތުން ހުޅުމީދޫ މުއައްސަސާތަކުގެ އިސްވެރިންނާއި އެކުވެސް މަޝްވަރާ ބައްދަލުވުންތަކެއް ވަނީ ބާއްވާފައެވެ.
މި ވޯކްޝޮޕާއި އާއި ބެހޭ ގޮތުން ވާހަކަދައްކަމުން މުލިމަތި ޖަމްމިއްޔާގެ ރައީސާ ޝަމްސުއްނިސާ ބުނީ މިއީ ޒުވާނުން މަސްތުވާތަކެއްޗަށް ދިއުމުގެ ކުރިން ކަމާއި ގުޅޭ މައުލޫމާތު ހިއްސާކޮށް އެކަމުން ދުރުކުރުވުމުގެ ގޮތުން ބާއްވި ޓްރައިނިން އެއް ކަމަށެވެ. އަދި މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރާނެ ޒުވާނުން ބިނާކޮށް އެ ފަރާތްތަކަށް ކަމާއިގުޅޭ ރަގަޅު މައުލޫމާތު ދިނުމަކީ މި ވޯކްޝޮޕްގެ މަގްސަދުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު އެއްކަން ކަމުގައި ޝަމްސު ބުންޏެވެ.
މީގެ އިތުރުން މި ވޯކްޝޮޕް ފުރިހަމަކޮށްފައިވާ ބައިވެރިންގެ ތެރެއިން ހޮވާލެވޭ ޓީމަކުން، އައްޑޫގެ އެއްވެސް ފަރާތަކުން މަސްތުވާތަކެތިން ސަލާމަތްވާން ބޭނުންކަމުގައިވާނަމަ އެ ޓީމުން އެކަމަށް އެހީތެރިވެދާނެއެވެ.މި ގޮތުން ޖާނީ އާއި ގުޅިގެން އެފަދަ ފަރާތްތަކަށް ރަށުގައި ތިބެގެންވެސް ފުރިހަމަކުރަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކޮށް ޑިޓޮކްސިފިކޭޝަން ސެންޓަރުތަކަށް ދިއުމަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ.