English Edition
Dhivehi Edition
ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ރަސްމީކޮށް ޕީޕީއެމް އާއި ގުޅިވަޑައިގެން މެމްބަރޝިޕް ފޯމް ރައީސް ޔާމީންއާއި ހަވާލުކުރައްވަނީ - ފޮޓޯ: ނިޝާން ޢަލީ (މިހާރު)

އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ޕްރައިމަރީ އަކީ ދިމިޤްރާތީ އުސޫލުން ހުޅުވިގެންދިޔަ އަލިމަގެއް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ޑރ. ޝަހީމް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި ޑރ. ޝަހީމް ވަނީ ޕީޕީއެމްގެ މެންބަރުންނާއި ލީޑަރޝިޕަށް ތަޙުނިޔާ އާއި މަރުޙަބާ ދަންނަވައި، ކާމިޔާބަށް އެދިވަޑައިގެންފަ އެވެ.

“ސިޔާސީ ޕާޓީތަކުގެ އެތެރޭގެ އިންތިޚާބުތައް ބޭއްވުމަކީ އެ ޕާޓީތައް އެއްބައިވަންތަކަމާއެކު ދެމިއޮތުމުގެ ސިއްރެވެ.” އެ ޓްވީޓްގައި ޝަހީމް ވިދާޅުވެފައި ވެއެވެ.

ޕީޕީޢެމްގެ ޓިކެޓްގައި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރައްވާނެ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ އެ ޕާޓީގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ވަނީ ބާއްވައިފަ އެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު މެންދުރުފަހު 02:30 އިން ފެށިގެން ޕީޕީއެމްގެ ޕްރިމަރީގެ ވޯޓުލުން ކުރިއަށްދާއިރު، ވޯޓު ނުލެވި ކިޔޫގައި އަދިވެސް ގިނަ ބަޔަކު ތިބުމާއެކު ވޯޓުލުމުގެ ވަގުތު ވަނީ މިރޭ 08:00 އާއި ހަމައަށް އިތުރުކޮށްފަ އެވެ.

ޕީޕީއެމްގެ ޕްރިމަރީގައި ޖުމްލަ ހަތް އަތޮޅު ކައުންސިލާއި ދެ ސިޓީ ކައުންސިލަށް ކެންޑިޑޭޓުން ހޮވާއިރު، 40 އަށްވުރެގިނަ ރަށުގައި ޖުމްލަ 134 ވޯޓު ފޮށި ވަނީ ބަހައްޓާފަ އެވެ. ޕީޕީއެމް އިން ބުނީ ޕްރައިމަރީ ބާއްވަނީ 66 މަޤާމަށް ކަމަށެވެ.

ޕީޕީއެމްގެ ޓިކެޓްގައި ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވެފައިވަނީ ނިމިގެންދިޔަ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށެވެ.

އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ހުރިހާ ދާއިރާއަކަށް ވާދަކުރަން ޕީޕީއެމް އިން ވަނީ ނިންމައިފަ އެވެ.

ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ކުރިއަށްދާއިރު، އެމްޑީޕީ ޕްރިމަރީގައި އެކި ސަބަބުތަކާހުރެ އަލުން ވޯޓުލާން ޖެހުނު ދާއިރާތަކަށް ވޯޓުލުން ވެސް މިއަދު ވަނީ ބާއްވައިފަ އެވެ. ކައުންސިލް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ ބާއްވާފައި ވަނީ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު އެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ 33%ވަނީ އަންހެނުންނަށް ޚާއްސަކޮށްފައެވެ. ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ބާއްވަން ހަމަޖެހިފައި ވަނީ އަންނަ އޭޕްރީލް މަހުގެ 04 ވަނަ ދުވަހު އެވެ.