English Edition
Dhivehi Edition
12 ފެބްރުއަރީ 2020 ގައި ފޮރިން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ޢަބްދުﷲ ޝާހިދު ވާހަކަދައްކަވަނީ - ފޮޓޯ: ފޮރިން މިނިސްޓްރީ

ސައުދި އަރަބިއާއަށް ދަތުރުކުރާ ދިވެހި ފަތުރުވެރިންނަށާއި، ޢުމްރާގެ މަތިވެރި އަޅުކަމަށް ދާ ދިވެހި ރައްޔިތުންނަށް އޮން-އެރައިވަލް ވިސާ ލިބޭނެ އިންތިޒާމް ސަޢުދީ ސަރުކާރުން ފަހިކޮށްދެއްވާފައިވާ ކަމުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު މިއަދު އިޢުލާން ކުރައްވައިފިއެވެ.

މިނިސްޓަރ ޝާހިދު މިކަން އިއުލާންކުރެއްވީ މިއަދު މެންދުރު ފޮރިން މިނިސްޓްރީގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

އެ ބައްދަލުވުމުގައި، އޮން-އެރައިވަލް ވިސާގެ ޚިދުމަތްތައް ފެށުމާއެކު، ދިވެހިން ސަޢުދީއަށް ދަތުރުފެށުމުގެ ކުރިން އޮންލައިންކޮށް އީ-ވިސާއަށް އެޕްލައިކުރުމުގެ ފުރުޞަތު ނުވަތަ ވިސާއާއި ނުލާ ސަޢުދީއަށް ދަތުރުކޮށް އެއަރޕޯޓްއިން ވިސާއަށް އެޕްލައިކުރުމުގެ ފުރުޞަތު ހުޅުވިގެންދާނެކަމުގައި މިނިސްޓަރ ބަޔާންކުރެއްވިއެވެ. އަދި އޮން-އެރައިވަލް ވިސާ ލިބޭ ޤައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނިގެންދިއުމާއެކު ދިވެހިރައްޔިތުންނަށް މި ވިސާގައި ސިންގަލް އެންޓްރީ ނަމަ، 1 މަސް ދުވަހުގެ މުއްދަތަށް ހުރެވޭނެކަމުގައި ދެންނެވިއެވެ.

މީގެ އިތުރުން މަލްޓިޕަލް އެންޓްރީކޮށް އެއް އަހަރު ދުވަހުގެ ވިސާއެއް، ސަޢުދީ ޢަރަބިއްޔާގައި ޖުމްލަ 90 ދުވަސް ހޭދަކުރެވޭގޮތަށް ދަތުރުކުރުމުގެ މަގު ފަހިވެގެންދާނެކަމުގައިވެސް ވިދާޅުވިއެވެ. ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށާއި، ކިޔެވުމާއި، ސިއްޙީ ފަރުވާއަށް އަދި ސަޢުދީ ޢަރަބިއްޔާގައި މަސައްކަތްކުރުން ފަދަ ބޭނުންތަކަށް މި ވިސާ ބޭނުންނުކުރެވޭނެ ކަމަށާއި މި ވިސާ ބޭނުންކުރެވޭނީ ހަމައެކަނި ފަތުރުވެރިކަމާއި ޢުމްރާގެ އަޅުކަން އަދާކުރެއްވުމަށްކަމުގައިވެސް މިނިސްޓަރ ތަފްޞީލް ކުރެއްވިއެވެ.

މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި، ސައުދި އަރަބިއާ އަކީ ދިވެހި ރައްޔިތުން ވަރަށް މުހިންމު ބޭނުންތަކެއްގައި ދަތުރުކުރާ ޤައުމެއްކަން ފާހަގަކުރައްވަމުން، ސަޢުދީ ރަސްގެފާނުގެ މި މުހިންމު ނިންމެވުމާއެކު، ސަޢުދީއަށް ދަތުރުކުރާ ދިވެހިރައްޔިތުންނަށް، އެތަކެއް ލުއިފަސޭހަތަކެއް ލިބިގެންދާނެކަމެއްކަމަށް ވިދާޅުވިއެވެ. އަދި، މިކަމުން ދައްކައިދެނީ ދިވެހިރާއްޖެއާއި ސައުދި އަރަބިއާ އާއި ދެމެދުގައި އޮންނަ ގާތް އަޚުވަންތަ ގުޅުމާއި، ސަޢުދީ ލީޑަރޝިޕުން ދިވެހި ރައްޔިތުންނަށާއި މިހާރުގެ ސަރުކާރަށް ބަހައްޓަވާ ޚާއްސަ އަޙައްމިޔަތުކަމާއި އަދި ދެޤައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރު ހަރުފަތަކަށް ހިނގައްޖެކަމުގެ ހެއްކެއްކަމުގައި މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ޚާރިޖީ ސިޔާސަތުގެ މައްޗަށް އަލިއަޅުވާލައްވަމުން މިނިސްޓަރ ޝާހިދު ވިދާޅުވީ ބައިނަލްއަޤުވާމީ މަސްރަޙުގައި ސާބިތުކަމާއެކު އިސްއުފުލައި، ރާއްޖޭގެ ހައިބަތު އުފުލައިދޭން ކެނޑިނޭޅި މިކުރާ މަސައްކަތުގައި މިސަރުކާރުން ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން، ދިވެހި ޕާސްޕޯޓަކީ، އޭގައިވާ ސަލާމަތީ ސިފަތަކާއިއެކު، މިވަގުތު ދެކުނު އޭޝިއާގެ އެންމެ ބާރުގަދަ ޕާސްޕޯޓުކަމުގައި ބަޔާންކުރެއްވިއެވެ.