މިނިސްޓަރުކަމުން އިސްތިއުފާދިނަސް ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ދެމިހުންނާނެ ކަމަށް ޖެންޑަރ މިނިސްޓަރުގެ މަގާމުން މިއަދު އިސްތިއުފާ ދެއްވި ޝިދާތާ ޝަރީފް ވިދާޅުވެއްޖެ އެވެ.
ޢަދާލަތު ޕާޓީގެ ޚާރިޖީ ގުޅުންތަކާބެހޭ ކޮމިޓީގެ މުގައްރިރުގެ ފަރާތުން ނެރުނު ނޫސްބަޔާނެއްގައި ޝިދާތާ ވިދާޅުވީ ޖެންޑަރ މިނިސްޓަރުގެ ހައިސިއްޔަތުން ރާއްޖެއަށާއި ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ފުރުސަތު ލިބުމަކީ އޭނާއަށް ލިބުނު ބޮޑު ޝަރަފެއް ކަމަށެވެ. 17 ނޮވެމްބަރު 2018 ވަނަ ދުވަހު ރައީސް ޞާލިޙު ގެ ވަޒީރުންގެ މަޖިލީހުގެ މެމްބަރުކަމުގެ ހުވާ ކުރި ދުވަހުން ފެށިގެން މިއަދާއި ހަމައަށް މަސައްކަތް ކޮށްފައިވަނީ ލިބިފައިވާ ޢިލްމާއި ލަޔާގަތާއި ޤާބިލިއްޔަތު ތަންދިން އެންމެ މަތީ ދަރަޖައިގައި ރައީސް އާއި ކެބިނެޓުން އަރުވަމުންދިޔަ މަޝްވަރާއާއި އެކު ހަރުދަނާ ގޮތެއްގައި ވުޒާރާ ހިންގުމަށް ކަމަށް ޝިދާތާ ވިދާޅުވިއެވެ.
ބޮޑެތި ގޮންޖެހުންތަކާއި އެކުވެސް ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ މުއްދަތުގައި ކުޑަކުދީންނާއި އަންހެނުންނާއި އަދި ހާއްސައެހީއަށް ބޭނުންވާ މީހުންގެ ހާލަތު ރަނގަޅު ކުރުމަށާއި ރާއްޖޭގެ އިޖުތިމާއީ ނިޒާމު ރައްކާތެރިކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތު ތަންފީޒުކުރުމުގައި ގިނަ ކާމިޔާބީތައް ހޯދިފައިވާކަން ޝިދާތާގެ ނޫސްބަޔާނުގައި ފާހަގަ ކުރެއްވިއެވެ.
ޝިދާތާގެ ބަޔާނުގައި އިތުރަށް ވިދާޅުވީ އޭނާއަށް ލިބޭ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ދިވެހި އަންހެނުންނާއި ކުޑަކުދީންނާއި އަދި ޚާއްޞަ އެހީއަށް ބޭނުންވެފައިވާ ފަރާތްތަކަށް ދިމާވަމުންދާ ބޮޑެތި މައްސަލަތައް ހުރުމާއި އެކުވެސް އެފަދަ ކަންކަމާ މީގެ ކުރިން އަޅާލެވިފައި ނުވާ މިންވަރަށް އަޅާލެވި ދެމެހެއްޓެނިވި ހައްލުތައް ހޯދުމުގެ މަސައްކަތް ފެށިފައިވާ ވުންކަމެވެ.
މިނިސްޓަރުކަމުން އިސްތިއުފާދެއްވިއަސް ވޭތުވެދިޔަ ދުވަސްތަކެކޭ އެއްގޮތަށް ސިޔާސީ ދާއިރާގައި ދިވެހި ޤައުމާއި ރައްޔިތުންނަށް ކިދުމަތްކުރުމުގައި ދެމިހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އަދާލަތު ޕާޓީ އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި ޕާޓީގެ އާންމު މެމްބަރުންނާއެކު ދެމިހުންނާނޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޝިދާތާގެ އިސްތިއުފާގެ ސިޓީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ޤަބޫލުކުރައްވުމަށްފަހު ޖެންޑަރ މިނިސްޓަރު ގެ މަޤާމަށް ހިތަދޫ ބިޗްވިލާ ޢާއިޝަތު މުޙައްމަދު ދީދީ ވަނީ މިއަދު ޢައްޔަން ކުރައްވާފައެވެ.