English Edition
Dhivehi Edition
ސިނަމާލެ ބްރިޖު--- ފޮޓޯ : ސޯޝަލް މީޑިއާ

ރާއްޖޭގައި ޗައިނާއިން ހިންގި އެންމެ ފުރަތަމަ ބޮޑު ޕްރޮޖެކްޓް ކަމުގައިވާ ސިނަމާލެ ބްރިޖް ހުޅުވުމާއި އެކީ ރާއްޖެއާއި އަވަށްޓެރި އިންޑިއާއާއި ދެމެދުގައިވާ ހީނަރުވަމުންދާ ގުޅުން ފާހަނގަކުރެވިގެން ހިނގައްޖެއެވެ.

30 އޯގަސްޓް ވީ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވުނު ސިނަމާލެ ބްރިޖް ހުޅުވުމުގެ ރަސްމިއްޔާތަށް އިންޑިއާގެ އެމްބެސެޑަރ އަކިލޭޝް މިޝްރާ ހާޒިރުވެވަޑައިގެންފައި ނުވެއެވެ. ދިވެހި ސަރުކާރުގެ އިސް ބޭފުޅަކާ ހަވާލާދީ ޓައިމްސް އޮފް އިންޑިއާ އިން ބުނެފައިވާ ގޮތުގައި، އިންޑިއާގެ ސަފީރަށް ދައުވަތު އަރުވާފައި ވީނަމަވެސް އެބޭފުޅާ އެ ދައުވަތު ގަބޫލުފުޅު ކުރައްވާފައި ނުވެއެވެ.

 

ބްރިޖް ހުޅުވުމުގެ ރަސްމިއްޔާތުގެތެރެއިން– ފޮޓޯ: އައްމި އަހްމަދު

މި ދަނޑިވަޅުގައި ޗައިނާގެ ރައީސް ޒިން ޖިންޕިންގްގެ އަރިސް ބޭފުޅުންގެ ހާޒިރުގައި ބޭއްވުނު މިރަސްމިއްޔާތަށް ހާޒިރުވި އެހެން ގައުމުތަކުގެ ސަފީރުންނާއި ދޭތެރޭ ރައީސް ޔާމީންގެ ސެކިއުރިޓީ ސްޓާފުންގެ އަމަލުތަށް ބަހައްޓާފައިވަނީ ރަނގަޅަށް ނޫންކަމަށް ބުނެ އިދިކޮޅުން ވަނީ ސަރުކާރަށް ފާޑުކިޔާފައެވެ. މިކަމަށް ފާޑު ވިދާޅުވެ ކޮށްފައިވާ ޓްވީޓެއް ގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހްމަދު މަޙްލޫފް ވިދާޅުވެފައި ވަނީ، ސްރީލަންކާ އަދި ބަންގްލަދޭޝްގެ ސަފީރުންގެ ކާރުކޮޅުތައް ރައީސް ޔާމީންގެ ސެކިއުރިޓީ ޓީމުން ވަނީ ހުއްޓުވާފައި ކަމަށާއި، އެބޭފުޅުން ކުރިއަށް ވަޑައިގަންނަވަން ޖެހިވަޑައިގަތީ ހިންގަވާފައި ކަމަށާއި، ކުރިއަށް ވަޑައިގަތުމުގެ ހުއްދަ ދެވުނީ ޗައިނާގެ ސަފީރުގެ ކާރުކޮޅަށް އެކަނި ކަމަށެވެ. އަދި މަޙްލޫފް ވިދާޅުވެފައި ވަނީ މިއީ ރާއްޖޭގެ ޒަމާންވީ ރަހުމަތްތެރި ގައުމުތަކަށް ދެވުނު ވަރަށް ބޮޑު ބޭއިއްޒަތެއް ކަމަށެވެ.

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ ނަން ދެވިފައިވާ މި ބްރިޖްއަކީ ޗައިނާ ސަރުކާރުގެ ފަރާތުން ދިން 116 މިލިއަން ޑޮލަރުގެ ގްރޭންޓްއެއްގެ އިތުރުން ބެއިޖިންގް އިން 72 މިލިއަން ޑޮލަރުގެ ލޯނަކާއި އެކު އިމާރާތް ކުރެވުނު ބްރިޖެކެވެ. އަދި މިއާއިއެކު ވަނީ ރާއްޖެ އަވަސް މުއްދަތެއްގެ ތެރޭގައި ޗައިނާގެ ދަރަނީގެ ދަށުވެދާނެ ކަމުގެ ބިރު އުފެދިފައެވެ. އޭގެ އިތުރުން ބްރިޖް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި ކޮރަޕްޝަން ހިމެނޭކަމަށް އިދިކޮޅުން ތުހުމަތު ކޮށްފައިވާއިރު، އަވަށްޓެރި އިންޑިއާއިން ވަނީ ބްރިޖް ޕްރޮޖެކްޓްގެ ހަރަދު މައްޗަށް ދިޔަ ގޮތާއިމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. ޓައިމްސް އޮފް އިންޑިއާ އިން ރިޕޯރޓް ކޮށްފައިވާ ގޮތުގައި، ބްރިޖް އެޅުމުގެ ރަސްމީ އެސްޓިމޭޓް ކަމުގައިވާ 200 މިލިއަން ޑޮލަރަކީ، ކުރީގެ ރައީސް މުޙަންމަދު ނަޝީދުގެ ސަރުކާރުގައި 2011 ވަނަ އަހަރު ހަދާފައިވާ އެސްޓިމޭޓްގެ ދެގުނަ އިތުރު އަދަދެކެވެ.

ނިއު ޑެލީގެ ޚާރިޖީ ކަންކަމާއި ގުޅޭ މާހިރަކާއި ހަވާލާދީ އިންޑިއާ ޓައިމްސް އިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި، ދިވެހި ސަރުކާރުން ވަނީ ހުޅުމާލެ ތަރައްޤީކުރުމުގެ ގާތްގަނޑަކަށް ހުރިހާ މަޝްރޫޢުއެއް ޗައިނާއާއި ހަވާލުކޮށްފައެވެ. އޭގެ ތެރޭގައި ހުޅުމާލޭގެ އެތައް ހާސް ހައުސިން ޔުނިޓްތައް އިމާރާތް ކުރުމުގެ މަސައްކަތް ބިޑު ކުރުމަކާ ނުލާ ޗައިނާގެ ކުންފުނިތަކާ ހަވާލުކުރެވިފައި ވާކަން އޭނާ ފާހަގަ ކުރައްވާފައި ވެއެވެ. އަދި ކަން މިހެން އޮތް އިރު ރާއްޖެ ވަނީ ޗައިނާގެ ދަރަނީގެ ދަލުގައި ޖެހިފައި ކަމަށާއި، ކޮމާޝަލް ލޯނުގެ ގޮތުގައި ނަގާފައި ވާ ލޯނުތައް ދައްކާ ނިމޭއިރު ރާއްޖޭގެ ބަޖެޓުން އަސްލު ޕރޮޖެކްޓް ތަކުގެ ހަރަދުގެ ދެތިންގުނަ އިތުރަށް ދައްކަން ޖެހިދާނެކަމަށް އޭނާ ވިދާޅުވެފައިވެއެވެ.