English Edition
Dhivehi Edition
04 ފެބްރުއަރީ 2020ގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

ކޮރޯނާވައިރަސް ފެތުރޭ ޤައުމުތަކުން ޖަނަވާރު ދިވެހި ރާއްޖެއަށް އެތެރެކުރުން ފިޝަރީސް މިނިސްޓްރީން މަނާކޮށްފިއެވެ.

ޕިޝަރީސް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ކޮރޯނާވައިރަސް އަދި ދޫނި ރޯނގާއިން ރައްކާތެރިވުމަށް ވެޓެރިނަރީ ސެކްޓަރއިން ދުރާލާ އަޅާ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން މިބަލިތައް އުޅޭ ޤައުމުތަކުން ދިރޭ ޖަނަވާރު އެތެރެކުރުމަށް ހުއްދަދިނުން ވަގުތީގޮތުން އެ މިނިސްޓްރީން މެދުކަނޑާލާފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނެފައި ވަނީ އަލުން އެ ޤައުމުތަކުން ރާއްޖެއަށް ޖަނަވާރު އެތެރެކުރަން ހުއްދަ ދޭނޭ ތާރީހެއް އިއުލާން ކުރާނޭ ކަމަށެވެ.

ފިޝަރީސް މިނިސްޓްރީގެ އިއުލާނުގައި ބުނެފައި ވަނީ ޗައިނާގެ ވުހާންއިން ފެތުރެންފެށި ނޮވެލް ކޮރޯނާ ވައިރަސްގެ އަސްލަކީ ޖަނަވާރު ކަމުގައި ދުނިޔޭގެ ޖަނަވާރުގެ ސިއްޚަތާބެހޭ ޖަމިއްޔާ އަދި ދުނިޔޭގެ ސިއްޚަތާ ބެހޭ ޖަމްއިއްޔާއިން ލަފާދެއްވާފައިވުމުން، މިވައިރަހަކީ ޒޫނޮޓިކް ވައިރަހެއްކަން ވަނީ ކަށަވަރު ކޮށްފައި ކަމަށެވެ.

ޗައިނާގެ ވުހާންއިން ފެނުނު ކޮރޯނާ ވައިރަސް އެ ޤައުމުން ބޭރުވެ ދުނިޔޭގެ އެކި ހިސާބުތަކަށް ފެތުރިފައިވާއިރު 492 މީހުން މިހާތަނަށް މި ވައިރަހުގައި ވަނީ މަރުވެފައެވެ. އަދި 25 އަށްވުރެ ގިނަ ޤައުމަށް މި ވައިރަސް ފެތުރިފައިވާއިރު 20،000 އަށްވުރެ ގިނަ މީހުންނަށް ވަނީ މި ވައިރަސް ޖެހިފައިއެވެ.

ކޮރޯނާ ވައިރަހުގެ އިތުރުން ދޫނި ރޯނގާވެސް ވަނީ ބައެއް ޤައުމުތަކުން ފެންނަން ފަށައިފައެވެ.