މެދުރާއްޖެތެރޭގެ ރަށެއްގައި ކުޑަ ދެ ކުއްޖަކަށް ޖިންސީ ގޯނާކުރި ދޮންބައްޕައެއްގެ މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބަލަން ފަށައިފި އެވެ.
ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު ވިދާޅުވީ ނޯތު ސެންޓްރަލް ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގައި 55 އަހަރުގެ ދިވެހި ފިރިހެނަކު، އޭނާގެ ދެ ދޮން ދަރިންނާމެދު ޖިންސީ ގޯނާ ކުރި މައްސަލައެއް މިމަހުގެ އެއްވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
އަދި އެ މައްސަލައިގައި އަނިޔާ ލިބިފައިވަނީ އުމުރުން 18 އަހަރުން ދަށުގެ ދެ އަންހެން ކުދިންނަށް ކަމަށްވެސް އިޒްމިއާ ވިދާޅުވި އެވެ.
ނަމަވެސް އެ މައްސަލާގައި ތުހުމަތު ކުރެވޭ ދޮންބައްޕަ ހައްޔަރުކުރި ކަމެއް ނުވަތަ ނޫން ކަމެއް އަދި ސާފެއް ނުވެއެވެ.
ފުލުހުން ބުނީ ކުޑަކުދިންނަށް ކުރާ އަނިޔާއަކީ އެ ސަރވިސް އިން ސީރިއަސްކޮށް ބަލަމުންދާ މައްސަލަތަކެއް ކަމަށާއި، އެފަދަ މައްސަލަތަކުގައި ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރިކުރުމުގެ ގޮތުން ހާދިސާ ހިނގި އަތޮޅާއި ރަށް ހާމަނުކުރާ ކަމަށެވެ.
ރާއްޖޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ފެންމަތިވާ މިންވަރު ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.