English Edition
Dhivehi Edition
އާންމު ރައްޔިތުންގެ ޕާޓީ އުފެއްދުމުގެ ހުއްދަ ހަވާލުކުރަނީ - ފޮޓޯ: ޓްވިޓާ (އީސީ)

“އާންމު ރައްޔިތުންގެ ޕާޓީ”ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއްޔެ ދޫކޮށްފި އެވެ.

އެގޮތުން އާންމު ރައްޔިތުންގެ ޕާޓީ އުފެއްދުމުގެ ހުއްދަ އީސީ އިން ދޫކޮށްފައި ވަނީ އަޙްމަދު ސަޢީދު، ކަނަދޫގެ / ސ، ހިތަދޫ އަށެވެ. އޭނާ އާއި އެ ހުއްދަ ދިންކަމުގެ ލިޔުން ރަސްމީކޮށް ހަވާލުކޮށްފައި ވަނީ އިއްޔެ އެވެ.

އެ ޕާޓީ އުފެއްދުމުގެ ހުއްދަ ދިނުމާއެކު ޕާޓީއަށް 3،000 މެންބަރުންގެ ސޮއި ހަމަކުރުމަށްފަހު އީސީ އަށް ހުށަހަޅަންޖެހޭނެ އެވެ. އެކަން ކުރަން ޖެހޭނީ ޕާޓީ އުފެއްދުމުގެ ހުއްދަ ދޫކުރާތާ ތިން މަސް ދުވަހުގެ ތެރޭގަ އެވެ. އަދި ސޮއި ހަމަކުރުމުން، ޕާޓީގެ ފުރަތަމަ އާންމު ޖަލްސާ ބޭއްވުމުގެ ހުއްދަ އީސީ އިން ދޫކުރާނެ އެވެ. އެ ޖަލްސާގައި ނިންމާ ކަންތައްތައް އީސީއަށް ހުށަހެޅުމުން، މައްސަލައެއް ދިމާ ނުވާ ނަމަ އީސީއިން ޕާޓީ ރެޖިސްޓްރީކޮށްދޭނެ އެވެ.

އީސީ އިން ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި “ދިވެހިންގެ އުއްމީދީ ޕާޓީ” ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަވެސް ދީފައެވެ. އަދި “ދިވެހި އެންމެންގެ ޕާޓީ”ގެ ނަމުގައި ޕާޓީއެއް އުފެއްދުމުގެ ހުއްދަވެސް އީސީ އިން ވަނީ ދޫކޮށްފަ އެވެ.

މިހާރުވެސް ރާއްޖޭގައި ސިޔާސީ ޕާޓީގެ ގޮތުގައި 10 ޕާޓީ އެބަ އޮތެވެ. އެއީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)، ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)، އަދާލަތު ޕާޓީ (އޭޕީ)، ޖުމްހޫރީ ޕާޓީ (ޖޭޕީ)، މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސް (އެމްޓީޑީ) އަދި މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (ލޭބަރ ޕާޓީ)ގެ އިތުރުން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި މޯލްޑިވްސް ޑިވޮލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އަދި މޯލްޑިވްސް ރިފޯމް ޕާޓީ (އެމްއާރްއެމް)ގެ އިތުރުން ޕީޕަލްސް ކޮންގްރެސް ޕާޓީ (ޕީއެންސީ) އެވެ.