English Edition
Dhivehi Edition

ވަކި ފިކުރެއްގައި ހޮވުމަށް ފަހު އެހެން ގޮތަކަށް ބަދަލުވާ ނަމަ އެކަމަށް އުސޫލުތަކެއް ކަނޑައަޅަން ޖެހޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ހަސަން ލަތީފް މިހެން ވިދާޅުވީ އަމިއްލަ ހައިސިއްޔަތުން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެ ވަޑައިގެންނެވި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް ޕީޕީއެމަށް ބަދަލުވެއްޖެކަން މަޖިލީހުގެ ސެކްރެޓޭރިއަޓަށް ބަލައިގަނެ، އެކަން މިއަދުގެ ޖަލްސާގެ ރިޔާސަތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއުލާން ކުރެއްވާ އެކަމާއި ގުޅިގެން މެމްބަރުންނަށް ވާހަކަދައްކަވަން ދިން ފުރުސަތުގައެވެ.

އެ ފުރުސަތުގައި، ވާހަކަދައްކަމުން ހަސަން ލަތީފް ވިދާޅުވީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި،ވޯޓު ދިން މެމްބަރުން ކައިރީގައި އެހުމެއް ސުވާލެއް ކޮށްލުމެއް ނެތި، އެހެން ޕާޓީއަކަށް ބަދަލުވެވޭ ގޮތަށް އޮތުމަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ގަބޫލުކުރާނެ ކަމެއް ނޫންކަމަށެވެ.

ހަސަން ލަތީފު މިހެން ވިދާޅުވެފައިވާއިރު 18 ވަނަ ރައްޔިތުންގެ މަޖިލީހުންވަނީ، މަޖިލިސް މެންބަރުން އިންތިހާބުވާ ސިޔާސީ ޕާޓީ ބަދަލު ކުރާނަމަ ނުވަތަ އެ ޕާޓީން ވަކިވެއްޖެ ނަމަ މެންބަރުކަން ގެއްލޭ ގޮތަށް ފާސްކޮށްފައެވެ. އެންޓި ޑިފެކްޝަން ގާނޫނު ހަދާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެމްބަރަކު އެ ބޭފުޅަކު އިންތިޚާބުވި ޕާޓީން ވަކިވެއްޖެ ނަމަ، ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ، މަޖިލީހުގެ މެމްބަރުކަމުން ވަކިވާނެ ކަމަށް 2017 ވަނަ އަހަރުގެ ޖުލައި 13 ވަނަ ދުވަހު ސުޕްރީމު ކޯޓުން ކުރި ހުކުމާ ގުޅިގެންނެވެ.

ރިޔާސީ އިންތިހާބުން ޕީއެމްއަށް ލިބުނު ނާކާމިޔާބީއަށް ފަހު މަޖިލީހުގެ މެޖޯރިޓީ އިދިކޮޅު ޕާޓީތަކަށް ލިބި އެންޓި ޑިފެކްޝަން ގާނޫނު އުވާލަން ފާސް ކުރީވެސް މަޖިލީހުގެ ނިމިގެން ދިޔަ ދައުރުގައެވެ.ގޮނޑި ގެއްލޭ ގާނޫނު ނުވަތަ އެންޓި ޑިފެކްޝަން ގާނޫނު އުވާލުމަށް މަޖިލީހަށް ހުށަހެޅުއްވީ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދެވެ.