English Edition
Dhivehi Edition

ވިލިމާލެ އާއި މާލެއާއި ދެމެދު ބުރިޖެއް އަޅާނެކަމުގެ އިޝާރާތެއް ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު ނިހާން ދެއްވައިފި އެވެ.

އެކި ޕާޓީ ތަކުން ރިޔާސި އިންތިހާބާ ދިމާކޮށް ވައުދުތައް ކުރަމުން އަންނައިރު ނިހާން ރޭ ކުރި ޓުވީޓް އެއްގައި ބުނެފައި ވަނީ ދިރުމެއް އޮތް ނަމަ އުއްމީދެއްވެސް ވާނޭ ކަމަށާއި މާލެ އާއި ހުޅުމާލޭ ގުޅުވައިދޭން އަޅާ ބުރިޖު ވަރަށް އަވަހަށް ނިމިގެންދާނޭ ކަމަށެވެ. އަދި މާލެ އާއި ވިލިމާލެ ގުޅާލުމުގެ އުއްމީދު ކުރާ ކަމަށް ނިހާނު ވަނީ ވިދާޅުވެފައެވެ.

މާލެ އާއި ހުޅުމާލެގައި އަޅަމުންދާ ބުރިޖު ނިމުމުން މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް އެކި ގޮއް ގޮތުން ފަސޭހަ ވެގެންދާނޭ ކަމަށް ސަރުކާރުން ބުނެއެވެ. އަދި މީގެ ސަބަބުން ރާއްޖޭގެ އިގްތިޞާދީ ދުވެލި ކުރިއަށް ވުރެ އެތައް ގުނައަކަށް ކުރިއަރައިގެން ދާނެ ކަމަށް ވެސް ސަރުކާރުން ދަނީ ބުނަމުންނެވެ.

މިހާރުގެ ސަރުކާރުން މީގެ ކުރިންވެސް ވަނީ 2 ތަނެއްގައި ބުރިޖު އެޅުމުގެ ވާހަކަތަކެއް ދައްކަވާފައެވެ. އެއީ މިހާރު މާލެއާއި ހުޅުމާލޭގައި އަޅަމުންދާ ބުރިޖާއި އައްޑޫ ސިޓީ ހުޅުމީދޫ އާއި ހިތަދޫ އާއި ދެމެދު އަޅާ ބުރިޖެއްގެ ވާހަކައެވެ.

އެއްފަސްކޮށް އޮންނަ އައްޑޫ ސިޓީގެ ރަށްތަކާ، ވަކިން އޮންނަ ހުޅުމީދޫއާ ބްރިޖަކުން ގުޅުވާލުމަކީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ތަޞައްވަރެއްކަމަށް ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ޗައިނާ މޯލްޑިވްސް ޕްރެންޑްޝިޕް ބްރިޖްގެ މަޝްރޫއަށް 220 މިލިއަން އެމެރިކާ ޑޮލަރު ހަރަދުވެއެވެ. ބްރިޖްގެ ދިގުމިނުގައި 1.39 ކިލޯމީޓަރު އަދި ފުޅާ މިނުގައި، 20.3 މީޓަރު ހުރެއެވެ. ބްރިޖްގައި ހަތަރު ފުރޮޅުލީ ވެހިކަލް ދުއްވާ ދެ ލޭން އާއި، ސައިކަލްތަކަށް ވަކި ލޭން އަކާއި، ބައިސްކަލުގައި އަދި ހިނގާފައި އުޅޭ ފަރާތްތަކަށް ވަކި ލޭންއެއް ހިމެނެއެވެ.

މި ބްރިޖްގެ ހުރިހާ ތަނބެއް މި ޖުލައި މަހުގެ ތެރޭގައި ގުޅުވާ ނިންމާލެވޭނެކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.