English Edition
Dhivehi Edition

އިންޑިއާގެ ކެރަލާ ސްޓޭޓުގައި ނޮވެލް ކޮރޯނާ ވައިރަހަށް ތިން މީހަކު ޕޮޒިޓިވްވުމާއެކު، އެ ސްޓޭޓުން “ސްޓޭޓް އޮފް ކެލެމިޓީ” ގާއިމު ކުރުމާ ގުޅިގެން ދިވެހިން ކެރެލާއަށް ދަތުރު ނުކުރުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.

ފޮރިން މިނިސްޓްރީން މިރޭ ބުނީ “ސްޓޭޓް އޮފް ކެލެމިޓީ” ގެ ހާލަތު ދެމިއޮތްހާ ހިނދަކު، ކޮންމެހެން ކުރަން ޖެހިއްޖެ ހާލަތެއްގައި މެނުވީ، ދިވެހިން ކެރަލާއަށް ދަތުރުނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.

“އަދި މި ވަގުތު އިންޑިއާގެ އެކި ސްޓޭޓުތަކުގައާއި ވަކިން ޚާއްސަކޮށް ކެރަލާ ސްޓޭޓުގައި ދިރިއުޅޭ އަދި އެ ގައުމަށް ޒިޔާރަތްކުރާ ދިވެހީން މި މިނިސްޓްރީ ނުވަތަ އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަން ނުވަތަ ތިރުވަނަންތަޕޫރަމުގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓް ޖެނެރަލްގައި ރަޖިސްޓްރީވުމަށްވެސް އިލްތިމާސްކުރަން.” ފޮރިން މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން އިންޑިއާގެ ކަމާބެހޭ އިދާރާތަކުން މި ބައްޔާގުޅޭގޮތުން ދެއްވާ އިރުޝާދުތަކަށް ސަމާލުކަންދިނުމަށާއި އަމަލުކުރުމަށްވެސް ފޮރިން މިނިސްޓްރީން ވަނީ އެދިފައެވެ.

ކޮރޯނާ ވައިރަސް މުޅި ދުނިޔެއަށް ފެތުރިފައިވާއިރު މި ވައިރަސް ޖެހިފައިވާ 20،530 މީހުން މިހާރުވަނީ ފެނިފައެވެ. އަދި 426 މީހަކު ވަނީ މި ވައިރަހުގެ ސަބަބުން މަރުވެފައެވެ. މި އަދަދު އެއް ދުވަހުން އަނެއް ދުވަހަށް ބާރު ސްޕީޑުގައި މަތިވަމުން އަންނަ އިރު ވައިރަހަށް ފަރުވާ ހޯދިފައިވާ ކަމަަށް ވެސް ބައެއް ގައުމު ތަކުން އަންނަނީ ބުނަމުންނެވެ.