English Edition
Dhivehi Edition

ވޭތުވެދިޔަ 14 ދުވަހުގެ ތެރޭ ޗައިނާއަށް ދަތުރު ކުރުމަށްފަހު ރާއްޖެ އައި 3 ދިވެހިން ކަރަންޓީން ކޮށްފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ކަރަންޓީން ކުރި މި 3 މީހުންވެސް ކަރަންޓީން ކޮށްފައިވަނީ ފަރުކޮޅު ފުށީގައެވެ.

ޗައިނާގެ ވޫހާންއިން އަލަށް ފެނުނުފަހުން ހަލުވި ކަމާއެކު ފެތުރެމުން އަންނަ ނުރައްކާތެރި ނޮވެލް ކޮރޯނާ ވައިރަސް އާއި ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ދެއްވަމުން ޓުއަރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވީ ކަރަންޓީން ކުރެވުނު ތިން މީހުންނަކީވެސް ބަލީގެ އެއްވެސް ޢަލާމާތެއް ނެތް ބައެއްކަމުން ކޮރޯނާ ވައިރަސްއަށް އެމީހުން ޓެސްޓު ނުކުރާނެ ކަމަށެވެ.

ކޮރޯނާ ވައިރަސް ރާއްޖޭގައި ފެތުރިޔަ ނުދިނުމަށް ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅު ތަކުގެ ދަށުން ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހުން ފެށިގެން ޗައިނާއިން އައި ބިދޭސީ 27 މީހަކު ވަނީ ރާއްޖެއެތެރެވިޔަ ނުދީ ހިފަހައްޓާފައެވެ.

މިބަލި ފެތުރެންފެށިއިރު ޗައިނާގެ ވުހާން ގައި ދިރިއުޅެމުން އައި ރާއްޖޭގެ 7 ދިވެއްސަކު އިންޑިއާގައި ވަނީ ކަރަންޓީން ކުރެވިފައެވެ. މި 7 މީހުންގެ ޓެސްޓުތަކުން ބައްޔަށް ނެގެޓިވް ވެފައިވެއެވެ. ބައްޔަށް ޝައްކު ކުރެވިގެން ރާއްޖެއިން ކަރަންޓީންކޮށް ޓެސްޓު ކުރެވުނު އެއްވެސް މީހެއްގެ ގައިން އަދި މިހާތަނަށް މިބަލީގެ އަސަރެއް ފެނިފައެއް ނުވެއެވެ. ރާއްޖެއިން ބަލި ނުފެނުނު ކަމުގައިވިއަސް ރައްކާތެރި ވުމުގެ ގޮތުން ސާފުތާހިތު ކަމުގެ މިންގަނޑުތަކަށް ބޯލެނބުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން ވަނީ އިލްތިމާސްކޮށްފައެވެ.