English Edition
Dhivehi Edition

ސިނަމާލެ ބްރިޖް އެޅުމަށް ކުރި މަސައްކަތްތަކުގެ ތަފްސީލް މައުލޫމާތުތަކާއި، ބްރިޖްގެ މަސައްކަތުގެ މައުލޫމާތު ހިމެނޭ ފޮތެއް ނެރެފިއެވެ.

“ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް – ހުވަފެނަކުން ހަޤީޤަތަކަށް” މި ނަމުގައި މިއަދު ނެރުނު ފޮތް ލިޔުއްވީ އިސްމާއިލް އަބްދުﷲ އާއި އަހްމަދު ޝިޔާމް އަދި ޑރ.ހަސަން ހަމީދު އެވެ. މިއަދު ދިވެހިރާއްޖޭގެ އަޑުގެ ސެނަކޯ މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި މި ފޮތް ނެރެދެއްވީ އިސްމާއިލް އަބްދުﷲ އާއި އަހްމަދު ޝިޔާމްގެ އިތުރުން ޗައިނާ ސަފީރު ޒަން ލިޒްހޮންގގެ ފަރާތުން އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތް މަންދޫބެކެވެ.

ދިވެހިބަހާއި އިނގިރޭސި ބަސް އަދި ޗައިނާ ބަހުން ލިޔެފައިވާ މި ފޮތް ނެރެދެއްވުމުގެ ހަފްލާގައި އަހުމަދު ޝިޔާމް ވިދާޅުވީ،މި ފޮތް ލިޔުމުގެ އެންމެ ބޮޑު މަގްސަދަކީ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖަކީ ރާއްޖޭގެ ތާރީޚުގައި ކުރި މުހިއްމު މަސައްކަތަކަށްވުމާއި އެކު، އެ މައުލޫމާތު ސާފުކޮށް އެނގޭނެހެން ފޮތެއްގެ ސިފައިގައި ގެނެސްދިނުންކަމަށެވެ. އަދި ފޮތް ލިޔުނު އިރު ބޭނުންވި މައުލޫމާތު ހޯދަން ދަތިތަކާއި ދިމާވި ނަމަވެސް ދަތިތަކަށް ބެލުމެއް ނެތި ކުރި މަސައްކަތުގެ ނަތީޖާއަކަށް ވެގެން ދިޔައީ މިފޮތް އެންމެ ފަހުން ނެރެވިގެން ދިއުން ކަމަށެވެ.

މީގެ ކުރިން އެއްވެސް ފަރާތަކުން ހާމަކޮށްފައި ނުވާ ބްރިޖްގެ ޕްލޭންތަކާއި ބެހޭ ކުރެހުންތައް ވެސް ހިމަނާފައިވާ މި ފޮތަކީ ދިރާސާކުރާ ފަރާތްތަކާއި މަތީ ތައުލީމް ހާސިލް ކުރާ ފަރާތްތަކަށް ވަރަށް ބޭނުންތެރި މައުލޫމާތުތަކެއް ހިމެނިގެންދާނެ ގޮތެކެވެ.

މާލެ-ހުޅުމާލެ ބްރިޖް އިމާރަތްކުުރުމާއި އޮޕަރޭޓް ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 09 ޖުލައި 2015 ގައެވެ.މި ބްރިޖް ހުޅުވާފައިވަނީ 30 އޯގަސްޓް 2018 ގައެވެ.