English Edition
Dhivehi Edition
މަޖިލީހުގެ 2020 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ތިންވަނަ ޖަލްސާގައި ޑީއާރުޕީގެ ލީޑަރ، ޢަބްދުﷲ ޖާބިރު ވާހަކަދައްކަވަނީ - ފޮޓޯ: މަޖިލިސް

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އިންވެސް ހުރިހާ ދާއިރާއަކަށް ވާދަކުރަން ނިންމައިފި އެވެ.

ޑީއާރުޕީން ބުނީ އެ ޕާޓީގެ ކައުންސިލުން ވަނީ ކައުންސިލްތަކުގެ އިންތިޚާބުގައި ހުރިހާ ދާއިރާއަކަށް ކުރިމަތިލުމަށާއި، މި ހިނގާ ފެބްރުއަރީ މަހުގެ ފަހުކޮޅު ގާފަރުގައި ބާއްވާ އެ ޕާޓީގެ އާންމު ޖަލްސާގައި ކެންޑިޑޭޓުންނާއި ޓިކެޓް ހަވާލުކުރުމަށް ނިންމާފައި ކަމަށެވެ.

މީގެ އިތުރުން ޑީއާރުޕީން ބުނީ އެ ޕާޓީގެ ޓިކެޓާއެކު ކެމްޕެއިނަށް ޚަރަދުކުރާ ފައިސާވެސް ހަވާލުކުރެވޭނެ ކަމަށެވެ.

ޑީއާރުޕީގެ ޓިކެޓުގައި ކައުންސިލްތަކުގެ އިންތިޚާބަށް ވާދަކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލީ މިދިޔަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު އެވެ. އެ ޕާޓީގެ ޓިކެޓަށް އެދިލައްވާ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅާނީ ޑެޕިއުޓީ ލީޑަރ، ޢަބްދުﷲ ރިފާޢު އަށެވެ.

ޑީއާރުޕީންގެ މީގެ ކުރިން ބުނި ގޮތުގައި އެ ޕާޓީގެ ޓިކެޓް ދިނުމުގައި ބަލާނީ މަދުވެގެން 100 އާ މެންބަރުންގެ ފޯމް ހުށަހެޅުމާއެކު ޤާނޫނީ ޝަރުތު ފުރިހަމަވާ ފަރާތްތަކަށް ކަމަށެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލާފައި ވަނީ މިމަހުގެ ފަސްވަނަ ދުވަހު އެވެ.

އެކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއި އެހެނިހެން ލިޔެކިޔުންތަކާއެކު އީސީ އަށް ހުށަހަޅަންޖެހޭނީ ފެބްރުއަރީ 20 ވާ ބުރާސްފަތި ދުވަހުގެ 15:00ގެ ނިޔަލަށެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ 33%ވަނީ އަންހެނުންނަށް ޚާއްސަކޮށްފައެވެ. ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ބާއްވަން ހަމަޖެހިފައި ވަނީ އަންނަ އޭޕްރީލް މަހުގެ 04 ވަނަ ދުވަހު އެވެ.