English Edition
Dhivehi Edition

އައްޑޫ ސިޓީ މީދޫ މުލިމަތި ޖަމްޢިއްޔާއިން އިސްނަގައިގެން ބޭއްވި ސްކޫލް ދަރިވަރުންނަށް ދިވެހި ބަހުން ވާހަކަދައްކަން ދަސްކޮށްދިނުމުގެ ކޯހުގެ އެއްވަނަ މާނިޔާ މުހައްމަދު ދީދީ ހޯދައިފިއެވެ.

މި މަހުގެ 26 ވަނަ ދުވަހުން ފެށިގެން 29 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދިއަ މި ކޯހުގައި ކިޔަވައިދެއްވީ އިމާދު ލަތީފްއެވެ. 04 ދުވަހަށް ކުރިއަށް ގެންދިޔަ މި ކޯހުގެ އެއްވަނަ މާނިޔާ ހޯދާފައިވާއިރު، ރޭ އަސްރިއްޔާ ޕްރީ ސްކޫލުގައި ބޭއްވި މި ހަފްލާގެ ނިންމުމުގެ ރަސްމިއްޔާތުގައި ‘އޭއޯ’ ގެ އިންޓާންޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތާއި، ހަނދަނީ ލިޔުން މާނިޔާ އާއި ހަވާލުކޮށްދެއްވީ ހަފްލާގެ ޝަރަފުވެރި މެހެމާނާ އައިޝަތު ނާޖީއެވެ. ކީސްޓޭޖް 3،4 އަދި 5 ގެ ހުރިހައި ދަރިވަރުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ މި ކޯހުގައި ޖުމްލަ 30 ދަރިވަރުން ބައިވެރިވެފައިވާއިރު 26 ދަރިވަރަކުވަނީ ކޯސް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލްކޮށްފައެވެ.

Image may contain: 23 people, people sitting

މިކޯހާއި ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން މުލިމަތި ޖަމްޢިއްޔާއިން ބުނީ، މި ކޯހުގެ މަޤްސަދަކީ ސްކޫލު ކުދިންނަށް ދިވެހި ބަހުގެ ހަމަތަކާއެއް ގޮތަށް ވާހަކަދައްކަން ދަސްކޮށް ދިނުމާއި ވާހަކަދެއްކުމުގެ އަސާސީ ހުނަރުތައް ދަސްކޮށްދިނުމެވެ. މުޅިން ހިލޭ ކުރިއަށް ގެންދިޔަ މި ކޯސް ނިންމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ކޯހުގެ މުރުޝިދު، އިމާދު ލަތީފު ވަނީ މި ކޯހުގައި ބައިވެރިވެ ކޯސް ފުރިހަމަ ކުރި ދަރިވަރުންނަށް ދަސްވި އެއްޗެއްގެ ބޭނުން ރަގަޅު ގޮތުގައި ހިފުމަށް އެދިފައެވެ.

މުލިމަތި ޖަމްޢިއްޔާއިން އިސްނަގައިގެން ދިވެހި ބަސް ކުރިއެރުވުމަށް ބަހުސް މުބާރާތެއްވެސް ބާއްވާފައިވާއިރު، މުލިމަތި ޖަމްޢިއްޔާއިން ބުނީ 2021 ވަނަ އަހަރުވެސް މިފަދަ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށެވެ.