ޖެހިޖެހިގެން ދެވަނަ އަހަރު މައްކާ ރޫޓު އިނިޝިއޭޓިވްގައި ދިވެހިރާއްޖެ ހިމަނައި، ދިވެހި ހައްޖާޖީންނަށް ފޯރުކޮށްދެމުން އަންނަ ލުއިފަސޭހަ ހިދުމަތްތަކަށްޓަކައި ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ސައުދީ އަރަބިއްޔާއަށް ޝުކުރު އަދާކުރައްވައިފި އެވެ. މިނިސްޓަރު މިކަމަށް ޝުކުރު އަދާކުރެއްވީ ސައުދީގެ ފޮރިން މިނިސްޓަރު ޕްރިންސް ފައިސަލް ބިން ފަރުހާން އަލް ސައުދުއާ އެކު ފޯނުން ގުޅުއްވައި ކުރިއަށް ގެންދެވި ހާއްސަ މަޝްވަރާތަކެއްގައެވެ.
ފޮރިން މިނިސްޓްރީން ބުނީ، ރާއްޖޭގެ ފޮރިން މިނިސްޓަރުކަމާ އަލަށް ހަވާލުވެވަޑައިގެންނެވި އިރުތިޝާމް އާދަމް ކުރެއްވި މި ފޯނު ކޯލުގައި، ރާއްޖޭގެ ތަރައްގީގައި ސައުދީ އަރަބިއްޔާގެ ހިއްސާ ބޮޑުކަން ފާހަގަކުރެއްވި ކަމަށެވެ. ހާއްސަކޮށް ހައްޖުގެ މުގައްދަސް ދަތުރަށް ފުރާ ދިވެހިންނަށް ސައުދީ ސަރުކާރުން ފޯރުކޮށްދޭ ހިދުމަތްތަކާއި، އެ ގައުމަށްދާ ދިވެހި ވަފުދުތަކަށް އަދާކުރާ މެހްމާންދާރީއަށް މިނިސްޓަރު ވަނީ ވަރަށް ބޮޑަށް ސާބަސް ދެއްވާފަ އެވެ.
މި މަޝްވަރާތަކުގައި ދެ ގައުމުގެ ދޭދޭ ގުޅުން މިހާރަށް ވުރެ ބޮޑަށް ބަދަހިކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ވެސް ދެ ބޭފުޅުން ވާހަކަފުޅު ދެއްކެވި އެވެ. އަދި ސަރަހައްދީ ތަރައްގީއާއި ހަމަޖެހުން ގާއިމުކުރުމަށްޓަކައި ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، ސަރަހައްދީ ރައްކާތެރިކަން ދެމެހެއްޓުމަށް ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ފޮރިން މިނިސްޓަރު އިރުތިޝާމް ވަނީ ސައުދީގެ ފޮރިން މިނިސްޓަރަށް ދެއްވާފަ އެވެ.