ދިވެހި ރައްޔިތުންގެ ފަރާތުން އެއް މިލިއަން ދިވެހި މަސްދަޅު ޗައިނާގެ ރައްޔިތުންނަށް ހަދިޔާކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.
މިރޭ ފޮރިން މިނިސްޓްރީގައި ބޭއްވި ކުއްލި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކަން އިއުލާންކުރައްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ފޮރިން އެފެއާޒް، އަބްދުﷲ ޝާހިދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އެގޮތަށް ނިންމަވާފައިވަނީ ޗައިނާގައި މިވަގުތު ފެތުރެމުންދާ ކޮރޯނާ ވައިރަސްއާ ގުޅިގެން އެގައުމަށް ދިމާވެފައިވާ ހާލަތުގައި، ދިވެހި ރައްޔިތުން ޗައިނާ ރައްޔިތުންނާއެކު ތިބިކަމުގެ ރަމްޒެއްގެ ގޮތުން ކަމަށެވެ.
އަދި ނޮވެލް ކޮރޯނާ ވައިރަސްއާއި ދެކޮޅަށް ޗައިނާ ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ދިވެހި ސަރުކާރާ ރައްޔިތުން ތިބީ ޗައިނާ ސަރުކާރާ ރައްޔިތުންނާއި އެކު ކަމަށާއި، މިދަނޑިވަޅުގައި ޗައިނާގައި ތިބި ދިވެހި ރައްޔިތުންނަށް ޗައިނާ ސަރުކާރުން ފޯރުކޮށްދޭ އެހީތެރިކަމާއި ކަށަވަރުކޮށްދީފައިވާ ރައްކާތެރިކަން، ދިވެހި ސަރުކާރުން ފާހަގަކޮށް، އެކަން ބަލައިގަންނަ ކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.
ޗައިނާގައި ފެތުރެމުންދާ ކޮރޯނާ ވައިރަސްގެ އަސަރު އެންމެ ބޮޑަށް ފެތުރިފައިވާ ހޫބެއި ޕްރޮވިންސްގެ ވޫހާން ސިޓީގައި ތިބި ދިވެހިންގެ ތެރެއިން، އެނބުރި ރާއްޖެ އަންނަން ބޭނުންވާ ހަތް ދިވެއްސަކު ވަނީ އެއަރ އިންޑިއާގެ ޚާއްސަ ފްލައިޓެއްގައި އިންޑިއާއަށް ގެންގޮސް ކަރަންޓީނުކޮށްފަ އެވެ.
އެ ހަތް ދިވެހިން ރާއްޖެ އަންނާނީ ބައިނަލްއަޤްވާމީ ސިއްހީ މިންގަނޑުތަކުގައި ކަނޑައެޅިފައިވާ ފަދައިން، އިންޑިއާގެ ކަރަންޓީން ފެސިލިޓީއެއް ގައި ބައިތިއްބައިގެން މޮނީޓަރކުރުމަށްފަހު ކަމަށާއި، އެމީހުންގެ ހާލު ރަނގަޅު ކަމަށް ފޮރިން މިނިސްޓްރީ އިން ބުނެއެވެ.
ފޮރިން މިނިސްޓްރީ އިން ބުނީ ޗައިނާގެ އެހެން ސިޓީތަކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޗައިނާ ސަރުކާރާއި މަޝްވަރާކުރަމުންދާ ކަމަށެވެ. އަދި ޗައިނާ ސަރުކާރުންވަނީ ޗައިނާ ގައި ތިބި ހުރިހާ ދިވެހިންގެ ރައްކާތެރިކަން ކަށަވަރުކޮށް، އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން ދީފައި ކަމަށްވެސް ފޮރިން މިނިސްޓްރީ އިން ބުނެއެވެ.