English Edition
Dhivehi Edition

ރާއްޖޭގެ ދާޚިލީ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާކޮށް ގޮންޖަހާލުމުގެ ފުރުސަތު ﷲ ގެ ވާގިފުޅާއެކު އެއްވެސް ފަރާތަކަށް ނުދެއްވާނެ ކަމަށް ހޯމް މިނިސްޓަރ ޝެއިޚް ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ރޭ ހުޅުމާލޭގައި 3 ފަތުރުވެރިއަކަށް ވަޅިންދިން ޙަމަލާއެއް ގެ ޒިއްމާ ހަރުކަށި ފިކުރުގެ ޖަމާޢަތަކަށް ނިސްބަތްވާ ބަޔަކު މިރޭ އުފުލާފައިވަނިކޮށް މިނިސްޓަރ ޢިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ދާޚިލީ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާކޮށް ގޮންޖަހާލުމުގެ ފުރުސަތު ﷲ ގެ ވާގިފުޅާއެކު އެއްވެސް ފަރާތަކަށް ނުދެއްވާނެ ކަމަށެވެ.

މިނިސްޓަރ ގެ އިތުރު ޓުވީޓެއްގައި ދިވެހި ރައްޔިތުންނާއި ދިވެހި ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނާއި އަދި ދިވެހި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މުދަލާއި ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް ސަރުކާރުން އަޅަމުން ގެންދާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

އާންމުވެފައިވާ ހަރުކަށި ފިކުރުގެ ޖަމާޢަތެއްގެ ވީޑިޔޯގައި އެ ޖަމާއަތުން ބުނެފައި ވަނީ ހުޅުމާލޭގައި ހެލްމެޓް އަޅައިގެން ސައިކަލްތަކެއްގައި ތިބި ބަޔަކު ތިން ފަތުރުވެރިންނަށް ދިން ހަމަލާތަކުގެ ޒިންމާ ނަގާކަމަށެވެ.

ރޭ ހުޅުމާލޭގައި ވަޅިން ދިން ހަމަލާގައި ޒަޚަމްކޮށްލާފައިވަނީ އޮސްޓްރޭލިޔާ ރައްޔިތަކާއި ޗައިނާގެ ދެރައްޔިތުންނެވެ. ފުލުހުން ވިދާޅުވީ ރޭ ވަޅި ޖެހި މައްސަލަ ތަހްޤީޤު ކުރަމުން ގެންދާ ކަމަށާއި ހަމަލާގެ ޒިންމާ އުފުލައި އާއްމުކޮށްފައިވާ ވީޑިއޯގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތް އެ މުއަސަސާއިން ކުރަމުން ގެންދާ ކަމަށެވެ.