ޑިމޮކްރަސީގެ އަސާސްތަކަށް ބުރޫ އަރާ ކޮންމެ ފަހަރަކު އެކަން ދިފާޢުކުރައްވަން ނިކުމެވަޑައިގަންނަވާނެ ކަމަށް މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ، މުޙައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ މަލީހު މިހެން ވިދާޅުވީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހު އޭރު އިދިކޮޅުގައި ތިބި ފަރާތްތަކުން ކުރި ބަޤާވާތަށް އަށް އަހަރު ފުރުމާއި ގުޅިގެން ރޭ ކުރެއްވި ޓްވީޓެއްގަ އެވެ.
Islam dheena, Miqaumuge minivankamaa, sulha masalaskamaa, hamajehumaa, adhulu insaafaa, rayyithunge kuri erumaa, hama hama tharahgee aai, farudhunge minivankama, democracyge asaasthakah buroo araa konme faharaku ekan dhifaau kuran nikunnaanan. 07.02.2020https://t.co/kOKFykPLLO
— Mohamed Maleeh Jamal (@maleehjamal) February 6, 2020
އެ ޓްވީޓްގައި މަލީހު ވިދާޅުވެފައި ވަނީ އިސްލާމްދީނާއި، މިޤައުމުގެ މިނިވަންކަމާއި ސުލްޙަމަސްލަސްކަމާއި ހަމަޖެހުމާއި ޢަދުލު އިންސާފާއި، ރައްޔިތުންގެ ކުރިއެރުމާއި ހަމަހަމަ ތަރައްޤީ އާއި ފަރުދުންގެ މިނިވަންކަން އަދި ޑިމޮކްރެސީގެ އަސާސްތަކަށް ބުރޫ އަރާ ކޮންމެ ފަހަރަކު އެކަން ދިފާޢުކުރައްވަން ނިކުމެވަޑައިގަންނަވާނެ ކަމަށެވެ.
މަލީހު މިހެން ވިދާޅުވިއިރު، 2012 ވަނަ އަހަރު ކްރިމިނަލް ކޯޓުގެ އިސްޤާޟީ ޢަބްދުﷲ މުޙައްމަދު (ޢަބްދުﷲ ގާޒީ) ހައްޔަރުކުރުމާއި ގުޅިގެން ތިން ހަފްތާގެ މުއްދަތަކަށް އިދިކޮޅު ފަރާތްތަކުން ކުރިއަށްގެންދިޔަ މުޒާހަރާތައް ނިމިގެންދިޔައީ މަޖްބޫރީއެތައް ޙާލަތްތަކަކާއެކު އޭރު ވެރިކަމުގައި ހުންނެވި ރައީސް، މުޙައްމަދު ނަޝީދު އަމިއްލަފުޅަށް އިސްތިއުފާދެއްވުމުންނެވެ.
ސަލާމަތީ ބާރުތަކުގެ އެއްބާރުލުމާއެކު އިދިކޮޅު ފަރާތްތަކުން ކުރި އެ ބަޤާވާތަށްފަހު ވެރިކަމާއި ހަވާލުވެވަޑައިގެންނެވީ ރައީސް ނަޝީދުގެ ސަރުކާރުގެ ނައިބު ރައީސްކަމުގައި ހުންނެވި ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު އެވެ.
އެ ބަޤާވާތަށް ހިތްވަރުލިބޭ ގޮތަށް މިނިސްޓަރ މަލީހު ވާހަކަފުޅު ދެއްކެވުމާއި ގުޅިގެން ގިނަ ބަޔަކު ވަނީ މަލީހު އަށް ފާޑުކިޔައިފަ އެވެ.