English Edition
Dhivehi Edition
ދިވެހި ބަހުގެ އެކެޑަމީ - ފޮޓޯ: ގޫގުލް މެޕްސް (އަސްލަމް މުޙައްމަދު)

ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަން ދިނުމުގެ ޤާނޫނަށް އިޞްލާޙު ހުށައެޅުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފި އެވެ.

ދިވެހިބަހުގެ އެކެޑަމީ އިން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައި ވަނީ ރާއްޖޭގެ ޤައުމީ ބަހަށް އިސްކަން ދިނުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމަށް ޚިޔާލު ހުށައެޅުމުގެ ފުރުސަތު ފެބްރުއަރީ 12 ވާ ބުދަ ދުވަހުގެ މެންދުރުފަހު 01:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

އަދި ޤާނޫނުގެ ވަކިވަކި މާއްދާތަކަށް ގެންނަން ފެންނަ އިޞްލާޙާއި މުޅި ޤާނޫނަށް ގެންނަން ފެންނަ އިޞްލާޙުގެ ޚިޔާލު ވެސް ހުށައެޅިދާނެ ކަމަށް އެ އިއުލާނުގައި ބުނެފައި ވެއެވެ.

އެ ޤާނޫނަށް އިޞްލާޙު ހުށައަޅަން ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް ހުޅުވާލާފައިވާ މުއްދަތުގައި ދިވެހި ބަހުގެ އެކެޑަމީގެ އީ.މެއިލް [email protected] އަށް ލިޔުމުން ހުށަހަޅަން ޖެހޭނެ އެވެ.

22 މާއްދާއެއްގެ މައްޗަށް އެކުލެވިގެންވާ އެ ޤާނޫނުގެ މައިގަނޑު މަޤްޞަދެއްގެ ގޮތުގައި ބުނެފައި ވަނީ ދިވެހި ޤައުމިއްޔަތުގެ އެންމެ މުހިންމު އެއް އަސާސް ކަމުގައިވާ، އަދި އެންމެ އަގުބޮޑު އެއް ތަރިކަ ކަމުގައިވާ ދިވެހިބަސް، ހީނަރުވިޔަނުދީ ޙިމާޔަތްކުރުމާއެކު، ބަސް ތަރައްޤީކޮށް ކުރިއަރުވައި، އަންނަން އޮތް ޖީލުތަކަށް އަމާނާތްތެރިކަމާއެކު ވާޞިލުކޮށްދިނުމެވެ.

ގެޒެޓްގައި ޝާއިޢު ކޮށްފައިވާ ދިވެހި ރާއްޖޭގެ ޤައުމީ ބަހަށް އިސްކަން ދިނުމުގެ ޤާނޫނު ގެ ޕީޑީއެފް ފައިލް ތިރީގައިވާ ލިންކުން ފެނިވަޑައިގަންނަވާނެއެވެ.

http://www.gazette.gov.mv/iulaan/download-attachment/21678