English Edition
Dhivehi Edition

ޗައިނާގެ ވުހާން ސިޓީއިން ފުރަތަމަ ފެނުނު ނޮވެލް ކޮރޯނާ ވައިރަސް ޖެހިގެން މިހާތަނަށް 910 މީހުން މަރުވެއްޖެއެވެ.

މިއަދު ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން ނެރުނު ތަފާސްހިސާބުތަކަށް ބަލާއިރު ކޮރޯނާ ވައިރަސް ޖެހިގެން އިއްޔެ އެކަނިވެސް ވަނީ އެ ޤައުމުގެ ހުބެއި ޕްރޮވިންސުން 91 މީހަކު މަރުވެފައި އެވެ. ވުހާން ސިޓީ ހިމެނޭ ހުބެއި ޕްރޮވިންސަކީ ޗައިނާގައި ވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ އަދި ފެތުރެމުން އަންނަ ޕްރޮވިންސެވެ. އެގޮތުން އިއްޔެ އެކަނިވެސް އެ ސިޓީއިން ވަނީ 2،500 އަށްވުރެ ގިނަ މީހުން ވައިރަހަށް ޕޮޒިޓިވް ވެފައެވެ.

ކޮރޯނާ ވައިރަސް ދުނިޔޭގެ 25 ހަށް ވުރެ ގިނަ ޤައުމުން ފެނިފައިވާއިރު އެކި ހިސާބުތަކުން ވަނީ ވައިރަހަށް ޕޮޒިޓިވް 40،000 މީހުން ފެނިފައެވެ. ވައިރަހަށް އެންމެ ގިނަ މީހުން ފެނިފައި ވަނީ ޗައިނާއިންނެވެ.

ވައިރަސް ޖެހިގެން ފިލިޕިންސް އަދި ހޮންގްކޮންގ އިން 2 މީހަކު ވަނީ މަރުވެފައި އެވެ. ހަލުވިކަމާއި އެކީ ފެތުރެމުން އަންނަ މި ވައިރަހުގެ ސަބަބުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ މުޅި ދުނިޔެއަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައެވެ.