“އަދަދު” ނޫހުން އާންމުކުރި ޑޮކިއުމެންޓަރީއަކާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ބޯލެނބުމަށާއި، ސިޔާސީ ހަރަކާތްތައް ހިންގުމުގައި އެ އަމުރުގެ ހުދޫދުން ބޭރުނުވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުރިހާ ސިޔާސީ ޕާޓީތަކަށް އަންގައިފިއެވެ.
އީސީ އިން މިކަން އަންގާފައިވަނީ، އެ ޑޮކިއުމެންޓަރީ މުޖުތަމައުގެ ތެރޭގައި ދައުރުކުރުން ވަގުތުން ހުއްޓާލުމަށާއި، އޭގައި ހިމެނޭ އެއްވެސް ވާހަކައެއް ސީދާކޮށް ނުވަތަ ނުސީދާކޮށް ވެސް ނުދެއްކުމަށް ކޯޓުން އަމުރުކުރުމާ ގުޅިގެންނެވެ. އެހެންކަމުން ޕާޓީތަކުން ބާއްވާ އެކިއެކި ހަރަކާތްތަކުގައި ވެސް ކޯޓުގެ އަމުރާ ހިލާފު އެއްވެސް ކަމެއް ނުކުރުމަށް އެ ކޮމިޝަނުން ވަނީ އިރުޝާދު ދީފައެވެ.
ކްރިމިނަލް ކޯޓުގެ އަމުރުގައި ވަނީ އެ މައްސަލައިގައި ހިމެނޭ ފަރާތްތަކާއި އަނިޔާ ލިބުނު ކަމަށް ބުނާ މީހާގެ ވާހަކަ އެ ޑޮކިއުމެންޓަރީއާ ގުޅުވައިގެން ނުދެއްކުމަށް އަންގާފައެވެ. މީގެ އިތުރުން ގަޒުފު ކުރުމުގެ ކުށަކީ އިންސާނާގެ އަބުރާއި އިއްޒަތް ރައްކާތެރިކުރުމަށްޓަކައި އިސްލާމީ ޝަރީއަތުގައި ނަހީކުރައްވާފައިވާ ބޮޑު ފާފައެއް ކަމަށް ކޯޓުން ފާހަގަކޮށްފައިވެއެވެ. އަދި ކޯޓަކުން ކުށެއް ސާބިތު ނުވާހާ ހިނދަކު ކޮންމެ މީހަކީ ވެސް ކުށެއް ނެތް މީހެއް ކަމުގައި ބެލުމުގެ ހައްގު ގާނޫނީ ގޮތުން އޮންނަން ވާނެ ކަމަށް އަމުރުގައި ބުންޏެވެ.
ސިޔާސީ ޕާޓީތަކަށް އީސީން މިފަދައިން އަންގާފައިވާއިރު، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ވެސް ވަނީ ކޯޓުގެ އަމުރަށް ފުރިހަމައަށް ތަބާވުމަށް ހުރިހާ މީޑިއާތަކަށް އަންގާފައެވެ. އަދި ޝަރީއަތުގެ އެއްވެސް ލިޔެކިޔުމެއް ނުވަތަ މައުލޫމާތެއް އާންމު ނުކުރުމަށް ވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.