English Edition
Dhivehi Edition
މިއަދު ނިޔާވި އިބްރާހިމް އާސިފް - ފޮޓޯ: ޓްވިޓާ (ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު)

ދިގު މުއްދަތަކަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އަށް ޚިދުމަތްކޮށްދެއްވި މުވައްޒަފެއް ކަމަށްވާ އިބްރާހިމް އާސިފް (ބަބާ) ނިޔާވެއްޖެ އެވެ.

އާސިފް ނިޔާވުމާއި ގުޅިގެން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ އާސިފްގެ އަނބިކަނބަލުންނާ އާއިލާގެ ބޭފުޅުންނަށް ގުޅުއްވައި ތައުޒިޔާ ވިދާޅުވެފަ އެވެ.

ސްރީ ލަންކާގައި މިވަގުތު ތިއްބެވި އާސިފްގެ އާއިލާ ބޭފުޅުންގެ ތެރެއިން އަނބިކަނބަލުންނާއި، ދަރިކަލުންނާއި ދަރިކަނބަލުންގެ އިތުރުން އާސިފްގެ ބޭބެއަށް މިނިސްޓަރ ޝާހިދު ފޯނުން ގުޅުއްވައި، ތައުޒިޔާ ވިދާޅުވެ، އެބޭފުޅުންނަށް ހިތްވަރު ދެއްވިއެވެ.

ސްރީލަންކާގެ ކޮޅުނބުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ސެކަންޑް ސެކްރެޓަރީއެއްގެ ގޮތުގައި މަސައްކަތްުކުރެއްވި އާސިފް ނިޔާވީ ރޭގެ ދަންވަރުގެ ވަގުތެއްގައެވެ. އާސިފް ވަނީ 29 އަހަރަށްވުރެ ގިނަ ދުވަހު ޚާރިޖިއްޔާގައި މަސައްކަތް ކުރައްވާފައެވެ.

އާސިފް އަކީ މީހުންނާއި ގުޅޭ، މަސައްކަތަށް ފަރުވާތެރި މުވައްޒަފެއް ކަމަށް ފޮރިން މިނިސްޓްރީ އިން ބުނެއެވެ.